ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަތިހު ބްރެޒިލް އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އާޖެންޓީނާ އަށް ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ރޭ ފަތިހު ކުޅުނު މި މެޗުން އާޖެންޓީނާގެ މައްޗަށް ބްރެޒިލްއިން ކުރި ހޯދާފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.
ބްރެޒިލްގައި ރޭ ކުޅުނު މިމެޗުގައި އާޖެންޓީނާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކި ބްރެޒިލް މުޅިމެޗުކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ބްރެޒިލްއެވެ.
އެގޮތުން ބްރެޒިލްގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލްގެ އިތުބާރު ފޯވާޑް ފިލިޕޭ ކޯޓީނިއޯ އެވެ. ކޮޓީނިއޯ އަންނަނީ ލިވަޕޫލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް އެންމެ ފަހު މިނެޓުގައި ބާސެލޯނާގެ އިތުބާރު ފޯވާޑް ނޭމާ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު ނޭމާ ބްރެޒިލްގެ ގައުމީޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ.
މެޗުގެ ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު ބްރެޒިލްއިން ނިންމާލިއިރު ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ރެނާޓޯގެ އެހޯތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޕައުލީނިއޯ އެވެ.
މި މޮޅާއެކު ބްރެޒިލްއިން ޕޮއިންޓް ތާވަލްގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު އެޓީމު އޮތީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ޕޮއިންޓް ތާވަލްގެ ދެ ވަނައިގައި ރޭ އިކުއެޑޯ އަތުން މޮޅުވެ އޮތްއިރު އެޓީމު ދެވަނާގައި އޮތީ 23 ޕޮއިންޓާއެކުގައެވެ.
ރޭ ބްރެޒިލް އަތުން ބަލިވުމުން އާޖެންޓީނާ ވަނީ ކޮލިފައިން ބުރުގެ 6 ވަނަ އަށް ވެއްޓިފަ އެވެ. އަދި ކޮލިފައިންގައި އާޖެންޓީނާއަށް ބާކީ 7 މެޗު އޮތްއިރު އޭގެތެރެއިން ގިނަ މެޗުތަކެއް އެޓީމަށް ކާމިޔާބުކުރަން މިހާރު ވަނީ މަޖުބޫރު ވެފައެވެ. އެހެން ނޫންނަމަ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕަށް އެޓީމަށް ކޮލިފައި ނުވުމަކީ ގާތްކަމެކެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ކޮލަމްބިއާ އާއި ޗިލީ ބައްދަލުކުރި މެޗު ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އަދި ޕެރަގުއޭ އާއި ޕެރޫ ބައްދަލުކުރި މެޗު 1-4 ގެ ނަތީޖާއިން ޕެރޫ މޮޅުވިއިރު ވެނެޒުއޭލާ ވެސް ވަނީ ބޮލީވިއާގެ މައްޗަށް 0-5 ގެ ނަތީޖާއިން ކުރިހޯދާފައެވެ.
މި ގުރޫޕުގެ ކޮލިފައިން މެޗުތަކުގެ ތެރެއިން ކުޅޭ ފުރަތަމަ މެޗު ކުޅެވޭނީ 15 ވަނަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާއިރުގައެވެ. މި މެޗުގައި މައްދަލުކުރާނީ ބޮލީވިއާ އަދި ޕެރަގުއޭ އެވެ. ދަންވަރު 2 ޖަހާއިރު ކުޅޭމެޗުގައި ބައްދަލުކުރާނީ ވެނެޒުއެލާ އާއި އިކުއެޑޯއެވެ.
ފަތިހު 4:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗިލ\ީއާއި އުރުގުއޭ އެވެ. އަދި ހަމަ އެގަޑީގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާ މެޗު ކުޅެވޭއިރު 16 ވަނަ ދުވަގެ ހެނދުނު 7:15 ގައި ބްރެޒިލް އާއި ޕެރޫ ބައްދަލުކުރާނެއެވެ.