ކުރީގެ ނާއިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވައިފި
ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގަންނަވައިފިއެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވާފައި ވަނީ 21 ޖެނުއަރީ 2024 އިން ފެށިގެންނެވެ.
ފައިސަލް ވަނީ ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދުވަސްތަކުގައި ޖޭޕީގެ ލީޑަރުންނާއި މެންބަރުން އެމަނިކުފާނަށް ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވާ ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. ޖޭޕީން ވަނީ ފައިސަލް އެޕާޓީން ވަކިވެވަޑައިގެންނެވުމަށް ސިޓީފުޅު ހުށަހަޅުއްވާފައިވާކަން ޔަޤީންކޮށްދީފައެވެ.
ކުރީގެ ނާއިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގަންނަވާފައިވާއިރު ނިމިދިޔަ މާލެސިޓީ މޭޔަރު ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އަށް ތާއީދުކުރައްވާ ކެމްޕެއިންކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.