
މޫސުމް ގޯސްވުމުގެ ސަބަބުން ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އިތުރު 75 މިލިއަން ރުޕީސް
ސްރީލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު 75 މިލިއަން ރުޕީސް ދޫކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ސެކްރެޓަރީ ޖެނެރަލް ދަރްމަތިލަކަ ވިދާޅުވީ ވާރެޔާއި ގަދަ ވައިގެ ސަބަބުން 56 ޑިވިޜަނަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީ.އެމް.ސީ) އިން ބުނާގޮތުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 11,832 މީހުންނަށް ވަނީ އެކި ވަރުގެ އަސަރުކޮށްފަ އެވެ.
އަދި މިވަޤުތު 51 މަރުކަޒެއްގައި 3,538 މީހުން ރައްކާތެރި ކަމާއެކު ތިބި ކަމަށްވެސް ޑީ.އެމް.ސީން ބުނެ އެވެ.
މީގެއިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ހިނގި އެކި ޙާދިސާތަކުގައި 8 މީހަކު މަރުވެ، 3 މީހަކަށް ވަނީ އަނިޔާވެފަ އެވެ.



