
ޔާސީން ސޫރަތުގެ ތަފްސީރު 11
سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36
ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ نفس ތަކުންނާއި، އެއުރެން ނުދަންނަ ތަކެތިން، ޖޯޑުޖޯޑަށް ހުރިހާ ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްطاهر ވަންތަ ކަމާއެވެ!
ކުރު ތަފްސީރު:
ގަސްގަހާގެއްސާއި ގަސްކަރައިގެ ތަފާތު ބާވަތްތަކާއި، އިންސާނުންގެ ނަފްސުތަކުން އަންހެން ފިރިހެން އުފައްދަވައި، އަދި އެއްގަމާއި ކަނޑާއި އެނޫންވެސް ތަންތަނުގައި އިންސާނުންނަށް ނޭނގޭ އެތައް މަޚްލޫޤުންނެއް އުފެއްދެވި މާތްﷲގެ މަތިވެރިކަމާއި ހުސްތާހިރުވަންތަކަމެވެ.
ޖަލާލައިނި ތަފްސީރު:
”އެކަލާނގެ ހުސްތާހިރުވަންތަކަމާއެވެ. އެކަލާނގެއީ ޖޯޑުޖޯޑު އުފެއްދެވި ކަލާނގެއެވެ.“ އެބަހީ: ބިމުން ފަޅާ ގޮވާމުގެ ބާވަތްތަކާއި، ”އެބައިމީހުންގެ ނަފްސުތަކުން“ އަންހެން ފިރިހެން، އަދި ”އެބައިމީހުންނަށް ނޭނގޭ“ އަޖައިބުކުރުވަނިވި މަޚްލޫޤުން އުފެއްދެވިއެވެ.
ތަފްސީރުއް ސަޢުދީ:
އެކަލާނގެ ހުސްތާހިރުވަންތަކަމާއެވެ. އެކަލާނގެއީ ހުރިހާ އެއްޗެއް ޖޯޑުޖޯޑަށް ނުވަތަ ތަފާތު ބާވަތްތަކަށް އުފެއްދެވި ކަލާނގެއެވެ. ބިމުން ފަޅާ ތަކެތީގެ ތެރޭގައި ގުނާ އަދަދު ނުކުރެވޭހާ ގިނަ ބާވަތްތައް ހިމެނެއެވެ. އަދި އިންސާނުންގެ ނަފްސުތަކުން އަންހެން ފިރިހެން އުފައްދަވައި، އެބައިމީހުންގެ ސިފައާއި، އަޚްލާޤާއި، ބޭރުފުށާއި އެތެރެފުށުގައި ތަފާތުތަކެއް ލެއްވިއެވެ. އަދި އެބައިމީހުންނަށް ނޭނގޭ ކަންތައްތަކަކީ، އުފައްދަވާފައިވާ އަދި އުފައްދަވާނޭ މަޚްލޫޤުންނެވެ. މާތްﷲ އީ އެކަލާނގެ ފުރިހަމަވަންތަކަމުގެ ސިފަފުޅުތަކުގައި އެއްވެސް ބައިވެރިއަކު، އެހީތެރިއަކު، ވަޒީރަކު، އަނތްބަކު ނުވަތަ ދަރިއަކު ވުމުން މައުޞޫމްވެގެންވާ، ހުސްތާހިރުވަންތަ ކަލާނގެއެވެ.
وَآيَةٌ لَّهُمُ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ 37
ރޭގަނޑަކީ، އެއުރެންނަށްހުރި ހެތްކެކެވެ. ތިމަންރަސްކަލާނގެ ރޭގަނޑުގެ ތެރެއިން ދުވާލު ވަކިކުރައްވަމެވެ. ފަހެ، އެހާރުން އެއުރެން އަނދިރީގެ ތެރޭގައިވެއެވެ.
ކުރު ތަފްސީރު:
މާތްﷲގެ އެއްކައުވަންތަކަމުގެ ހެތްކެއްގެ ގޮތުން، ދުވާލު ނިމި ރޭގަނޑު އައުމުން ދުވާލުގެ އަލިކަން ގެންދަވައި، އަނދިރިކަން ފަތުރުއްވަވައެވެ. އެހިނދު މީސްތަކުން އަނދިރިކަމުގެ ތެރެއަށް ވަދެގެންދެއެވެ.
ޖަލާލައިނި ތަފްސީރު:
”އަދި އެބައިމީހުންނަށް ހުރި ހެތްކަކީ“ ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ”ރޭގަނޑެވެ.“ ތިމަންރަސްކަލާނގެ ”އެއިން ދުވާލު ވަކިކުރައްވަމެވެ. އެހިނދު އެބައިމީހުން އަނދިރީގެ ތެރޭގައި ތިބެއެވެ.“
ތަފްސީރުއް ސަޢުދީ:
އެބަހީ: މާތްﷲގެ އިރާދަފުޅާއި، ކުޅަދުންވަންތަކަމާއި، މަރުވުމަށްފަހު އަލުން ދިރުއްވާނޭކަމުގެ ހެތްކެކެވެ. މުޅި ބިން އަލިކޮށްފައިވާ ބޮޑު އަލިކަން (ދުވާލު) ގެންދަވައި، އެއަށްފަހު އަނދިރިކަން ލެއްވުމުން މީސްތަކުން އެ އަނދިރީގެ ތެރޭގައި ތިބެއެވެ. އަދި އަލުން އިރު އެރުވުމުން ބިން އަލިވެ، މީސްތަކުން އެބައިމީހުންގެ ދިރިއުޅުމުގެ ބޭނުންތަކަށް ނުކުމެ އުޅެއެވެ.
وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ 38
އަދި އިރު، އެއަށް ކަނޑައެޅި قرار ވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރުކުރައްވާފައިވާ ގޮތެވެ.
ކުރު ތަފްސީރު:
ކަލާނގެ އެއްކައުވަންތަކަމުގެ ހެތްކެއްގެ ގޮތުން، މާތްﷲ ކަނޑައަޅުއްވާފައިވާ ވަކި މަގަކުން އިރު ހިނގަމުންދެއެވެ. އެއީ އެއްވެސް ފަރާތަކަށް ގަދަނުވެވޭނޭ، މަތިވެރި، އެންމެހާ ތަކެތި ދެނެވޮޑިގެންވާ ކަލާނގެ މިންވަރުކުރެއްވުމެވެ.
ޖަލާލައިނި ތަފްސީރު:
”އަދި އިރު ހިނގައެވެ“ މިއީވެސް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ”އެއަށް ކަނޑައެޅިގެންވާ ހިސާބަކަށް“ އެބަހީ އެއިން ބޭރުނުވެވޭނޭ ވަކި މަންޒިލަކަށެވެ. އެއީ އެކަލާނގެ ރަސްކަންފުޅުގައިވާ ”މަތިވެރި“، އަދި އުފެއްދެވި ތަކެތި ”ދެނެވޮޑިގެންވާ“ ކަލާނގެ މިންވަރުކުރެއްވުމެވެ.
ތަފްސީރުއް ސަޢުދީ:
އިރު އަބަދުވެސް ހިނގަމުންދަނީ މާތްﷲ އެއަށް ކަނޑައަޅުއްވާފައިވާ މަގުންނެވެ. އެއަށްވުރެ ކުރިއެއް ނުލެވޭނެއެވެ، ފަހެއްވެސް ނުވެވޭނެއެވެ. އަދި އަމިއްލަ އެއްވެސް ބާރެއް އެއަށް ލިބިގެންނުވެއެވެ. މިއީ މި ބޮޑެތި މަޚްލޫޤުން އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުކުރައްވައި ބަލަހައްޓަވާ މަތިވެރި ކަލާނގެ މިންވަރުކުރެއްވުމެވެ. އެކަލާނގެއީ ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ ޢިލްމުފުޅުން، އަޅުތަކުންގެ ދީނީ އަދި ދުނިޔަވީ ލާބަޔާއި މަންފާއަށްޓަކައި މިކަންކަން މިގޮތަށް ލެއްވިއެވެ.
وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ 39
އަދި ހަނދަށް ތިމަންރަސްކަލާނގެ منزل ތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.)
ކުރު ޚުލާސާއެއް:
އެބައިމީހުންނަށް ހުރި ހެތްކަކީ، ކޮންމެ ރެއަކުވެސް ތަފާތު މިންވަރަކަށް ފެންނަ މި ހަނދެވެ. ފުރަތަމަ ކުޑަކޮށް ފެނި، ދެން ބޮޑުވަމުން ގޮސް، އަލުން ހިިމަވެ ކުޑަވަމުން ގޮސް، ބޮލަށް ލެނބިފައިވާ މުސްކުޅި ކަދުރު އޮފިގަނޑެއް ފަދައިން ބަދަލުވެގެން ދެއެވެ. އެއީ އޭގެ ހިމަކަމާއި، ލެނބުމާއި، ރީނދޫކުލައަށް ބަލާއިރުގައެވެ.
ޖަލާލައިނި ތަފްސީރު:
”އަދި ހަނދަށް“ މަންޒިލްތަކެއް މިންވަރުކުރެއްވީމެވެ. ކޮންމެ މަހެއްގެ ސައްބީސް ރޭ، ސައްބީސް މަންޒިލެއްގައި އެ ހަނދު ދަތުރުކުރެއެވެ. މަސް ތިރީސް ދުވަހަށް ވާނަމަ ދެ ރޭ، އަދި ނަވާވީސް ދުވަހަށް ވާނަމަ އެއް ރޭ ފޮރުވިފައި އޮވެއެވެ. ”އެއީ އޭގެ އެންމެ ފަހު މަންޒިލަށް އެނބުރި ދަންދެނެވެ.“ އެއީ ބަލާބެލުމަށް ”މުސްކުޅި ކުދި ފަންވަތެއް ފަދައިންނެވެ.“ އެބަހީ ކަދުރު އޮފިގަނޑެއް މުސްކުޅިވެ، ހިކި، ލެނބި، ރީނދޫވެފައިވާ ފަދައިންނެވެ.
އައްސަޢުދީ ތަފްސީރު:
ހަނދު ދަތުރުކުރުމަށް މަންޒިލްތަކެއް ލެއްވިއެވެ. ކޮންމެ ރެއަކުވެސް ވަކި މަންޒިލެއްގައި ދަތުރުކޮށް، އެންމެ ފަހުން ވަރަށް ކުޑަވެ، މުސްކުޅި ކަދުރު އޮފިގަނޑެއް ފަދައިން އެނބުރި ދެއެވެ. އޭގެ ފަހުން އަލުން ކުޑަކޮށް ފެށި، މަޑުމަޑުން ބޮޑުވަމުން ގޮސް، އޭގެ އަލި ފުރިހަމަވެ، ސާފުވެގެން ދެއެވެ.
ނުނިމޭ…
މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.
އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.



