
ރާއްޖެ ސުޕަލީގު: ވަރުގަދަ ފޯމު ދަމަހައްޓައި، ވ.ފެލިދޫ އާއި ބ.ގޮއިދޫ ފައިނަލަށް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކާމިޔާބުކޮށް، ވ.ފެލިދޫ އާއި ބ.ގޮއިދޫ ފައިނަލަށް ދަތުރު ކޮއްފި އެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއެކު ސެމީ ފައިނަލަށް ދަތުރުކުރި މި 2 ޓީމް ސެމީގެ މެޗްތައްވެސް ކާމިޔާބުކޮއްފައިވަނި ސީދާ 3 ސެޓުންނެވެ.
ޤައުމީ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވ.ފެލިދޫއިން ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބު ކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަހޯދި ތ.ހިރިލަންދޫއާ ވާދަކޮށެވެ.
ޤައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓެ) އާއި ހުސެން ނިލާމް (ޕާޓޭ) އަދި އާދަމް ފައިރޫޒް ވެސް ކުޅެމުންދާ ވ.ފެލިދޫގެ ތަރިއަކަށް މި މެޗުގައި ވެގެންދިޔައީ ޤައުމީ ޓީމުގެ ސެޓަރަކަށްވެސް ކުރިން ކުޅެފައިވާ، ވ.ފެލިދޫ ކައުންސިލްގެ މިހާރުގެ ރައީސް ހުސެން ވިސާމް (ބުޅިކެ) އެވެ. މެޗުގެ ސެޓުތައް ފެލިދޫން ގެންގޮސްފައިވަނީ 20-25، 23-25 އަދި 19-25 އިން ނެވެ.

ވާދަވެރި ސެޓުތަކެއް ފެނިގެންދިޔަ ސެމީފައިނަލްގެ 2ވަނަ މެޗް ބ.ގޮއިދޫން ކާމިޔާބު ކޮއްފައިވަނީ ގުރޫޕް އޭގެ 2 ވަނަ ޓީމުގެ ގޮތުގައި ސެމީފަނަލަށް ދަތުރުކުރި، ލ.ފޮނަދޫގެ މައްޗަށް 23-25، 24-26 އަދި 23-25 އިން ސެޓުތައް ހޯދައިގެންނެވެ.
މުޅި މެޗުގައި ވެސް، ފޮނަދޫއިން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ފަހަދު ރަޒާ އަށް ބަރޯސާ ވެފައިވާ މިންވަރު ފާހަގަ ވެގެންދިޔަ މެޗުގައި ބ.ގޮއިދޫގެ ޓީމް ފެނިގެންދިޔައީ ހުރިހާ ދިމާލަކުންވެސް ވަރުގަދަ ކޮށެވެ.
ސްވިޒަލޭންޑުގައި ކުޅެމުންއަންނަ ސްރީލަންކާގެ ޖަޔަލަތު މަހެލަ އިންދީވަރާގެ އިތުރުން ދިވެހި ޤައުމީޓީމުގެ ޒުވާން ކުޅުންތެރިޔާ ޝަމާއިލްގެ ފަރާތުން ވަރުގަދަ އެޓޭކްތައް ފެނިގެންދިޔަ މެޗުގެ ނަތީޖާ، ފޮނަދޫ ކޮޅަށް އެނބުރުނު ކޮންމެ ވަގުތެއްގައި، ނަތީޖާ އަނބުރާލުމުގައި ޤައުމީ ސްކޮޑުގައިވެސް ހިމެނޭ ގޮއިދޫގެ ޒުވާން ސެޓަރު މައުޒޫން ނިޔާޒުގެ ހުށިޔާރުކަން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ޤައުމީ ސްކޮޑުން ޖާގަ ހޯދަމުން އަންނަ އިސްކޮޅުންދިގު ޒުވާން އެޓޭކަރު މުޙައްމަދު ލަތުފާނުގެ ބްލޮކްތައްވެސް ފާހަގަކުރެވޭ ގޮއިދޫ ޓީމުގެ ކޯޗަކީ ސްރީލަންކާގެ ޖަޔަސޭކަރަ ޗަންނަ އެވެ.
ތ.ހިރިލަންދޫއާއި ލ.ފޮނަދޫ ވާދަކުރާ، މުބާރާތުގެ ތިންވަނަ ހޮވާމެޗު މިއަދު ހަވީރު 4:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ ސުޕަލީގު ވޮލީމުބާރާތުގެ ފުރަތަމަ މުބާރާތުގެ ތާރީޚީ ފައިނަލަށް ވ.ފެލިދޫ އާއި ބ.ގޮއިދޫ ނިކުންނާނީ މިރޭ 8:30ގަ އެވެ.



