ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސަރވިސް (ޑީޑޮސް) އެޓޭކް ތަކެއްގެ ސަބަބުން ރާއްޖޭގެ މުވާޞަލާތީ ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި ދިރާގަށްވެސް އަސަރުކޮށްފައިވާ ކަމަށް އެ ދެކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އެ ދެ ކުންފުނި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑީޑޮސް އެޓޭކްތަކަކީ އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތްތަކަށް އަމާޒުކޮށް، ޑޭޓާ ޓްރެފިކް އޯވަރލޯޑް ކޮށްގެން، ޚިދުމަތް ބޭނުން ނުކުރެވޭނެގޮތް މެދުވެރިކުރުމަށް ދެވޭ ޙަމަލާތަކެއް ކަމަށެވެ.
އަދި ޑީޑޮސް ޙަމަލާތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މުވާޞަލާތީ ޚިދުމަތްދޭ އަދި ބޭނުންކުރަމުންދާ ފަރާތްތަކަށް އަމާޒުވަމުންދާ ގޮންޖެހުންތަކެއް ކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
މިފަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވީނަމަވެސް، ދެކުންފުނީގެ އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެ ދެ ކުންފުނިންވެސް މަސައްކަތް ކުރަމުން ދަނީ އެކުންފުންޏެއްގެ ސިސްޓަމްތައް އިތުރަށް ވަރުގަދަކޮށް މިފަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ކަމާބެހޭފަރާތްތަކާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ ވަގުތުތަކުގައި އެ ދެ ކުންފުނީގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށްވެސް އުރީދޫ އަދި ދިރާގު ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.