
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ބަންޑާރަނައިބު އަޒީމާ ޝަކޫރު އައްޔަނު ކުރައްވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތްކުރައްވާ އާޒިމާ މި މަގާމަށް އައްޔަންކުރައްވާފައިވާކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އާޒިމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި އެމަޤާމުގައި ހުންނަވާ އެމްއެމްޕީއާރުސީ މައްސަލާގައި މަނީ ލޯންޑާކުރަން ޔާމީނަށް އެހީތެރިވެދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ފެބްރުވަރީ 2019 ގައި އާޒިމާގެ މައްޗަށް ދައުލަތުން ވަނީ ކޮށްފަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދައުވާތައް ފަހުން ވަނީ އަނބުރާ ނަގާފަ އެވެ.
ޕީޖީ އޮފީހުން ދައުވާތައް އަނބުރާ ނެގީ އެދައުވާތައް މުރާޖައާކުރުމަށްފަހު، ތުހުމަތު ކުރެވޭ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ، އާޒިމާގެ މައްޗަށް އެ ދައުވާތައް ކުރިއަށްގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށް ފެންނާތީ އެވެ.



