ޚަބަރު ފީތާ

ލޯފަން ކުދިންގެ ހަރަކާތްކަށް ދިރާގުން ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދެނީ

ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުންކުރާ ތަފާތު ކަންތައްތަކުގެ ތެރެއިން މިއަދު މިވަނީ ދިރާގުން ރާއްޖޭގެ ލޯފަން ކުދިންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީފިއެވެ.

މި ޙިދުމަތް ފޯރުކޮށްދިނުމައްޓަކައި މިއަދު ވަނީ ދިރާގާއި ލޯފަން ކުދިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކް ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.

ދިރާގު ހެޑް އޮފީހުގެ އެއްވަނަ ފަންގިފިލާގައި ބޭއްވި މިރަސްމިއްޔާތުގެ ޕެނަލްގައި ތިއްބެވީ ދިރާގުގެ ސީ.އީ.އޯ، އެމް.ޑީ އިސްމާޢީލް ރަޝީދު އަދި ސީ.އެމް.އޯ އިޒަބެލް ހަޖްރީއެވެ. އަދި ބީ.ވީ.އައި.އެސް.އެމް ގެ ފަރާތުން ބައިވެރިވެވަޑައިގަތީ ބީ.ވީ.އައި.އެސް.އެމް ގެ ރައީސް މާޒިން އާއި އެޖަމިއްޔާގެ ފަރާތުން މަރިޔަމް ވަހީދާއެވެ.

މި ޚިދުމަތުގެ ސަބަބުން މި ޖަމްޢިއްޔާގެ މެމްބަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާއިރު، އޭގެ ތެރޭގައި ލޯފަން ބޭފުޅުން ޖަމްޢިއްޔާގެ ގިނަ ހަރަކާތްތަށް ބާއްވަމުން ދަނީ ފޯނުގެ ޒަރިއްޔާއިން ކަމަށްވާތީ ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްޤީ އާއި ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދިއުމުގައި އިތުރު ލުއިފަސޭހައެއް ލިބޭނެއެވެ.

އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި ޚިދުމަތުގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނެއެވެ.

މީގެ އިތުރުން ޖަމްޢިއްޔާގެ މެމްބަރުން ބާރުވެރިކުރުވައި، ހިތްވަރުދީ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު އެހީއެއް މި ޚިދުމަތުގެ ސަބަބުން ލިބިގެން ދާނެއެވެ. އަދި ޖަމްޢިއްޔާގެ ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއްމާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ޚިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ.

ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަޤްބަލުގައިވެސް ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކުރާ ޖަމިއްޔާ ފަދަ ޖަމިޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

Rate this post