
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލައިފި
2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މި ދެ ރަށުގައި ބާއްވަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
އެގޮތުން ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް 2026 މޭ 18 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށެވެ.
މި ރަށްތަކުގައި އިންތިޚާބުކުރަންޖެހޭ މަޤާމުތަކުގެ ތެރޭގައި ވ.ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް އެއް މެންބަރު ހިމެނެއެވެ. އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަޤާމަށް ދެ މެންބަރުން ހިމެނެއެވެ.
ވ.ރަކީދޫ އަދި މ.ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 22 ވާ ހޯމަ ދުވަހުގައެވެ.



