
9 މަސް ދުވަހުން ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވައިފި
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ތ.ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި އެވެ.
ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މި ދަނޑުގެ ބިންގާ އަޅުއްވައިދެއްވާފަ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ.
ނުވަ މަސް ދުވަހުގެ ތެރޭގައި މި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމައި ދަނޑު ހުޅުވާފައިވާއިރު، ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ކުރިއަށްދާން ފުރުސަތު ބަންދުވެފައި އޮތް ކޮންމެ ދޮރެއް ހުޅުވައިދީ މަގުތައް ދައްކައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އެގޮތުން މި މަސައްކަތްވެސް ކޮންޓްރެކްޓްގައިވާގޮތަށް ނިންމާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ދަނީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެރަށަކަށް ކޮށްދެމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކަންކަން ހިނގަމުންދާނީ އެމަގުން ކަމަށެވެ.
ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ތިމަރަފުށީގެ އެކި އުމުރުފުރާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.



