
އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ހުޅުމާލެ ފޭސް 2 ގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން9 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކްސިޑެންޓްއާއި ބެހޭގޮތުން މަޢުލޫމާތު ޙިއްސާކުރަމުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އެކްސިޑެންޓް ވުމުން ފަހަތުގައި އިން ކުޑަކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. މި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމުން އައިޖީއެމްއެޗްއަށް ބަދަލުކޮށް، ވެންޓިލޭޓަރުގައި ފަރުވާދޭން މިހާރު ވަނީ ފަށާފައެވެ.
ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.



