”ޙަމާސްއިން ހަތިޔާރު ބަހައްޓަންދެން ގާޒާ އަލުން އާބާދުކުރުމުގެ ފުރުސަތެއް ނުދޭނަން“ – ކުޝްނަރ

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްދާއިރު، އިޒްރޭލުގެ ދިފާއީ ހައްގުތައް ހަނިކުރުމަށް އެމެރިކާއިން މަސައްކަތް ނުކުރާނެ ކަމަށް ރައީސް ޓްރަމްޕްގެ ހާއްސަ މަންދޫބު އަދި ދަނބިދަރި ޖެރެޑް ކުޝްނަރ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ މަންދޫބު ކުޝްނަރ ބާރުއަޅުއްވައި ވިދާޅުވީ، ޙަމާސް ޖަމާއަތުން އެމީހުންގެ އަތުގައި ހުރި ހަތިޔާރުތައް ހަވާލުކުރަންދެން، ސުންނާފަތިވެފައިވާ ގާޒާގެ ބިން އަލުން އާބާދުކުރުމުގެ އެއްވެސް މަސައްކަތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުޝްނަރ ހޯމަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ނަމަވެސް، ގާޒާގެ މައްސަލައިގައި ޙަމާސްއިން މިހާރުވެސް އެއްބަސްވެފައިވާ ސުލްހައިގެ މަގުޗާޓު ތަންފީޒުކުރުމާ މެދު އެދެވޭ ކުރިއެރުމެއް މި ބައްދަލުވުމުން ހާސިލެއްނުވި އެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކުޝްނަރ ވިދާޅުވީ، ގާޒާ އަލުން އާބާދުކުރުމުގެ ރޭވުމެއް އެބައޮތް ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ އެ ސަރަހައްދު ހަތިޔާރުން ސަލާމަތްކުރެވިގެން ކަމަށެވެ. އަދި ޓެރަރިސްޓުންގެ ބާރުގެ ދަށަށް ގޮސް، އަލުން ގޮއްވާލާނެ ފަދަ ތަނަކަށް އިތުރު ފައިސާ ހަރަދުކުރަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ސިފައިން ފޭބުމަށާއި، ގާޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން އެކުލަވައިލި އިސްލާހީ މަސައްކަތުގެ ދަށުން، ހަތިޔާރު ބެހެއްޓުމަށް ޙަމާސްއިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، އިޒްރޭލުން ވަނީ މި ހުށަހެޅުމަށް މި މަހުގެ ކުރީކޮޅު އިންކާރުކޮށްފައެވެ. އިޒްރޭލުން ބުނަމުންދަނީ ގާޒާ ފުރިހަމައަށް ހަތިޔާރުން ސަލާމަތް ކުރެވެންދެން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.

ނަތަންޔާހޫގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ކުޝްނަރ، މި ބަސްދީގަތުމުގައި ފާޅުކުރެއްވީ އިޒްރޭލުގެ ވިސްނުމެވެ. އޭނާ ބާރުއެޅުއްވީ އިޒްރޭލު ސިފައިން ގާޒާއިން ފޭބުމުގެ ކުރިން ޙަމާސް ފުރިހަމައަށް ހަތިޔާރުން ސަލާމަތްކުރަން ޖެހޭނެ ކަމަށެވެ. އަދި އިޒްރޭލަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ދިފާއުވުމުގެ ހައްގަށް އެމެރިކާއިން ހުރަސް ނާޅާނެ ކަމަށްވެސް ކުޝްނަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ”ސުލްހައިގެ އެއްބަސްވުމެއް“ އޮތް ނަމަވެސް، އިޒްރޭލުން ދަނީ ގާޒާއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 1,265 މީހުން ޝަހީދުވެފައިވެއެވެ. ޖުމްލަ ގޮތެއްގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,399 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު ރައީސް ޓްރަމްޕް ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ޙަމާސްއިން ހަތިޔާރު ބަހައްޓަން އެއްބަސްވެފައިވާތީ، އިޒްރޭލުން ގާޒާއަށް ހަމަލާދީގެން ނުވާނެ ކަމަށެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އިޒްރޭލަށް 25 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ނަތަންޔާހޫގެ ސަރުކާރު ދިފާއުކޮށް، ގާޒާގައި ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކުރާ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެމެރިކާއިން ވަނީ އަޅާފައެވެ.

ކުޝްނަރ ފާހަގަކުރެއްވި ގޮތުގައި ގާޒާގެ މި އެއްބަސްވުމަކީ އިޒްރޭލަށް ލިބޭ ބޮޑު ކާމިޔާބީއެކެވެ. ކުރިއަށް އޮތް 60 ނުވަތަ 90 ދުވަހުގެ ތެރޭގައި ޙަމާސްއިން އެމީހުންގެ ހަތިޔާރާއި ބިންގަރާސްތައް އަމިއްލައަށް ހަވާލުކޮށްފިނަމަ، އެއީ އިޒްރޭލަށް އޮތް ސަލާމަތީ ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙަމާސްއިން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެމީހުންގެ އިހުލާސްތެރިކަމެއް ނެތްކަން ދުނިޔެއަށް ހާމަވާނެ ކަމަށާއި، އޭރުން އެ މަސައްކަތް ނިންމާލުމަށް އިޒްރޭލަށް އެމެރިކާއާއި އެހެނިހެން ގައުމުތަކުގެ އެހީތެރިކަން އިތުރަށް ލިބޭނެ ކަމަށްވެސް ކުޝްނަރ ވިދާޅުވިއެވެ.

މި ހަމަނުޖެހުން ހައްލުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ތެރެއިން، ކުޝްނަރ ވަނީ އާދީއްތަ ދުވަހު ޙަމާސްގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ ރަނގަޅު މާހައުލެއްގައި ކުރިއަށްދިޔަ ބައްދަލުވުމެއް ނަމަވެސް، އެމެރިކާއިން ޙަމާސްއާ މެދު ގޮތް ނިންމާނީ އެމީހުންގެ އަމަލުތަކަށް ބަލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުޝްނަރ އިތުރަށް ވިދާޅުވީ، ޙަމާސްއިން ދެއްކެވީ ރަނގަޅު ވާހަކަތަކެއް ކަމަށާއި، ނަމަވެސް އެފަދަ ޖަމާއަތަކަށް އިތުބާރު ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.