ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ން އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލައިފިއެވެ.
މިއީ ދިރާގުން މިދިޔަ މަހުގެ 16 ވަނަދުވަހު އިފްތިތާޙުކުރި “ފޯ ދި އޯޝަންސް” ކެމްޕެއިންގެ ދަށުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާ އިރު، މި ކެމްޕޭން ކާމިޔާބު ކެމްޕޭނަކަށް ހެދުމަށްޓަކައި ދިރާގުގެ މައި ޢިމާރާތުގެ 7 ފަންގިފިލައެއްގައި ވަނީ ފެން ކޫލަރު ބަހައްޓާފައެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ދިރާގުގެ 9 ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައިވެސް ފެން ކޫލަރު ވަނީ ބަހައްޓާ، 630 މުވައްޒަފަކަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެންފުޅި ވަނީ ހަދިޔާކޮށްފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ފުޅި ބޭނުންކުރުން ހުއްޓުވުމުގެ އާދަ މުވައްޒަފުންގެ ކިބާގައި އަށަގެންނެވުމުގެ މަޤުޞަދުގައި ފުޅިތައް މުވައްޒަފުންނަށް ހަދިޔާ ކޮށްފައިވާ އިރު، ”ފޯރ ދި އޯޝަންސް“ ގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ މުއްދަތަކަށް ބޭނުންކުރެވޭނެ ކޮތަޅެއްވެސް ދިރާގުން ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.