
އެމެރިކާ ސަރުކާރުން ގްލޯބަލް ކޮންފަރެންސެއްގައި އެފްރިކާ ބައްރުގެ ގައުމުތަކުގެ ނަންތައް ނުބައިކޮށް ލިޔެފި
ބްރެޒިލްގައި ބޭއްވި ބައިނަލްއަގުވާމީ ސިއްހީ ކޮންފަރެންސެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބޭނުންކުރި އެފްރިކާ ބައްރުގެ ޗާޓެއްގައި ގައުމުތައް ނުބައިކޮށް ފާހަގަކޮށްފައި ހުރުމުގެ ސަބަބުން އެ އިދާރާއިން އެކަމަށް މައާފަށް އެދިއްޖެއެވެ.
ރިއޯ ޑި ޖެނީރޯގައި ކުރިއަށްދިޔަ ”އެއިޑްސް 2026“ ކޮންފަރެންސްގައި ދައްކާލި މި ޗާޓުގައި ބޮޑެތި ގޯސްތަކެއް ހުރުމުން، ކޮންފަރެންސްގެ ބައިވެރިން އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބެލި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ޗާޓު ދައްކާލާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެފްރިކާގެ ގައުމުތަކާއެކު ގާއިމުކުރާ ސިއްހީ އެއްބަސްވުންތަކާ ބެހޭ ގޮތުން ދިން ހުށަހެޅުމެއްގެ ތެރެއިންނެވެ. މި ޗާޓުގައި ނައިޖީރިއާ އޮތީ ސަހަރާ ސަރަހައްދުގައި ކަމަށް ދައްކާފައިވާއިރު، އެފްރިކާގެ އިރުދެކުނުގައި އޮންނަ މޮޒަމްބީކް އޮތީ އިރުމަތީ ”ހޯން އޮފް އެފްރިކާ“ ސަރަހައްދުގައެވެ. އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓް އޮތީ ބައްރުގެ މުޅިން އަނެއް ފަރާތުގައެވެ. މީގެ އިތުރުން، ޗާޓުގައިވާ ބައެއް ބޯޑަރުތަކަކީ އެއްވެސް ހަގީގީ ގައުމަކާ ގުޅުމެއް ނެތް ކުރެހުންތަކެކެވެ.
މި ކޮންފަރެންސްގައި ވާހަކަދެއްކެވީ އެމެރިކާގެ ސިއްހީ މަންދޫބު ޖެފް ގްރަހަމް އެވެ. އޭނާއަކީ މީގެ ކުރިން ގާނާ އަދި އިތިއޯޕިއާ ފަދަ އެފްރިކާގެ ގައުމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރޮއިޓާސްއިން ހާމަކުރި ގޮތުގައި މި ޗާޓަކީ އާޓިފިޝަލް އިންޓެލިޖެންސް (OpenAI) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޗާޓެއްކަމަށް ބެލެވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހިނގައިދިޔަ ”ބަދުނަސީބު ގޯހެއް“ ކަމަށާއި، މި ޗާޓު ތައްޔާރުކުރީ ކޮންފަރެންސް ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން އަވަސްއަވަހަށް ސްލައިޑްތަކަށް ބަދަލު ގެނައި މުވައްޒަފެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވި އޮޅުންތަކަށް އެފްރިކާގެ ގައުމުތަކުގެ ކިބައިން އެ އިދާރާއިން ވަނީ މައާފަށް އެދިފައެވެ.
އެމެރިކާގެ ”ޕެޕްފާ“ (PEPFAR) ޕްރޮގްރާމަކީ އެޗް.އައި.ވީ އާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެފްރިކާގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ފޯރުކޮށްދެމުންދާއިރު، ދާދި ފަހުން އެމެރިކާގެ ސިޔާސީ ނިންމުންތަކާ ގުޅިގެން މި ޕްރޮގްރާމަށް ބައެއް ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.



