
ޔޫއެސްގައި ދިން ބަޑީގެ ޙަމަލާއެއްގައި އެކަކު މަރުވެ، ފަސްމީހުން ޒަޚަމްވެއްޖެ
ޔޫއެސްގެ ޕޯޓްލެންޑް ސަރަހައްދެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި އެކަކު މަރުވެ، ފަސްމީހުން ޒަޚަމްވެއްޖެ އެވެ.
އެމެރިކާގެ އޮރިގަން ސްޓޭޓްގެ ޕޯޓްލެންޑްގެ އަވަށެއްގައި އާދީއްތަ ދުވަހުގެ ހެނދުނު ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވެ، އިތުރު ފަސް މީހަކަށް އަނިޔާވެއްޖެ ކަމަށް ލޯކަލް ގަވަމަންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފި އެވެ.
ބަޑީގެ ހަމަލާގެ ސަބަބުން ޒަޚަމްވެފައިވާ ދެ މީހަކު ފެނިފައިވެ އެވެ. އެ ދެމީހުން ވެސް ވަނީ އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ޙަމަލާގެ ކުޑައިރުކޮޅެއް ފަހުން، އިތުރު ހަތަރު މީހުން އަމިއްލަ އުޅަނދުފަހަރުގައި ލޯކަލް ހޮސްޕިޓަލްތަކަށް ގޮސްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާން ބުނާގޮތުން، ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފިރިހެނަކު ވަނީ މަރުވެފަ އެވެ. އަދި ޒަޚަމްވި އަނެއް ފަސް މީހުންނަށް ފަރުވާދީފައިވާ ކަމަށާއި، އެމީހުންގެ ޒަޚަމްތަކަކީ ފުރާނައަށް ނުރައްކާވާ ފަދަ ޒަޚަމްތަކެއް ނޫން ކަމަށް ބެލެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޒަޚަމްވި މީހުންގެ ތެރޭގައި ޓީންއޭޖް ކުއްޖެއްވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
މި ހަމަލާ ދިނުމަށްފަހު ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެއެވެ.



