
އިބޯލާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޗައިނާގެ މެޑިކަލް ޓިމެއް އަނެއްކާވެސް ކޮންގޯ އަށް
ޗައިނާއިން އިބޯލާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ތިންވަނަ މެޑިކަލް އެކްސްޕާޓް ޓީމެއް ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކަށް އަށް ފޮނުވައިފި އެވެ.
އިބޯލާ ބަލިމަޑުކަމުން އަރައިގަތުމަށް ކޮންގޯ ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޗައިނާގެ ތިންވަނަ މެޑިކަލް އެކްސްޕާޓް ޓީމު، އެ ޤައުމުގެ ވެރިރަށް ކިންޝާސާއަށް ހޮނިހިރު ދުވަހު ގޮއްސި އެވެ.
އެޓީމަށް މަރުޙަބާ ދެންނެވީ ކޮންގޯގެ ޞިއްޙީ ވުޒާރާގެ މަންދޫބެއް ކަމަށްވާ ލުކޫ މަލޭޔޯ މާރިއުސް އެވެ.
އޭނާ ވިދާޅުވީ ކޮންގޯގެ އިބޯލާގެ ޙާލަތު އަދިވެސް އޮތީ ވަރަށް ނުރައްކާތެރިކޮށް ކަމަށާއި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވީ ޗައިނާގެ މާހިރުންގެ ޓީމެއް އައުމަކީ ބަލި ފެތުރޭ މިންވަރު ބެލުމާއި، ބަލި މީހުންނަށް ފަރުވާ ދިނުމާއި ލެބޯޓްރީ ޓެސްޓު ކުރުމުގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ތިންވަނަ އެކްސްޕާޓް ޓީމުގެ އިސް ވެރިޔާ ޔަންގް ޝިއޯޗެން ވިދާޅުވީ، އެ ޓީމުން ކުރިއަށް ގެންދާނީ ކުރީގެ ދެ ޓީމުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ބޭނުންވާ ޢަމަލީ ބޭނުންތަކާ އެއްގޮތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ކޮންގޯގެ ޞިއްޙީ އިދާރާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރާނެ ކަމަށެވެ.
މީގެ ކުރީގެ ޓީމުތަކުން ވަނީ ކޮންގޯގެ ޞިއްޙީ އިދާރާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، އިބޯލާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، އަދި ފަރުވާ ދިނުމުގެ ތަމްރީނުތައް ދީފަ އެވެ.



