
ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުންނަށް ފޮރެންސިކް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި
ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުންނަށް ފޮރެންސިކް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމްގައި، ޑިޖިޓަލް ފޮރެންސިކްސް، ފިންގަރ ޕްރިންޓް އެނާލިސިސް، ޑްރަގް އެނާލިސިސް އަދި ޑީ.އެން.އޭ އެނާލިސިސްއާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ތަހުލީލު ރިޕޯޓް އިންޓަރޕްރިޓޭޝަން އަދި އެނަލިސްޓެއްގެ ހެކިބަސް ނެގުމުގެ ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޓްރެއިނިންގެ މަގުސަދަކީ ފޮރެންސިކް ތަހުލީލުކުރާ ގޮތާއި، މެތޮޑޮލޮޖީއާއި، ފޮރެންސިކް ތަހުލީލުކުރުމުގައި އަމަލުކުރާ އިޖުރާއަތްތަކާއި، ބަލާ މިންގަނޑުތަކަށް ޕްރޮސިކިއުޓަރުން އަހުލުވެރިކުރުވުމަށާއި، ފޮރެންސިކް ރިޕޯޓުތައް ކިޔައި ރިޕޯޓުތައް އިންޓަރޕްރިޓްކުރުމަށް ޕްރޮސިކިއުޓަރުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން ފޮރެންސިކް ހެކިތައް ހުށަހެޅޭ މައްސަލަތަކުގައި، އެނަލިސްޓުންގެ ހެކިބަސް އެކަށީގެންވާ ގޮތެއްގައި ހޯދައި، ފޮރެންސިކް ހެކި ޝަރީއުތުގައި ބޭނުންކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކާ ގުޅޭ ކަންކަމަށް ޕްރޮސިކިއުޓަރުން އަހުލުވެރިކުރުން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ސެޝަންތައް ނަންގައިވައި ދެއްވީ މި ޚިދުމަތުގެ ފޮރެންސިކް ސަރވިސަސްގެ ސެންޓްރަލް ފޮރެންސިކް ލެބޯޓަރީތަކުގެ ފޮރެންސިކް އެނަލިސްޓުންނެވެ. ނޮވެންބަރު 21، 22 އަދި 28 ވަނަ ދުވަހު ޕީޖީ އޮފީހުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެ އޮފީހުގެ 20 މުވައްޒަފުންނަށް ތަމްރީނު ދީފައިވެއެވެ.



