
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވިސް)ގެ 1ވަނަ ނެޝަނަލް ސްވިމް މީޓް ބާއްވައިފި
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް.އޯ.އެމް) ގެ1 ވަނަނެެޝަނަލް ސްވިމް މީޓް ބާއްވައިފި އެވެ.
ހުޅުމާޅެ ސްވިމިންގ ޕޫލް ޓްރެކްގައި އެޕްރީލް 24 އިން 25 ކުރިއަށް ގެންދިޔަ މި މުބާރާތުގައި 9 އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވެ އެވެ. އެއީ އަންހެން 9 އާއި ފިރިހެން 29 އެތުލީޓުންނެވެ.
މިއީ އެސް-އޯ މޯލްޑިވިސް އިން ފެތުމުގެ މުވާރާތެއް ކުރިއަށްގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުންގެ ނަންވެސް ވަނީ ”ނެޝަނަލް ސްވިމް މީޓް“ އަށް ބަދަލުކޮށްފަ އެވެ.

މި ގޮތުން މުބާރާތުގެ ޤަވާޢިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ޤަވާޢިދުތަކަށް ހޭލުންތެރިކުރުވާފައިވެ އެވެ. މިމުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބްދުއްރައްޒާޤު އިބްރާހީމް އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މިނިސްޓަރގެ ނައިބު އަލްފާޟިލް އިބްރާހީމް ފާއިދު ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އަލްފާޟިލާ އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އަލްފާޟީލާ އައިޝަތު މަނާލް ޙާލިދް ވަނީ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރި ވަނަވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ޙާވާލުކޮށްދެއްވާފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާދާއިރާއެއްގައި މުޅިރާއްޖޭގައި ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.



