
އަޅުގަނޑުމެން ފާޅުކުރާ އެއްބައިވަންތަކަމަކީ ހަމައެކަނި ބަސްތަކަކަށް ވެގެން ނުވާނެ: ރައީސުލް ޖުމްހޫރިއްޔާ
ފަލަސްތީނުގެ ހައްގުގައި އަޅުގަނޑުމެން ފާޅުކުރާ އެއްބައިވަންތަކަމަކީ ހަމައެކަނި ބަސްތަކަކަށް ވެގެން ނުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ސާބިތުކަން ފާޅުކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ސުލްހައާއި، މިނިވަންކަމާއި، ކަރާމާތަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ދެމިތިބީ އެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ނުހަނު ބޮޑެތި ކެކުޅުންތަކަށް ނިމުމެއް ގެނައުމަށްޓަކައި، ހަމަނުޖެހުންތައް ހުއްޓުވައި، އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއްނެތި ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ގާނޫނުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އދ. އާއި ބައިނަލްއަޤްވާމީ އެކި މަޖިލިސްތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށާއި، މީގެ ތެރޭގައި ބައިނަލްއަޤްވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގައި (އައި.ސީ.ޖޭ) އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަނުމާއި، ޔޫއެންއާރްޑަބްލިއުއޭ (UNRWA) އަށް އެއްބާރުލުން ދިނުން ހިމެނޭ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނަށް ހަމަހަމަ ހައްގުތަކާއި ބައިވެރިވުން ލިބިދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ ތާއީދުގައި ދިވެހިރާއްޖެއިން ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ޕޯސްޓް ނިންމާލަމުން ބުނެފައިވަނީ، އަޅުގަނޑުމެން ފާޅުކުރާ އެއްބައިވަންތަކަމަކީ ހަމައެކަނި ބަސްތަކަކަށް ވެގެން ނުވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަކީ އަމާންކަމާއި، އިންސާފާއި، އެމީހުންގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ ބައެއް ކަމަށެވެ.



