
3އަހަރަށްފަހު 112 ޝަހީދުން ވަޅުލައިފި
އިޒްރޭލުގެ ޙަމަލާތަކަށްފަހު ގާތްގަނޑަކަށް ތިން އަހަރު ފަހުން، ކަށުކަމުކެނޑުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް 112 މީހަކު ވަޅުލައިފި އެވެ.
ނޮވެމްބަރު 2023 ގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު، އިމާރާތްތަކުގެ ކުނޑިފުނޑު ދަށުން ނެގުމަށްފަހު ފަލަސްޠީނުގެ ރައްޔިތުން އަންގާރަ ދުވަހު ވަޅުލައިފި އެވެ.
އަބޫ ޝަރީޢާ އަދި އަލް-ޙަސައިނާ އާއިލާގެ މެންބަރުންގެ ލޯބިވާ މީހުންނަށް ފަހުފަހަރަށް އަލްވަދާޢު ވިދާޅުވުމަށް ޣާޒާ ސިޓީއަށް އެއްވެފައިވާއިރު، އެ މީހުންގެ ހަށިގަނޑުތައް އޮތީ ފަލަސްޠީނުގެ ދިދަތަކުން އޮޅާފަ އެވެ.
ގިނަ މީހުންނަށް މިއީ ގާތްމީހުންގެ ހަށިގަނޑުތައް ހޯދުމަށް 1,000 ދުވަހަށްވުރެ ގިނަ ދުވަހު އިންތިޒާރު ކުރުމަށްފަހު، ހިތްހަމަޖެހުމަކާއި އަދި އާދައިގެ މަތިން އާ ވޭނަކާ ކުރިމަތިލާންޖެހުނު ވަޤުތެކެވެ.
މި ޙަމަލާގައި ޢާއިލާގެ މީހުން މަރުވި ޢާމިރު އަބޫ ޝަރީޢާ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ”އެއްފަރާތުން ވޭނާއި ހިތްދަތިކަން، އަނެއްފަރާތުން އުފާވެރިކަމުގެ އިޙްސާސެއް ކުރެވޭ“ ކަމަށެވެ.
އަދި ވިދާޅުވީ ”ތިން އަހަރަށްފަހު މި ޝަހީދުން ވަޅުލައި، ޝަރަފުވެރިކަން ދެވޭތީ އުފާވާ ކަމަށެވެ. ނަމަވެސް ޙަމަލާ މިއަދު ދިންހެން ހިތާމަވެސް އަލުން އާވެއްޖެ ކަމަށެވެ.
ސަބްރާ އަވަށަށް ދިން މި ޙަމަލާއަކީ މި ހަނގުރާމައިގައި އެއްފަހަރާ އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ އެއް ޙާދިސާ އެވެ.
އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާބޯޓުތައް ވަނީ، އަބޫ ޝަރީޢާ އަދި އަލް-ޙަސައިނާ ޢާއިލާގެ ސަތޭކައަށްވުރެ ގިނަ މެންބަރުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ މުޅި ރެޒިޑެންޝަލް ބްލޮކެއް ބިމާ ހަމަކޮށްލާފަ އެވެ.
މި ޙަމަލާގައި 44 ކުޑަކުދިންނާއި، 37 އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ 10 އަށްވުރެ ގިނަ މީހުން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.އޭގެ ތެރެއިން ގިނަ މީހުން ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ފަސްދާނުވެފަ އެވެ.
ހަނގުރާމައިގެ ކުރީކޮޅުގައި އިމާރާތްތަކުގެ ދަށުން ހަށިގަނޑުތައް ހޯދުމުގެ މަސައްކަތްތައް ހުއްޓިގެންދިޔައީ، ސަރޗް އެންޑް ރެސްކިއު ޓީމުތަކުގެ އަތުގައި އެ މަސައްކަތަށް ބޭނުންވާ ބަރު އާލާތްތައް ނެތުމުންނެވެ. އަދި އެފަދަ ތަކެތި ޣާޒާއަށް އެތެރެވުން އިޒްރޭލުން ވަނީ މަނާކޮށްފަ އެވެ.
ސިވިލް ޑިފެންސްގެ ޓީމުތަކުން ޖުލައި 14 ވަނަ ދުވަހު، ލިބިފައިހުރި މަދު އަދި އެކަށީގެންނުވާ އާލާތްތަކާއެކު އެ ސަރަޙައްދު ބަލައި ފާސްކުރަން ވަނީ ފަށާފަ އެވެ.
އޮފިޝަލުން ވިދާޅުވީ ގޮއްވާލި ބާރުގަދަ ގޮވުންތަކުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް އެކި ދިމަދިމާއަށް ބުރައިގެން ގޮސްފައިވުމުން، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އިތުރަށް އުނދަގޫވެގެންދިޔަ ކަމަށެވެ.
އޯގަސްޓް 1 ވީއިރަށް، ޓީމުތަކުން ވަނީ 112 މީހުންގެ ހަށިގަނޑުގެ ބައިތައް ހޯދާފަ އެވެ. އަދިވެސް އިތުރު މީހުން އިމާރާތުގެ ކުނޑިތަކުގެ ދަށުގައި ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.



