މި ދުނިޔެއަކީ އަޖައިބެއް ކަހަލަ ތަނެކެވެ. ދިރިއުޅުމުގެ ކަންތައްތައް ބަދަލުވެގެން ދާނީ ކޮން އިރަކު، ކޮން ގޮތަކަށް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. މިއަދު މުއްސަނދި ކަމާއި އަރާމުގައި އުޅެފައި، މާދަމާ ފަޤީރު ނިކަމެތި ކަމުގައި އުޅެން ޖެހިދާނެއެވެ. މިއަދު އުފަލުގައި އުޅެފައި، މާދަމާ ހިތާމަ ކުރަން ޖެހިދާނެއެވެ. މިއަދު އެކުގައި އުޅެފައި، މާދަމާ ވަކިވާން ޖެހިދާނެއެވެ. އާއެކެވެ. ދިރިއުޅުމުގެ ކަންތައް ބަދަލުވެގެން ދާނީ ކިހިނެއް، ކޮން ވަޤުތަކުކަމެއް، ކޮން ގޮތަކުން ކަމެއް، އެކަކަށްވެސް ނޭންގޭނެއެވެ. އަހަންނަށްވެސް ވީ އެހެންނެވެ. ނުހަނު ލޯބިން، ނުހަނު އުފަލުގައި ދިރިއުޅެމުން ދިޔަ ޙަޔާތް ބަދަލުވެ، ޙަޔާތަށް ހިތާމައާއި ހިތްދަތިކަން އައީ ކުއްލިއަކަށެވެ.

އަހަންނަކީ އެންމެ ކުޑައިރުއްސުރެ ވެސް، ބުރަކޮށް މަސައްކަތް ކުރާ މީހެކެވެ. އެހެންކަމުން އަހަރެންގެ ދިރިއުޅުން ބިނާ ކުރީ އަހަރެންގެ އަމިއްލަ ބުރަ މަސައްކަތުންނެވެ. އެންމެ ކުޑައިރުއްސުރެ ވެސް މުއްސަނދި، މުދާވެރި ދިރިއުޅުމަކަށް ލޯބިކުރާ މީހަކަށް ވުމުން، އެފަދަ އަރާމު ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރަން ޖެހުނު އެއްވެސް މަސައްކަތަކަށް އަހަރެން ފަހެއް ނުޖެހެމެވެ. އަހަރެންގެ ރޭގަނޑާއި ދުވާލު، ދުނިޔަވީ މުދާ ހޯދުމުގައި ހޭދަކޮށްލައި، ޢުމުރުގެ ބޮޑުބައި އެގޮތުގައި ވޭތުކޮށްލީ، އިސްލާމްދީނުގެ އެއްވެސް ކަމަކަށްވެސް ސަމާލުކަމެއް ނުދީއެވެ. އަހަންނަށް މުހިއްމުވީ މުދަލާއި ފައިސާއެވެ. އެހެންކަމުން އަހަރެން ބެލީ މުދަލާއި ފައިސާ އެއްކުރެވޭތޯއެވެ. އަދި އެކަމުގައި އަހަރެންގެ ޒުވާންކަމުގެ ބޮޑުބައިވެސް ދުއްވާލީ ވަރުބަލިކަމެއް ނެތިއެވެ. އަހަރެންގެ ބުރަ މަސައްކަތުން މުއްސަނދިކަން ލިބުނެވެ. ދުނިޔަވީ އަރާމާއި އުފާ ލިބުނެވެ. އެހެންނަމަވެސް، ހިތްހަމަޖެހުމެއް ނުލިބެއެވެ. ޢުމުރުން ސާޅީސް އަހަރު ވީއިރުވެސް، މުއްސަނދިކަން ހޯދުމުގެ މަސައްކަރުގައި އަވަދިނެތިވުމުން އަހަރެން ކައިވެންޔެއްވެސް ނުކުރަމެވެ. ލޯބީގެ ގޮތުން މީހުންނާ ގުޅުނު ނަމަވެސް، އަންބަކަށް ވަޤުތު ދީގެން އަހަރެންގެ މަސައްކަތައް ބުރުލެއް އަރާފާނެތީ، އަހަރެން އެކަމަށް ފަސްޖެހުނީއެވެ. ލޯބީގެ ގޮތުން ގުޅޭ މީހަކު ކައިވެނީގެ ވާހަކަ ދައްކައިފިނަމަ، ވަޤުތުން އެމީހަކާއި ދުރުވަނީ، އެކަމުގެ ސަބަބުން އޭނާއަށް ކުރާނެ އަސަރަކާއި، ވާނޭ ދެރައަކަށް އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ. އެގޮތައް އަހަންނަށް ހަލާކު ކޮށްލެވުނީ ކިތައްމީހުންގެ ހިތް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް، އުމުރުން މިހާ ދުވަސް ވިއިރުވެސް ކައިވެނި ނުކޮށް ހުރުމުން އަހަރެންގެ މައިންބަފައިންނަށް ކަމުނުގޮސްގެން އެވާހަކަ ދައްކައި، ކައިވެނި ކުރުމަށް ބާރުއަޅަން ފެށުމުން، އެންމެ ފަހުން މައިންބަފައިންގެ އެދުމަށް އިޖާބަދީ އަހަރެން ކައިވެނި ކުރީމެވެ. ކައިވެނި ކުރީވެސް އެމީހުންނަށް ކަމުގޮސްގެން ދެއްކި މީހަކާއެވެ.

ކައިވެނީގެ ފަހުންވެސް، އަހަރެންގެ ދިރިއުޅުމަކަށް މާކަބޮޑު ބަދަލެއް ނުގެންނަމެވެ. ކުރީގެ ބުރަ މަސައްކަތާއި، ގިނަ ވަޤުތު ގެއިން ބޭރުގައި އުޅުމާއި، އަދި އޭގެ އިތުރުން ބޭނުން ވެއްޖެނަމަ ލޯބިވެރިން ގެންގުޅުންވެސް އަހަރެން ކުރިއަށް ގެންދިއައީމެވެ. އެކަމުގެ ސަބަބުން އަންހެނުން ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނުމުން އަހަރެން އެއަށް ދެނީ ބީރު ކަންފަތެކެވެ. މިއީ އަހަރެންގެ ދިރިއުޅުމެވެ. އަހަރެން މި ޚަރަދު ކުރަނީ އަހަރެންގެ ބުރަ މަސައްކަތުން ހޯދާފައިވާ ފައިސާއެވެ. ވީމާ މި ފައިސާގެ ފޮނިމީރުކަން ހޯދާނީ އަހަރެން ބޭނުން ގޮތަކަށެވެ. އަހަރެން ބޭނުން ގޮތަކަށް، ބޭނުން މީހަކަށް އެ ފައިސާ ޚަރަދު ކުރާނަމެވެ، މިކަމުގެ މައްޗަށް ބަސް ބުނެވޭނޭ މީހަކު ނުހުންނާނެއެވެ. އަހަރެން އުޅޭ ގޮތާ ނުރުހޭނަމަ ދޫކޮށްލާފައި ދިޔަސް އަހަންނަށް އެންމެ ރަނގަޅެވެ.

ދިރިއުޅުން މިހެން ކުރިއަށް ދަނިކޮށް، އަހަރެންގެ އަންހެނުން ބަލިވެ އިނދެ ފުރަތަމަ ދަރިފުޅު ލިބުނެވެ. ފިރިހެން ކުއްޖެކެވެ. ޢުމުރުގެ މިހާ ހިސާބަށް ދިއުމުން، ބައްޕާއޭ ކިޔާފައި ގޮވާލާނޭ ކުޑަކުޑަ ކުއްޖަކު ލިބުމީ އަހަންނަށް ބުނެދޭންވެސް ނޭނގޭފަދަ އުފަލެއް ލިބުނު ކަމެކެވެ. އަހަރެންގެ ކުޑަ ކުޑަ ނަބީލަކީ،  އަހަރެންގެ ޙަޔާތުގެ ނޫރެވެ. ލިބުނު ހަމައެކަނި ދަރިފުޅާއެކު އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލު ތަކެއް ގެންނަން ފެށީމެވެ. ރެއާއި ދުވާލު ގެއިން ބޭރުގައި އުޅުނު އުޅުން ބަދަލު ކޮށްލައި، ގޭގައި އަނބިމީހާއާއި ދަރިފުޅު ކައިރީގައި ވަޤުތު ހޭދަކުރަން ފެށީމެވެ. އެ ކުޑަކުޑަ ދަރިފުޅާއެކު ހޭދަ ކޮށްލާ ވަޤުތަކީ އަހަރެންގެ ޙަޔާތުގެ އެންމެ އުފާވެރި ވަޤުތުތައް ކަމުގައި ވެގެންދިޔައެވެ. އަދި އަހަރެންގެ ލޯބި ލޯބި ނަބީލަކީ މި ދުނިޔެއިން އަހަރެން އެންމެ ލޯބިވާ ފަރާތް ކަމުގައިވެސް ވެގެން ދިޔައެވެ. އެ ކުޑަ ދަރިފުޅު ހުންއައުމުން އަހަރެން މުޅި ރޭގަނޑު ހޭދަކޮށްލަނީ ދަރުފުޅުގެ ޚިދުމަތުގައެވެ، އަދި ތަދުވެގެން ދަރިފުޅު ރޯލާއިރު، އަހަރެންގެ ހިތައްވެސް ވަރަށް އަސަރު ކުރެއެވެ. ވެކްސިން ޖަހަން ގެންދިއުމުން އަހަރެންގެ ދަރިފުޅުގެ ހަށިގަނޑަށް ކައްޓެއް ހަރާލާ، އެކުއްޖާފުޅު ރޮއްވާލާތަން ދުށުމަކީ އެއްގޮތަކަށްވެސް އަހަންނަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އޭނާގެ ކުޑަކުޑަ ހަށިގަނޑުގައި އަޅާ ވޭނަކީ، އަހަރެންގެ ހަށިގަނޑުގައިވެސް އަޅާ ވޭން ކަމުގައި ވަނީ ވެފައެވެ. އަހަރެންގެ ހުރިހާ މުދަލަކާއި ހުރިހާ އެއްޗެއް ދަރިފުޅަށް ޚަރަދު ކުރަމުން ދިޔައީ ބެލުމެއް ނެތިއެވެ، އަދި ދަރިފުޅަށްޓަކައި، ކުދި ކުދި ކަންތައްތަކާއި ބޮޑެތި ޚަރަދު ކޮށްލުމަކަށް އަހަރެން ފަހެއް ނުޖެހެމުއެވެ.

ނަބީލްދެކެ އަހަރެން ލޯބިވާ މިންވަރު އަހަރެންގެ އަންހެނުންނަށާއި އަދި ގޭގައި އުޅޭ އެންމެނަށް ވެސް އެނގޭނެއެވެ. އޭނާ އެއްޗެއް ބޭނުންވެގެން ރޯލައިފިނަމަ، އަދި އެ އެއްޗެއް ނުދީފި ނަމަ، އެމީހަކުދެކެ އަހަރެން ވަރަށް ރުޅިއައިސް އެއްޗެހިވެސް ކިޔަމެވެ. އެހެން ކަމުން، ގޭގެ އެންމެންވެސް އޭނާގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ އަހަރެންގެ ރުޅިވެރިކަމާއި އެއްޗެހި ކިއުމާއި ކުރިމަތިލާން ނުޖެހޭނެ ގޮތަށެވެ. އެންމެންވެސް އަހަރެން ދެކެ ބިރުގަނެއެވެ.

ނަމަވެސް……ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. އެހާ ލޯބިން، އެހާ ބަލައިގެން ގެންގުޅޭ އެއްޗެއްވެސް، ގެއްލިގެން ބީވެގެން ދާނީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރެންގެ ނަބީލު އަހަންނަށް ގެއްލުނީ ކުއްލިއަކަށެވެ. ދަރިފުޅުގެ ހިތްހަމަޖެހުމަށް ކޮންމަފަދަ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި މި ބައްޕަގެ އަތުން، އެ ކުޑަކުޑަ ދަރިފުޅު ގެއްލިގެން ދިޔައީ ކުއްލިއަކަށެވެ. ޖެހުނު ގަދަ ހުމެއްގެ ސަބަބުން މި ދުނިޔެ ދޫކޮށް އެ ކުޑަކުޑަ ދަރިފުޅު ދިޔައީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެންގެ ދަރިފުޅު ސަލާމަތްކުރަން އަހަންނަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. އަދި އަހަރެން މި ހުރިހާ ދުވަހުން އެއްކުރި މުދަލަކުންވެސް އެވަޤުތު ވީ އެއްވެސް ފައިދާއެއް ނެތެވެ.

އަހަރެންގެ ދުނިޔެ އަނދިރިވި ކަހަލައެވެ. އެވަޤުތު އަހަންނަށް ކުރެވުނު އިޙްސާސަކީ ބަޔާންކޮށްދެވޭ ވަރަށްވުރެ ފުން އިޙްސާސެކެވެ. ދެލޯ ފަދައިން ގެންގުޅުނު ހަމައެކަނި ދަރިފުޅު މި ދުނިޔެ ދޫކުރުމުން، މި ބައްޕަގެ ހިތަށް ކުރާނެ އަސަރު ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ދިރިއުޅުން ނިމުނު ކަހަލައެވެ. ހިތުގައި އެޅި ވޭން ފަރުބަދައަކަށްވުރެ ބޮޑެވެ. ލޯބިވާ ދަރިފުޅު ދުނިޔެ ދޫކޮށްފިކަން ޤަބޫލުކު ކުރުންވެސް އަހަންނަށް ވީ ދަތި ކަމަކަށެވެ. ޤަބޫލު ކުރަން ބޭނުންވެސް ނުވީއެވެ. އަހަރެން އެ ދަރިފުޅު ގެންގުޅުނީ ވަރަށް ލޯބިންނެވެ. ވަރަށް ރައްކައުތެރި ކަމާއެކުއެވެ. އެންމެ މީރު، އެންމެ މޮޅު ކާނާ ކާންދީގެން، އެންމެ އަގުބޮޑު އެންމެ މޮޅު އެއްޗެތި ދީގެން، އަދި ބައްޔެއް ވުމުން ރާއްޖެއިން ބޭރަށް ގެންގޮސްގެން އެންމެ މޮޅު ޑޮކްޓަރުން ކައިރިން ފަރުވާ ކޮށްގެންނެވެ. ދެން އެ ކުއްޖާ އެހާ ކުއްލިއަކަށް މި ދުނިޔެއާ އަލްވަދާޢު ކިޔާނީ ކިހިނެއް ހެއްޔެވެ.

ދަރިފުޅު ދުނިޔެ ދޫކުރުމުން އަހަރެންވެސް ފުރާނަނެތް މަސްގަނޑެއް ފަދައެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. އެއްވެސް ތަނަކަށް ދާ ހިތެއް ނުވެއެވެ. އެއްޗެއް ކާކަށް ބޭނުމެއް ނުވެއެވެ، އަދި މީހަކާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ. ދަރިފުޅުގެ ހަނދާންތަކާ ދުރައްދާން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ، އެކަމަކު އެކަމެއް އަހަންނަކަށް ނުވިއެވެ. ގޭތެރޭގައި ހުންނައިރު، ދަރިފުޅު ބައްޕީއޭ ކިޔާފައި ގޮވާލާއަޑު އިވޭ ކަހަލައެވެ. ކުޅެއެއްޗެހި ފެނުމުން ދަރިފުޅު މަތިން ހަނދާން ވާލެއް އަދި މާ ބޮޑެވެ. މަސައްކަތައް ދިއުމުންވެސް ދަރިފުޅުގެ ހަނދާންތަކާއި ދުރެއް ނުވެވުނެވެ. ސަބަބަކީ އަހަރެން ބައެއްފަހަރު ދަރިފުޅު ގޮވައިގެން އޮފީހަށް ގޮސް އުޅުނީމައެވެ. ބޭރަށް ނިކުތަސް ދަރިފުޅާއެއްކޮށް އޭނާ ހިތްހަމަ ޖައްސަން ގޮސްފައިހުރި ތަންތަނާއި އަދި ދަރިފުޅުގެ އުފާވެރި ހިނިތުންވުން ހަނދާންވަނީ ކެތްކުރަން އުނދަގޫ ވަރަށެވެ. އަހަރެންނގެ ސިކުނޑިއަކަށް އެއްވެސް އަރާމެއް ނުލިބެއެވެ. ރޯން ބޭނުންވެއެވެ، އެކަމަކު ލޮލުން ކަރުނައެއް ނާދެއެވެ. ވާގޮތް ބަޔާން ކޮށްދޭން ބޭނުންވެއެވެ، އެހެނަސް ދުލަކުން ބަހެއް ބޭރެއް ނުވެއެވެ. ހިތަށް އެއްވެސް ވަރެއްގެ ހަމަޖެހުމެއް ނުލިބެއެވެ. ދަރިފުޅުގެ ހަނދާންތަކާއި ދުރަށް ދާން އަހަރެން ކުރާނީ ކީއްކަމެއް ނޭނގެއެވެ، އަދި ދާނީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ރެޔާއި ދުވާލު ހޭދަ ކޮށްލަނީ ދަރިފުޅުގެ ހަނދާނުގައި ހިތާމަ ކުރުމުގައެވެ. ހިތްހަމަ ޖައްސަން ކުރާނެ ކަމެއް، ދާނެ ތަނެއް ނޭނގި، ވާނުވާއެއް ނޭނގި މަގުމަތީގައި އެތައް އިރެއް ވަންދެން ހިނގަމެވެ. އަހަންނެކޭ، ދުނިޔެއިން މޮޔަވެ، ދުނިޔޭގައި ވާނުވާ ނޭނގޭ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ.

މިހެން އުޅުމުގެ ތެރޭގައި، އެއްދުވަހު ގެއިން ބޭރުގައި އުޅެނިކޮށް އިވުނީ މިސްކިތުން ބަންގި ގޮވާ އަޑެވެ. އެއިރު އަހަރެން ހުރީ މިސްކިތާއި ވަރަށް ކައިރީގައެވެ. ބަންގި ގޮވާ އަޑު އިވުމުން އަހަރެން ހިތަށް އެރިއެވެ. އަހަރެން ދަރިފުޅު ގޮވައިގެން ދުނިޔޭގެ އެތަންމިތަނަށް ދިޔައިރު ވެސް، ދުވަހަކުވެސް ދަރިފުޅު ގޮވައިގެން މިސްކިތަކަށް ނާންނަމެވެ. އެހެންވީމާ، މިތާނގައި އަހަރެންގެ ދަރިފުޅު މަތިން ހަނދާން ވާނޭ އެއްވެސް ކަމެއް ނުހުންނާނެއެވެ. މިތަނަށް އަހަރެން ވަދެއްޖެ ނަމަ، އަހަރެންގެ ދަރިފުޅުމަތިން ހަނދާން ނައްތާލަން ފަސޭހަވެސް ވާނެއެވެ. އެހެން ހިތަށް އަރާ އަހަރެން މިސްކިތަށް ވަނީމެވެ. ނަމާދު ގަޑީގައި އެންމެން ނަމާދަށް އަރާއިރު، އަހަރެން މިސްކިތަށް ވަދެ ނަމާދު ނުކޮށް ހުރުމަކީ ލަދު ކަމެކެވެ، އެހެންކަމުން އަހަރެންވެސް ވުޟޫ ކޮށްލައިގެން ޖަމާޢަތާ އެއްކޮށް ނަމާދަށް އެރީމެވެ. އެއީ، އަހަރެން ހަނދާންވާން ފެށީއްސުރެ ވެސް އަހަރެންގެ ޙަޔާތުގައި ކުރި އެންމެ ފުރަތަމަ ނަމާދެވެ. އަދި އެއީ، އަހަރެންގެ ހިތުގައިވާ ނުތަނަވަސްކަމާއި ހިތްދަތިކަން ފިލުވާލައި، އަހަރެންގެ ހިތާމަތައްވެސް ފިލުވައިދިން ފުރަތަމަ ނަމާދެވެ.

ނަމާދު ކުރަމުން ދިޔައިރު އަހަންނަށް ކުރެވުނު އިޙްސާސްތައް އެއީ އަހަރެން ދުވަހަކުވެސް ހަނދާން ނެތޭނޭ އިޙްސާސްތަކެއް ނޫނެވެ. އަހަރެންގެ ދުލަކުން އެއްވެސް ބަހެއް ބޭރެއް ނުވެއެވެ، އެހެނަސް، އަހަރެން ބަޔާން ކޮށްދޭން ބޭނުންވި ހުރިހާ ވާހަކައެއް ކަރުނަތަކެއްގެ ސިފައިގައި ލޮލުން ބޭރުވިއެވެ. ނަމާދުގައި އަހަންނަށް ރޮވެންފެށިއެވެ. އެއީ އަހަރެންގެ ދަރިފުޅު ދުނިޔެ ދޫކުރީއްސުރެ އަހަރެންގެ ލޮލުން ފުރަތަމަ ފަހަރަށް ފޭބި ކަރުނައެވެ. އަދި އެއީ، އަހަރެންގެ ހިތަށް ފިނިކަން ގެނެސްދީ، އުޚްރަވީ ޙަޔާތަށް އަހަރެންގެ ލޯ ހުޅުވަދިން ކަރުނަތިކިތަކެވެ.

ނަމާދުގައިވެސް އަހަންނަށް ރޮވެން ފެށިއެވެ. ނަމާދު ނިމި ސަލާމް ދިނުމާއެކު އަހަންނަށް ސަޖިދައަށް ތިރިވެވުނެވެ، އަދި އަޑުން އަޑުނަގައި ބާރަށް ރޯންފެށުނެވެ. އެއްވެސް މީހަކަށް ބެލުމެއް، އަދި އަޑު އިވިދާނެތީ ފިކުރު ކުރުމެއް ނެތިއެވެ. އަހަރެންގެ ވަށައިގެން ތިބި މީހުން މަޑުމަޑުން ސިއްރުން އެކަކު އަނެކަކު ކައިރީ ވާހަކަ ދައްކާ އަޑު އިވުނެވެ، އެހެންނަމަވެސް އަހަރެން އެކަމަކަށްވެސް ފަރުވާލެއް ނުބަހައްޓަމެވެ. އަހަރެން ބެލީ ރޮވޭތޯއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު އަހަރެންގެ ހިތުގެ ހުރިހާ ހިތާމަތަކެއް ވެސް ފައިބައިގެން ދިޔަ ކަހަލައެވެ. ހިތަށް ހަމަޖެހުމެއް ލިބި، ސިކުނޑިއަށް ލުއިކަމެއް ލިބެން ފެށިއެވެ. އަހަރެން ރުއިން ހުއްޓާލައި، ސަޖިދައިން ތެދުވީ، އަހަރެންގެ ކޮނޑުގައި މީހަކު މަޑުމަޑުން އަތްޖައްސާލުމުންނެވެ. ތެދުވެފައި ދެލޯ ފުހެލާފައި ބަލައިލިއިރު، އެއީ އެދުވަހު މިސްކިތުގައި އިމާމްވެ ނަމާދު ކޮށްދިން މުދިމެވެ. އެއީ ޒުވާން، އަދި މޫނުމަތީގައި އުޖާލާކަމަކާއި، ވާހަކަ ދެއްކުމުގައި މަޑުމައިތިރި ކަމަކާއި ސާދާ ކަމެއް ލިބިފައިހުރި ކުއްޖެކެވެ. އަހަރެން ތެދުވުމުން އޭނާ އަހަރެން ގާތު ވެގެން އުޅޭ ގޮތެއް އެހިއެވެ، އަދި އަހަރެންގެ ހުރިހާ ވާހަކައެއް އޭނާއާ ޙިއްސާ ކުރީމެވެ. އަހަރެން ޅައުމުރު ހޭދަކޮށްލި ގޮތުގެ ވާހަކައާއި، އަހަރެންގެ މުދާވެރި ކަމާއި، އަދި އަހަރެންގެ ނަބީލްގެ ވާހަކައެވެ. އޭނާ އެއްވެސް ފޫހިކަމެއްނެތި އަހަރެން ދެއްކި ހުރިހާ ވާހަކައެއް އަހަން އިނެވެ، އަދި އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ.

އަހަރެންގެ މުޅި ޙަޔާތް ހުސްކޮށްލީ މުދައު އެއްކުރުމުގައެވެ، އެހެނަސް އެ މުދަލުން އަހަންނަށް ވީ ކޮން ފައިދާއެއް ހެއްޔެވެ. އަހަރެން އެންމެ ލޯބިވި ފަރާތް ގެއްލިގެން ދިޔައިރު މި މުދަލުގެ ބާރުން އެކަމެއް ނުހުއްޓުވުނެވެ. އިމާމްގެ ނަސޭޙަތުންނާއި އަދި އަމިއްލައަށް އިޙުސާސްވި އެއްޗަކުން، މި ދުނިޔޭގެ އަރާމާއި އުފަލަކީ ވަޤުތީ އެއްޗެއްކަން، އަދި އެއްވެސް އަގެއްނެތް އެއްޗެއްކަން އަހަންނަށް އިޙްސާސްވިއެވެ. ފައިދާއެއް ކުރާނީ، އާޚިރަތަށް ބޭނުން ހިފޭނޭ އެއްޗަކުންނެވެ. އެއީ ތިމާ ކުރާ އަޅުކަންތަކާއި، ހެޔޮ ޢަމަލެވެ. އެކަން އަހަންނަށް އިޙްސާސްވެއްޖެއެވެ. އަހަންނަކަށް ދެނެއް ދަރިއަކު ލިބުމުގެ އުފަލެއް ނެތެވެ، އެހެން ނަމަވެސް، މިހާރު އަހަރެންގެ އަމާޒަކީ އަހަރެންގެ އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމެވެ، އަދި އަހަރެންގެ ކުޑަކުޑަ ލޯބިވާ ނަބީލްއާއި ސުވަރުގެއިން ބައްދަލުވުމެވެ.

މުޅި އުމުރު ދުވަހު ކުރި މަސައްކަތުން އެއްކުރި އަރާމު ދިރިއުޅުން ދޫކޮށް، އާދައިގެ ދިރިއުޅުމެއް ޚިޔާރުކޮށް، އަދި ގިނަ ވަޤުތު މިސްކިތުގައާއި ﷲ ތަޢާލާ އެންގެވި މަގުގައި ހޭދަ ކުރުމުން އެ ލިބޭ ހިތްހަމަޖެހުމަކީ މީގެ ކުރިން ދުވަހަކުވެސް އިޙްސާސް ކުރެވުނު ކަމެއް ނޫނެވެ. އަހަރެންގެ ދިރިއުޅުން ބަދަލުވި ގޮތާމެދު އަހަރެންގެ އަންހެނުންވެސް ވަރަށް ހިތްހަމަ ޖެހެއެވެ. މީގެ ކުރިން އަހަންނަކީ އަނބިމީހާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތި މީހެއް ނޫނެވެ. އެހެނަސް، ދީނީ ކަންތައްތަކަށް ސަމާލުކަން ދެވި، ދީނީ ގޮތުން ލޯ ހުޅުވެން ފެށުމުން، އަނބިމީހާއަށް ކުރެވޭ އިޙްތިރާމް ބޮޑުވެ، އޭނާއަށް ދޭންވާ ލޯތްބާއި އަޅާލުން އިތުރުކު ކުރެވުނެވެ. އަދި އާއިލާއާއި އެކުގައި މަސައްކަތް ކުރާ މީހުންނާ ދޭތެރޭގައި ޢަމަލު ކުރެވޭ ގޮތްވެސް ބަދަލުވެ، މުޅި މީހާ ބަދަލުވި އެވެ. އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެ، އިސްލާމީ ދިރިއުޅުމަކަށް ބަދަލު ވުމުން، އެލިބޭ ހިތްހަމަ ޖެހުމަކީ، މުޅި ދުނިޔާގެ ހުރިހާ މުދަލެއް އެއްކޮށްލި ނަމަވެސް، ދުވަހަކުވެސް ގަނެވޭނެ އެއްޗެއް ނޫނެވެ. ޙަޤީޤީ އުފަލަކީ، މިއެވެ. ﷲ سبحانه وتعالى އެންގެވި މަގަށް އުޅުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.