އީރާނާއި އޮމާނުން ހޯރްމުޒް ސަރަހައްދުގައި ވަޤުތީ މަގެއް ހެދުމުގެ މަސައްކަތް ފަށައިފި

ޓްރަމްޕް ހޯރްމުޒް ކަނޑުއޮޅީގެ މިލްކުވެރިކަމަށް ދައުވާކުރާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އީރާނާއި އޮމާނުން އެ ސަރަޙައްދުގައި ވަޤުތީ ދަތުރުފަތުރުގެ މަގެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ކަނޑުދަތުރުފަތުރުގެ އާ މަގެއް ކަނޑައެޅުމަށް އޮމާނާއެކު ކުރެވޭ މަޝްވަރާތަކަކީ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ މެދު ނިންމާ ނިންމުމާ ވަކިން ކުރިއަށްދާ ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާދީއްތަ ދުވަހު އަރަގްޗީ ވިދާޅުވީ، ތެހެރާނާއި މަސްކަޓުން ގުޅިގެން ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ވަޤުތީ ދަތުރުފަތުރުގެ މަގެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި މަޝްވަރާތަކަކީ އެސްޓްރެޓީޖިކް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ނިންމުންތަކާ މުޅިން ތަފާތު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

”ކުރިން ބޭނުންކުރަމުން އައި މަގުތައް މިހާރު ބޭނުންކުރެވޭކަށް ނެތް. އެހެންކަމުން އާ މަގެއް ކަނޑައަޅަން އެބަޖެހޭ، މިވަގުތަށް އަޅުގަނޑުމެން ފަރުމާކުރަނީ ވަގުތީ މަގެއް. ފަހުގެ މަރުހަލާއެއްގައި މިއީ ދާއިމީ މަގަކަށް ބަދަލުކުރެވިދާނެ.“ އަރަގްޗީ ވިދާޅުވި އެވެ.

އަރަގްޗީ އިތުރަށް ވިދާޅުވީ، ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ޚާއްޞަ މަގުތަކާ ގުޅޭގޮތުން އޮމާނާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ”މާލަަސްތަކެއް ނުވެ ނަތީޖާއަކަށް ވާސިލްވެވިދާނެ، އެކަމަކު އަޅުގަނޑު ބާރުއަޅައި މި ބުނަނީ، މި މަޝްވަރާތަކާއި ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ މުޅިން ތަފާތު ދެ ކަމެއް، ”މި މަގު ކަނޑައެޅުމަށްފަހު، ކަނޑުއޮޅި ހުޅުވާނީތޯ ނުވަތަ ނޫންތޯ ބިނާވެފައި އޮންނާނީ އެމެރިކާއިން އިތުރު ޝަރުތުތަކަކަށް އަމަލުކުރުމުގެ މައްޗަށް.“ “ އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތައް ފެށިފައިވަނީ، ހޯރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި މާލަސްތަކެއް ނުވެ ކަނޑައަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު ނިއުޔޯކްގެ ޕޮލިސް އެކަޑަމީއެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ”އީރާނު ބަލިކޮށް ނިމުމުން، ވަރަށް އަވަހަށް ހޯރްމުޒް ކަނޑުއޮޅިއަކީ އެމެރިކާގެ މިލްކެއް ކަމަށް އިއުލާނުކުރާނަން. އަޅުގަނޑުމެން އެތަން ބަންދުކޮށްފައި އޮތީ. އަޅުގަނޑުމެން ބޭނުންވާ ބަޔަކަށް ނޫނީ އެތަނުން ދަތުރެއް ނުކުރެވޭނެ.“

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، ”ހޯރްމުޒް ކަނޑުއޮޅިއަކީ ޓްވީޓަކުން، ނުވަތަ މަތިންދާބޯޓު އުފުލާ މަނަވަރަކުން، ނުވަތަ އަމުރަކުން ނުވަތަ އިންތިޚާބީ ތަގުރީރަކުން ހިފޭނެ ތަނެއް ނޫން“ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ”ހޯރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ ތަނެއް ކަމަށާއި އަބަދުވެސް އޮންނާނީ އެގޮތުގައި ކަމަށާޢި މި ކަނޑުއޮޅި ހުޅުވައި ބަންދުކުރެވޭނީ ހަމައެކަނި އީރާނުގެ އަމުރަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވާފަ އެވެ.

އޭނާ ވަނީ ފިއޮޑޯ ޑޮސްޓޮޔެވްސްކީގެ ”ދަ ބްރަދާސް ކަރަމަޒޯވް“ އިން ލިޔުންކޮޅެއް ނަކަލުކުރައްވާފަ އެވެ: ”އަމިއްލަ ނަފްސަށް އިތުރުފުޅު ހަދައި، އަމިއްލަ ދޮގުތައް ގަބޫލުކުރާ މީހާއަށް، އޭނާގެ އެތެރެއާއި ބޭރުން ފެންނަ ހަގީގަތް ވަކިކުރާކަށް ނޭނގޭނެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އޮންނަ އިހުތިރާމް ގެއްލިގެންދާނެ.“

އީރާނުގެ އަސްކަރީ ވެރިޔާ އަމީރު ހާތަމީ ވެސް ވަނީ ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ވޮޝިންޓަނުން ކުރާ ކޮންމެ މަސައްކަތަކާމެދު ހިތާމަކުރަން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މި ކުރިމަތިލުންތައް ހިނގަމުން މިދަނީ ކަނޑުއޮޅީގެ މައްސަލައިގައި ދާއިމީ ހައްލަކަށް އައުމަށް ކުރެވޭ މަސައްކަތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލާ އުޅަނދުފަހަރު ދަތުރުކުރުން ވަނީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ.

އެމެރިކާއާއި އިޒްރޭލުން ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން ފެބްރުއަރީ 28 ގައި އީރާނުން ވަނީ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ 25 އިންސައްތަ ހިއްސާކުރާ މި މުހިންމު ސަރަހައްދުގެ ދަތުރުފަތުރު އޭގެ ފަހުން އޮތީ ހަނިކުރެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.