
ލީގުގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޞަލާޙް ތުރުކީއަށް
ޕްރިމިއަރލީގުގެ ތާރީޚުގައި ލިވަރޕޫލް ހޭދަކުރި އެންމެ ކާމިޔާބު ދުވަސްތަކުގެ އެންމެބޮޑު އެއް ޙިއްސާދާރު ކަމާމެދު ގިނަބަޔަކު އިއްތިފާޤުވާ، މިޞުރުގެ ކެޕްޓަން މުޙައްމަދު ޞަލާޙް، ތުރުކީ ސުޕަރ ލީގުގެ ކްލަބު، ޓްރަބްޒޯންސްޕޯރަށް ސޮއި ކޮއްފި އެވެ.
ޞަލާޙ ޓްރަބްޒޯންސްޕޯރަށް ސޮއިކޮއްފައިވަނީ ލީގުގެ އެންމެ މުސާރަބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އޭނާގެ މުސާރައަކީ ހަފްތާއަކު 475،000 ޑޮލަރު ކަމަށް ޚަބަރުތައް ބުނެ އެވެ.
ލިވަރޕޫލާ އެކު ހޭދަކުރި 9 އަހަރުގެ ތެރޭގައި، ޕްރިމިއަރލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2 ފަހަރަށް ޙާޞިލް ކޮށްފައިވާއިރު، ލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މާޤާމް 4 ފަހަރަށް އޭނާ ވަނީ ހޯދާފަ އެވެ.
މި މުއްދަތުގައި އޭނާ ވަނީ ޕްރިމިއަރ ލީގު އަދި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެންމެ ގިނަ ގޯލްޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރެކޯޑް ވެސް ހޯދާފަ އެވެ.
ޕްރިމިއަރ ލީގުގެ ތާރީޚުގައި 4 ވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މިވަޤުތު އޮތް ޞަލާޙް ވަނީ ލިވަޕޫލަށް 250 އަށްވުރެ ގިނަ ގޯލް ކާމިޔާބު ކޮއްދީފަ އެވެ.
ސްވިސް ސުޕަރ ލީގުގެ ބަސެލްއިން ވިދާލުމަށްފަހު އިނގިރޭސި ކްލަބް ޗެލްސީ، އިޓަލީގެ ރޯމާ އަދި ފިއޮރެންޓީނާ އަށް ވެސް ކުރިން ކުޅެފައިވާ ޞަލާޙްގެ ކްލަބް ކެރިއަރގައި 328 ގޯލް ކާމިޔާބު ކޮއްފައިވާއިރު މިޞްރުގެ ޤައުމީ ޓީމަށް 67 ގޯލް ކާމިޔާބު ކޮއްދީފައިވެ އެވެ.
އޮގަސްޓު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތުރުކީ ސުޕަރ ލީގުގައި އެދުވަހު ކަސިމްޕަސާ އާ ދެކޮޅަށް ނިކުންނަ މެޗުގައި ޓްރަބްޒޯންސްޕޯރގެ ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޞަލާޙް ފެނިގެންދާނެކަމަށް ޤަބޫލު ކުރެވެ އެވެ.



