ކިއުބާގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ގައުމުން ކަރަންޓު ކެނޑިއްޖެ

ކިއުބާގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ގައުމުން ކަރަންޓު ކެނޑިއްޖެއެވެ.
ކިއުބާގެ ކަރަންޓު އުފައްދާ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނީ ތެލުގެ ދަތިކަމާއި، މަރާމާތަށް ބޭނުންވާ ސާމާނު ނުލިބުމުގެ ސަބަބުންނެވެ.
ކިއުބާގެ ގައުމީ ކަރަންޓު ވިއުގަ އެއްކޮށް ހުއްޓުމަކަށް އައުމާ ގުޅިގެން، މުޅި ރަށް ވަނީ އަނދިރިކަމުގެ ތެރޭގައެވެ. ދައުލަތުގެ ކަރަންޓު ކުންފުނި (ޔޫ.އެން.އީ) އިން އާދީއްތަ ދުވަހުގެ ރޭ މިކަން ކަށަވަރުކޮށްދިން ނަމަވެސް، މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް ނުވަތަ އަލުން ކަރަންޓު ލިބޭނެ ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ.
މުޅި ގައުމުން ކަރަންޓު ކެނޑުމުގެ ކުރިން ވެސް، ވެރިރަށް ހަވާނާގެ ކަރަންޓު ކުންފުނިން ވަނީ ޓްރާންސްފޯމަރުތަކަށް ލިބުނު ގެއްލުންތަކާއި، ސާކިޓް ފެއިލްވުމުގެ ސަބަބުންނާއި، ކަރަންޓު އުފެއްދޭ މިންވަރު މަދުވުމުން ތާވަލުކޮށްގެން ކަރަންޓު ކަނޑަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ބުނާ ގޮތުގައި، އާދީއްތަ ދުވަހުގެ ހެނދުނު އެކަނިވެސް އެކި ސަރަހައްދުތަކުން ކަރަންޓާ ގުޅޭ އެތައް ޝަކުވާއެއް ވަނީ ހުށަހެޅިފައެވެ.
ކަރަންޓު ވިއުގަ އެއްކޮށް ހުއްޓުމުން، ކަމާބެހޭ ފަރާތްތަކުން އާންމުކޮށް އަމަލުކުރާ އުސޫލަކީ، އެންމެ ފުރަތަމަ ހޮސްޕިޓަލްތަކާއި، ފެނުގެ ނިޒާމާއި، ކާބޯތަކެތި އުފައްދާ ތަންތަނަށް ވަކިން ކުދި ނެޓްވޯކްތައް މެދުވެރިކޮށް ކަރަންޓު ދިނުމެވެ. އެއަށްފަހު، މަޑުމަޑުން ބޮޑެތި ޕަވަރ ޕްލާންޓްތައް ގުޅުވައިލަނީއެވެ.
މިއީ މިއަހަރު ތެރޭގައި ކިއުބާގެ ގައުމީ ކަރަންޓު ވިއުގަ އެއްކޮށް ހުއްޓުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް ނުވަ ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. އޭގެ ތެރެއިން އެއް ފަހަރު، ގާތްގަނޑަކަށް 10 މިލިއަން މީހުން ކަރަންޓާ ނުލައި އުޅެންޖެހުނެވެ.
ކިއުބާގެ ކަރަންޓު އުފައްދާ މަރުކަޒުތަކުގެ ތެރެއިން ބައެއް ތަންތަނަކީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ، ރަނގަޅަށް މަރާމާތު ނުކުރެވި ހުރި ތަންތަނެވެ. ކިއުބާ ސަރުކާރުން މިކަމުގެ ޒިންމާ އަޅުވަނީ އެމެރިކާގެ ބޮލުގައެވެ. އެއީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ތެޔޮ ހޯދުމަށާއި، މަރާމާތަށް ބޭނުންވާ ފައިސާ އާއި ސާމާނު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީއެވެ.
ކިއުބާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދެމުންދިޔަ ވެނެޒުއޭލާއިން ތެޔޮ ލިބުން ވަނީ ދަތިވެފައެވެ. އަދި މެކްސިކޯއިން ފޮނުވާ ތެޔޮވެސް ވަނީ އެމެރިކާގެ ފިއްތުންތަކާ ހެދި ހުއްޓިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިއީ އެތައް އަހަރެއްގެ ވަންދެން ހަކަތައިގެ ދާއިރާއަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ނުކުރުމާއި، އިދާރީ ހިންގުމުގައި ހުރި މައްސަލަތަކުގެ ނަތީޖާއެވެ.
މިގޮތަށް ގިނަ ވަގުތުތަކަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ދަތުރުފަތުރާއި، ފެނުގެ ޚިދުމަތާއި، މުވާސަލާތީ އަދި ސިއްހީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މީގެ އިތުރުން، ހޫނު މޫސުމުގެ ގަދަ ހޫނުގައި ކާބޯތަކެތި ރައްކާކުރުމަށާއި، ކެއްކުމަށާއި، އަދި ނިދުމަށްވެސް އާންމު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.