ޝަނޫން މަރަން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ލ. މުންޑޫގައި މީގެ ނުވަ އަހަރު ކުރިން އަލީ ޒިޔަދަމް މަރާލި މައްސަލައިގައި މުހައްމަދު ޝަނޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް، ދިވެހިރާއްޖޭގެ ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.
ލ. މުންޑޫ، ވަގުތީހިޔާ ކައިރިން 20 މާޗު 2015 ވީ ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު ހިނގި މާރާމާރީއެއްގައި ޒިޔަދަމް މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީއެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ކުށް ސާބިތުވާކަމަށް ނިންމާފައެވެ. އެގޮތުން، ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ޝަނޫން މަރަން ހުކުމް ކުރިއިރު، މީހަކު މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ އަލީ ސިފާމްގެ މައްޗަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ސިފާމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި، ހައި ކޯޓުން 2024 ވަނަ އަހަރު ވަނީ އޭނާގެ ހުކުމް ދަމަހައްޓާފައެވެ. ޝަނޫންގެ ފަރާތުން އަމިއްލައަށް ހުކުމް އިސްތިއުނާފު ނުކުރި ނަމަވެސް، ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މަރުގެ އަދަބެއް ދެވޭނީ މަތީ މަރުހަލާގެ ކޯޓުތަކުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުންނެވެ. އެހެންކަމުން، ދައުލަތުން ވަނީ މި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައެވެ.
ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ޝަރުއީ އަދި ގާނޫނީ އެއްވެސް ގޯހެއް ނެތް ކަމަށެވެ. މައްސަލައިގައި ހުށަހަޅާފައިވާ ހެކި ގަރީނާތަކުން ޝަނޫން، ޒިޔަދަމް މަރާލިކަން ސާބިތުވާ ކަމަށާއި، ވާރިސުންގެ ބަސް ނެގުމުގައިވެސް އަމަލުކޮށްފައިވަނީ އިސްލާމީ ޝަރީއަތާއި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްގެ ގޮތުގައި ދައުލަތުން ކޯޓުގައި ބުނެފައިވަނީ، ބަޔަކު ވެގެން ކެއްކި ބަނގުރާ ބެހުމުގައި އުފެދުނު ދެބަސްވުމެކެވެ. ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް، ޝަނޫން އާއި ސިފާމް އެ ތަނަށް ގޮސް ކަތިވަޅިއަކުން ޒިޔަދަމްގެ ކަރަށާއި ބުރަކައްޓަށް އަދި ފަލަމަސްގަނޑަށް ހަމަލާދީފައިވެއެވެ. ޒިޔަދަމް ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ވަނުމުންވެސް، އެ ދެ މީހުން ފަހަތުން ގޮސް ހަމަލާދިން ކަމަށާއި، ޒިޔަދަމް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ ބައްޕައަށްވެސް ޝަނޫން މަރުގެ އިންޒާރު ދިން ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.
ޝަނޫންގެ މައްޗަށް އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓުމާ ގުޅިގެން، ދެން މި މައްސަލަ އިތުރަށް ކަށަވަރު ކުރަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.