
ކުޑަކުދިންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
ކ. ދިއްފުށިން ފުރައިގެން 14 ފަތުރުވެރިންނާއެކު ދަތުރުކުރި ލޯންޗެއް މިއަދު އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓު ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.
މި ލޯންޗުން ޖުމުލަ 18 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ފަތުރުވެރިންނާއި 4 ދިވެހި ގައިޑުންނެވެ. ފަތުރުވެރިންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ލޯންޗު އަޑިއަށް ދާން ދިމާވީ ލޯންޗުގެ ފަހަތުން ދިޔަވާން ފެށުމުންނެވެ. ލޯންޗުގައި ހުރި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ކުރި މަސައްކަތުން ފެން ނުހިންދި، ލޯންޗު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. ލޯންޗު އަޑިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމާއެކު، ލޯންޗުން ދަތުރުކުރި އެންމެން މިހާރު ވަނީ ރައްކާތެރިކަމާއެކު ކ. ދިއްފުއްޓަށް ގެންގޮސްފައެވެ.



