
މުޙުސިން ބަންދުން ދޫކޮށްލުމަށް ކުރިން ކޮށްފައިވާ އަމުރު ބާޠިލްކޮށްފި
އެމެރިކާގެ އެޕީލްސް ކޯޓަކުން އަންގާރަ ދުވަހު ވަނީ، ޓްރަމްޕްގެ ސަރުކާރުން ފަލަސްޠީނަށް ތާޢީދުކުރާ އެކްޓިވިސްޓް މުޙުސިން މަހްދާވީ ބަންދުން ދޫކޮށްލުމަށް 2025 ވަނަ އަހަރު ނެރުނު އަމުރު ބާތިލްކޮށްފަ އެވެ.
މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށާއި ފަލަސްޠީނަށް ތާޢީދުކުރާ ފަރާތްތަކަށް ލިބުނު ހީނަރުކަމެކެވެ.
މި ޙުކުމުގައި މަހްދާވީ އަލުން ހައްޔަރުކުރުމަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް ޤާނޫނީ ގޮތުން މިއީ ގްރީން ކާޑު (ދާއިމީކޮށް އެމެރިކާގައި ދިރިއުޅުމުގެ ހުއްދަ) އޮންނަ ފަރާތްތަކުން، ޤާނޫނު އަސާސީގެ ފުރަތަމަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބަހުސްގައި ބަންދުން މިނިވަންވުމަށް އެދި ހުށަހެޅުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ކޮލަމްބިއާ ޔުނިވަސިޓީ ސްކޫލް އޮފް އިންޓަނޭޝަނަލް އެންޑް ފަބްލިކް އެފެއާޒް އިން މާސްޓަރސް ޑިގްރީއަށް ކިޔަވަމުންދިޔަ ޢުމުރުން 35 އަހަރުގެ މަހްދާވީ ހައްޔަރުކޮށްފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތަކާ ދެކޮޅަށް ކެމްޕަސްގައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވުމާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯ,ސްމަންޓް (އައި.ސީ.އީ) އެޖެންޓުންނެވެ.
ފަހުން ވާމޯޓްގެ ޔޫ.އެސް ޑިސްޓްރިކްޓް ފަނޑިޔާރު ޖެފްރީ ކްރޯފޯޑް ވަނީ، މަހްދާވީއަކީ އެމެރިކާގެ ރައްޔިތުންނެކޭ އެއްފަދައިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ މީހެއްކަމަށް ކަނޑައަޅައި، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އަމުރުކުރައްވާފަ އެވެ.
ފަލަސްޠީނުގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ހުޅަނގު އައްސޭރީގައި އުފަންވި މަހްދާވީ އެމެރިކާއަށް ބަދަލުވިތާ މިހާރު 10 އަހަރުވެއްޖެ އެވެ.
އޭނާ ވަނީ 2023 ވަނަ އަހަރު ކޮލަމްބިއާގައި ފަލަސްޠީނުގެ ދަރިވަރުންގެ ޔޫނިއަން (ޕެލެސްޓީނިއަން ސްޓޫޑެންޓް ޔޫނިއަން) އުފެއްދުމުގައި އިސްކޮށް އުޅެފަ އެވެ.
އެ ޔޫނިއަން އުފެއްދުމުގައި އޭނާއާއެކު އިސްކޮށް އުޅުނު، ފަލަސްޠީނަށް ތާޢީދުކުރާ ދަރިވަރުންގެ ޙަރަކާތުގެ އިސް ފަރާތެއް ކަމަށްވާ މަޙްމޫދު ޚަލީލްވެސް ވަނީ އެމެރިކާ ސަރުކާރުގެ އަމާޒަކަށްވެފަ އެވެ.



