
އެހެން މީހަކާ ކިސްކޮށްފާނެތީ ތުންފަތް ކާލައިފި
ފަހުހަރަށް ބައްދަލުކޮށްލަން އެއްބަސް ވެގެން ދެމީހުން ބައްދަލު ކުރީ ރީތި ނިމުމަކުން ނިންމާލާށެވެ. ކޭލާ ހީކުރީ އެމީހުން ދައްކަން އޮތް ވާހަކައެއް ދައްކާ، އަލްވަދާޢު ކިޔުމަށްފަހު ވަކިވާނީ ކަމަށެވެ. ނަމަވެސް، ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އޭނާ ކޭލާއަށް ހަމަލާދިނީ އެވެ.
މަސްތަކެއް ވަންދެން މުޢާމަލާތްތައް ކޮންޓްރޯލްކޮށް، ނޭދެވޭ ޢަމަލުތައް ހިންގަމުން ދިއުމުގެ ސަބަބުން ކޭލާ އޮތީ އެ ގުޅުން ނިންމާލާފަ އެވެ.
އަލުން ގުޅުމަށް އޭނާ އިންކާރު ކުރުމުން، ސެތު އޭރަން ފްލޫރީ ބޮަސްދޭން އުޅޭ ފަދަ ގޮތަކަށް ގާތްވެ، ކޭލާގެ ތިރީ ތުންފަތް ހަފާލާ ބޮޑު ބައެއް ދަތުން ކަނޑާލި އެވެ.
ދަޢުވާލާ ފަރާތްތަކުން ފަހުން ހާމަކުރި ގޮތުގައި، އޭނާ އެކަން ކުރީ ކޭލާގެ ހަށިގަނޑުގައި ލަކުނެއް ނުވަތަ ފާހަގައެއް ޖެހުމުގެ ނިޔަތުގަ އެވެ.
ޑޮކްޓަރުން އަވަސް ފަރުވާއަށް ކޭލާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދި ނަމަވެސް، ތުންފަތުން ވަކިވި މަސްގަނޑު އަލުން ގުޅުވޭގޮތެއް ނުވި އެވެ.
އޭނާގެ މޫނު އަލުން އިއާދަކުރުމަށް ބޮޑެތި އޮޕަރޭޝަންތަކެއްކޮށް، އެތައް ތަނަކުން ފަހަން ޖެހުނެވެ. މި ހާދިސާގެ ސަބަބުން އޭނާގެ މޫނުމަތީގައި ދާއިމީ ލަކުނުތަކެއް ލެވި، ތުންފަތް ރަނގަޅަށް ޙަރަކާތްކުރުމަށް ހުރަސްތަކެއް އެޅުނެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުމަކީ ހަމައެކަނި ޖިސްމާނީ ގެއްލުމެއް ނޫނެވެ.
ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ބަލައިގަންނަން އުނދަގޫވި ކަމަށާއި، އޭނާއަށް ކުރިމަތިވި އެ ބިރުވެރި ހާދިސާގެ ނަފްސާނީ ބުރަ އުފުލަން ޖެހުނު ކަމަށް ކޭލާ ފަހުން ކިޔައިދީފައިވެ އެވެ.
2018 ވަނަ އަހަރު، ފްލޫރީ އޭނާގެ ކުށަށް އިއުތިރާފުވުމުން، 12 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވުނެވެ.
މި ވޭނުގެ ތެރެއަށް ކޭލާ ގެއްލިގެން ދިޔުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް، އޭނާ އިޚްތިޔާރު ކުރީ ހިމޭނުން ހުރުމުގެ ބަދަލުގައި އަޑުއުފުލުމަށެވެ.
އޭނާ ވެގެންދިޔައީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްޤުގައި ވަކާލާތުކުރާ ފަރާތަކަށެވެ. އޭނާއަށް ކުރިމަތިވި ކަންތައްތަކާއި، އެފަދަ ނުރައްކާތެރި ގުޅުންތަކުން ފެންނަން ހުންނަ ނިޝާންތައް އެހެން މީހުންނާ ޙިއްސާކޮށް، ކަންކަން ގޯހުން ގޯހަށް ދިއުމުގެ ކުރިން އެހީތެރިކަން ހޯދުމަށް އޭނާ ބާރުއެޅި އެވެ.
އޭނާ ބޭނުންވީ ކޭލާގެ ދިރިއުޅުމުގައި ބިރުވެރި ނިޝާނެއް ޖެހުމަށެވެ. ނަމަވެސް، ކޭލާ ކަށަވަރުކޮށްދިނީ އޭނާ ދޫކޮށްލާ ނިޝާނަކީ ހިތްވަރާއި، ސަލާމަތްތެރިކަމާއި، އަދި އެހެން މީހުން ރައްކާތެރިކުރުމުގެ ނަމޫނާއަކަށް ހެދުމަށެވެ.



