
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި 15 ބިދޭސީއެއް ޗެކްކޮށްފަވާއިރު މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައިވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.



