ކޮލަމްބިޔާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 265 އަށް، އިމާރާތްތައް ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

ކޮލަމްބިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ”ފަހު މަރުހަލާ“ އަށް ފޯރާފައިވާކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ. މި ހާދިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 265 އަށް އަރާފައިވާއިރު، 3,500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ހޯމަ ދުވަހު އައި މި ބިންހެލުމަށްފަހު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ދިރިތިއްބާ ފެނުމުގެ ފުރުސަތު އެންމެ ބޮޑުކަމަށް ބެލެވޭ 72 ގަޑިއިރު ހަމަވާން ގާތްވެފައިވާތީ، މީހުން ސަލާމަތްކުރާ ޓީމުތަކުން ދަނީ ބުދަ ދުވަހު ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ.
ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުމިނުގައި އައި މި ބިންހެލުމަކީ މި ގަރުނުގެ ތެރޭގައި ކޮލަމްބިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި 500 އެއްހާ މީހުން އަދިވެސް ނުފެނިވާއިރު، 9,550 އަށްވުރެ ގިނަ ގެދޮރު ވަނީ މުޅިން ސުންނާފަތިވެފައެވެ.
ކޮލަމްބިއާގެ ކޮފީ އުފައްދާ ސަރަހައްދުގެ މަރުކަޒީ ރަށް ކަމަށްވާ ޕެރޭރާއިން 83 މީހުން މަރުވެފައިވާއިރު، އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ކާލީން 74 މީހުން ވަނީ މަރުވެފައެވެ. ކާލީގެ މޭޔަރު އަލެހަންދްރޯ އެޑަރ ވިދާޅުވި ގޮތުގައި، މަސައްކަތްތައް ފަހު މަރުހަލާއަށް ދިޔުމަކީ އޭގެ ފަހުން މީހަކު ދިރިހުއްޓާ ނުފެންނާނެ ވާހަކައެއް ނޫނެވެ. ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް މީހުން ސަލާމަތްކުރުން އިތުރަށް ދަތިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއެލާ ވަނީ ހަލާކުވެފައިވާ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ގެދޮރު އަދި އަސާސީ ވަސީލަތްތައް އަލުން ބިނާކުރުމަށްޓަކައި ކުއްލި އެހީގެ ފަންޑެއް ގާއިމުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން ދުވަސް ތެރޭގައި ދިމާވި މި ބޮޑު ކާރިސާއާ ގުޅިގެން ރައީސް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށެވެ. މީގެ އިތުރުން، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އޭނާ ވަނީ އިގްތިސާދީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ.
ޕެރޭރާގައި ސަލާމަތީ ފައުޖުތަކުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ބިންހެލުމުގައި ވެއްޓުނު ބޭކަރީއެއްގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހަކު ހޯދުމަށެވެ. ބިންގަނޑުގެ ތެޅުން ދެނެގަންނަ އާލާތްތައް ބޭނުންކޮށްގެން ބެލިބެލުމުން، އެ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ޕަބްލޯ ލޮއައިޒާގެ ފަރާތުން ދިިރިހުރިކަމުގެ ނިޝާންތަކެއް ފެނިފައިވާ ކަމަށް ރެސްކިއު ޓީމުތަކުން ބުނެއެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި، ދެފަހަރު ނުވަތަ ތިންފަހަރު ބިންމަތީގައި ޖެހުމަށް ސަލާމަތީ ފަރާތްތަކުން އެދުމުން، އެކަމަށް އިޖާބަދޭ އަޑުތަކެއް ވަނީ އިވިފައެވެ.
ކޮލަމްބިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ހާލުގައި ޖެހިފައިވާ މީހުންނަށް ފެަނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން، ލޭ ހަދިޔާކުރުމުގެ މަރުކަޒުތަކުގައިވެސް ބޮޑެތި ކިއޫތައް ވަނީ ހެދިފައެވެ.
ކާލީގައި ސަލާމަތީ ފަރާތްތަކުން ނިދިނަގާލާފައި މަސައްކަތް ކުރަމުންދަނީ ހުސްއަތާ، ކްރޭންތަކާއި އަދި ތަމްރީނުކޮށްފައިވާ ކުއްތާތައް ބޭނުންކޮށްގެންނެވެ. އެމީހުން ދޭތެރެއަކުން މަސައްކަތް ހުއްޓާލައި، ކުޑަ ހިނދުކޮޅަކަށް ހިމޭންވަނީ އިމާރާތްތަކުގެ ދަށުން އެއްވެސް އަޑެއް އިވޭތޯ ބެލުމަށެވެ.
މި ކާރިސާއަކީ އާ ރައީސް ޑި ލާ އެސްޕްރިއެލާއަށް ކުރިމަތިވި ފުރަތަމަ ބޮޑު އިމްތިހާނު ކަމަށް މުހައްލިލުން ދެކެއެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުން ވެރިކަމަށް ވަޑައިގެންނެވި ރައީސް، ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރާ އިދާރާގެ ބަޖެޓު ކުޑަކުރަން ނިންމާފައިވާ ދަނޑިވަޅެއްގައި، މިފަދަ ބޮޑު ހާދިސާއަކާ ކުރިމަތިލާން ޖެހުމަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.