
ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ؟ ޑރ. މުޙައްމަދު ޢިޔާޟު
ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެއެވެ. އައްޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޢަރީފީ
ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަލިއަޅުއްވާލައްވާފައިވާ ޝާމިލު މަންހަޖެކެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ) ސޫރަތުލް މާއިދާ 48، މާނައަކީ: “އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ.”
އަދިވެސް ﷲ ވަޙީ ކުރައްވައެވެ. (ادْخُلُوا فِي السِّلْمِ كَافَّةً) ސޫރަތުލް ބަގަރާ 208، މާނައަކީ: “ތިޔަބައިމީހުން އެންމެން إسلام دين އަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ!” މި އާޔަތުގެ މުރާދަކީ ތިޔަބައިމީހުން އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކެއް ގަބޫލު ކުރާށެވެ. ހަމައެކަނި އިޖްތިމާޢީ ކަންތައް ތަކުގައި ހިފާފައި، އެއީ ދީނީ ކަމެއްކަމަށް ބަލާފައި ސިޔާސީ ކަންތައް ދޫކޮށް ނުލާށެވެ. ނުވަތަ ސިޔާސީ ކަންތަކުގައި ހިފާފައި އިގްތިޞާދީ ކަންތައް ހަނދާންނައްތާ ނުލާށެވެ. ހުރިހާ ކަމެއްގައިވެސް އިސްލާމްދީނުގައި އައިސްފައިވާ ގޮތަށް ކަންތައް ކުރާށެވެ. ކީރިތި ގުރްއާނަށް ނަޡަރު ހިންގާލައިފިނަމަ ފެނިގެންދާނީ މިހުރިހާ ކަންތަކެއް ޝާމިލުވާ ފޮތެއްގެ ގޮތުގައެވެ. މިޘާލަކަށް ބުނާނަމަ: ގުރްއާނުގައި އިގްތިޞާދާއި ބެހޭ ވާހަކަވެސް އައިސްފައިވެއެވެ. (لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً) ސޫރަތު އާލުޢިމްރާން: 130. މާނައަކީ: “ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِبا ނުކާށެވެ!”
އަދިވެސް އައިސްފައިވެއެވެ، (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ ) ސޫރަތުލް ބަގަރާ: 278، މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!”
އަދިވެސް އައިސްފައިވެއެވެ، (وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا) ސޫރަތުލް ބަގަރާ: 275. މާނައަކީ: “ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ.”
އަދިވެސް އައިސްފައިވެއެވެ. (إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ) މާނައަކީ: “ކަނޑައެޅި އެނގިގެންވާ مدة އަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!”
އިގްތިޞާދީ ކަންކަމުގައި ވަރަށް ތަފްޞީލުކޮށް މިވަނީ ޙުކުމްތައް ބަޔާން ކުރައްވާފައެވެ. އިޖްތިމާޢީ ކަންތައްތަކަށް ބަލާއިރު އެކަމުގެ ޙުކުމްތައްވެސް މާތް ﷲ ކީރިތި ގުރްއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ. (فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ) ސޫރަތުލް ބަގަރާ: 230، މާނައަކީ: “ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلال އެއް ނުވާނެތެވެ.”
އަދިވެސް އައިސްފައިވެއެވެ. (وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ) ސޫރަތުއް ނިސާ: 23، މާނައަކީ: “އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أخت ން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أخت ންނާ އިނުން) ވެސް حرام ކުރެއްވިއެވެ.”
އަދިވެސް އައިސްފައިވެއެވެ. (فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ) މާނައަކީ: “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.”
ހަނގުރާމަ އާއި ޞުލްޙައިގެ ވަގުތުތަކުގެ ކަންތައް ކުރަންވީ ގޮތްވެސް ކީރިތި ގުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ. (وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّـهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ) ސޫރަތުލް އަންފާލް: 61، މާނައަކީ: “އަދި صلح އިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبول ކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
އަދިވެސް އައިސްފައިވެއެވެ، (وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ ) ސޫރަތުލް އަންފާލް: 58، މާނައަކީ: “ބަޔަކުމީހުންގެ ކިބައިން خيانة ތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ معاهدة އެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، خيانة ތެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”
މި އާޔަތްތަކުގައި މިވަނީ ސިޔާސީ ގޮތުން ހަނގުރާމައިގެ ޙާލަތްތަކުގައްޔާއި ޞުލްޙައިގެ ވަގުތު ތަކުގައި ކަންތައް ކުރާނެ ގޮތް ބަޔާން ކުރައްވާފައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ދީނީ ކަންތައްތަކާއި ސިޔާސީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް އަދި އެނޫންވެސް ކަންތައްތަކުގައި އިސްކޮޅު އުޅުއްވި ބޭކަލަކަށެވެ. ސިޔާސީ މައްސަލަ އެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ވެވިއްޖެނަމަ ތިޔައީ ސިޔާސީ މައްސަލަ އެކޭ ކިޔާ ދޫކޮށެއް ނުލައްވައެވެ. އަދިކިއެއްތަ، ސިޔާސީ ވާހަކަ ދައްކަވާ ހައްދަވައެވެ. އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީވެސް ހަމައެފަދަ އެވެ. އެބޭފުޅުން މިހުރިހާ ކަމެއްގައިވެސް އުޅުއްވިއެވެ. ސިޔާސީ މީހަކު ދީނާއި ގުޅޭ ގޮތުން ރަގަޅު ވާހަކަ ދެއްކައިފިނަމަ، އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. މެޑިކަލް ޑޮކްޓަރަކު ދީނުގެ ވާހަކަ ދެއްކުމަކުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އޭނާ ދެއްކި ވާހަކަ ޞައްޙަހާ ހިނދަކުއެވެ. އިންޖިނޭރަކުވެސް ދީނުގެ ޞައްޙަ މަޢްލޫމާތު ލިބިގެން ދީނީ ވާހަކަ ދައްކައިފިނަމަ އެކަމަކާ އިންކާރެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ދީނީ ޢިލްމުވެރިޔަކުވެސް ރަގަޅު މަޢްލޫމާތު ލިބިހުރެ މެޑިކަލް މައްސަލަ އެއްގައި ވާހަކަ ދައްކައިފިނަމަ އެކަމަކީ ގޯސް ކަމެކޭ ނުބުނެވޭނެއެވެ. އަދި އިންޖިނޭރިންގް ގެ ކަމެއްގައިވެސް، ޞައްޙަ މަޢްލޫމާތު ލިބިގެން ވާހަކަ ދެއްކުމުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އަދި ސިޔާސީ ކަމެއްގައި ޞައްޙަ މަޢްލޫމާތުގެ އަލީގައި ވާހަކަ ދެއްކުމުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ.