
އަމާންދިނުމަށް އިރާންއަށް ޓްރަމްޕް ގޮވާލައި ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާންއަށް އިންޒާރުދީފި
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ގާއިމުކުރި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު، ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ނުލައި ހަމަވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އަމާންދިނުމަށް ގޮވާލައި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މަސައްކަތަށް އޮމާނުން ހުރަސްއަޅައިފި ނަމަ އެ ގައުމަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހޯމަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ފާއިތުވި ފަސް މަސް ދުވަހު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އީރާނުން ”ހުދު ދިދަ ނަގައި“ އަމާންދޭން ޖެހޭ ކަމަށެވެ. އަދި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއެކު އޭނާގެ ސަރުކާރުން ސީދާ މުއާމަލާތްތަކެއް ފަށާފައިވާކަން ވެސް ޓްރަމްޕް ކަށަވަރުކޮށްދެއްވި އެވެ. އޭނާ އައި.އާރް.ޖީ.ސީ ސިފަކުރެއްވީ ”މަރުވަމުންދާ“ ނަމަވެސް ”މޮޅު ކުޅުންތެރިންތަކެއް“ގެ ގޮތުގަ އެވެ.
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، މި ހަނގުރާމައިގެ ސަބަބުން އޭނާއަށް އޮތް ސިޔާސީ ތާއީދު ކުޑަވެ، މަސްރަހުގެ ކޮންޓްރޯލް ބޮޑުތަނުން ގެއްލެމުން ދިޔަ ނަމަވެސް، ހަނގުރާމަ ނިންމުމަކަށް ގެނައުމަށް އަވަސް އަރުވާލަން ބޭނުންނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ”އަހަރެންގެ ވަކި ތާވަލެއް ނެތް، އަދި އަވަސް އަރުވާލައިގެންނެއް ވެސް ނޫޅެން،“ އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޓްރަމްޕް މަސައްކަތްކުރީ ބާރު ދެއްކުމަށެވެ. އެގޮތުން، ދުނިޔޭގެ ތެލުގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ އަދި އީރާނުން ބަންދުކޮށްފައިވާ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ކުރާ މަސައްކަތަށް އެމެރިކާގެ ބައިވެރިއެއް ކަމަށްވާ އޮމާނުން ހުރަސްއަޅައިފި ނަމަ، އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދިނެވެ. ”އޮމާނުން ހުރަސްއަޅައިފި ނަމަ، އަހަރެމެން އެ ގައުމަށް ބޮން އަޅައި ސުންނާފަތި ކޮށްލާނަން،“ އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.



