
މައިން ބަފައިންނަށް އިޙްސާންތެރިވުން
މައިން ބަފައިންނަކީ ތިމާ ދުނިޔެއަށް އައުމަށް ކީރިތިﷲ މެދުވެރިކުރެއްވި ސަބަބެވެ. ތިމާ އާރެއްބާރެއް ނެތި ނިކަމެތިކަމުގައި ދުނިޔެއަށް ނޭވާލީ ހިންދު ތިމާއަށް އެންމެ އަޅާލައި އޯގާތެރިވެ، ތިމާގެންގުޅެ ބޮޑުކުރި މީހުންނެވެ. އިންސާނުން ދުނިޔެއަށް އަންނަނީ ކުއްލިޔަކަށް ނޫނެވެ.
9 މަސްދުވަހު ތިމާގެ މައިމީހާ އެ އުފިލިވޭނާއި ކެކުޅުން، އަދި ވިހެމުގައި އެތަޙައްމަލުކުރި ތަދާއި ވޭނުގެ ބަދަލު ތިމާގެ މުޅިޢުމުރު އެމައިމީހާޤެ ޙައްޤުގައި ޤުރުބާންކޮށްލިނަމަވެސް އަދާނުކުރެވޭނެކަމީ އިސްލާމްދީން އަންގައިދޭ މަތިވެރި ހަޤީގަތެކެވެ. الله سبحانه وتعالى وحي ކުރައްވާފައިވެއެވެ. . وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾ سورة اللقمان. މާނައީ: “ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާންގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެމަށްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުންވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާންގެ ޢަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާންގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫޢަވުންވަނީ ހަމަ ތިމަންރަސްކަލާންގެ ހަޟުރަތަށެވެ.“[1]
މައިންބަފައިންނަށް ޝުކުރުވެރިވާންވީގޮތްވެސް ކީރިތި ﷲ ވަނީ އަންގަވާފައެވެ. އެއިލާހު ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުމަށް ޢަމުރުކުރެއްވުމާއި ވިދިގެން، މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަންގަވައި ކީރިތި ޤުރުއާނުގެ އެތައްއާޔަތެއް ބާވާލައްވާފައިވެއެވެ. الله سبحانه وتعالى وحي ކުރައްވާފައިވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ سورة الإسراء
މާނާއީ: ”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރިފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!“[2]
އިސްލާމްދީނުގެއި މައިންނަށް ދެއްވާފައިވާ ޤަދަރު ވަކިންބޮޑެވެ. އަދި މައިންނަށް ވަކިންބޮޑަށް ހެޔޮކޮށް ހިތުމަށް މިއުންމަތުގެ نبي محمد صلى الله عليه وسلم ބާރު އަޅުއްވާފައި ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم حديث ކުރެއްވިކަމަށް يخاري އާއި، مسلمގައި ރިވާވެގެން ވެއެވެ. ”މީހަކު ﷲ ގެ رسول محمد صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ رسولއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮން ބަޔަކަށްތޯއެވެ؟ رسول محمد صلى الله عليه وسلم حديث ކުރެއްވިއެވެ. “ތިބާގެ މަންމައެވެ.“ އެ މީހާ ދެންނެވިއެވެ. “ދެން ކާކުތޯއެވެ.“ رسول محمد صلى الله عليه وسلم حديث ކުރެއްވިއެވެ. ކުރެއްވިއެވެ. “ދެން ވެސް ތިބާގެ މަންމައެވެ.“ އެ މީހާ ދެންނެވިއެވެ. “ދެން ކާކުތޯއެވެ.“ رسول صلى الله عليه وسلم حديث ކުރެއްވިއެވެ. “ދެން ވެސް ތިބާގެ މަންމައެވެ.“ އެ މީހާ ދެންނެވިއެވެ. “ދެން ކާކުތޯއެވެ.“ رسول صلى الله عليه وسلم حديث ކުރެއްވިއެވެ. “ދެން ތިބާގެ ބައްޕައެވެ.“
ނަމަވެސް ހިތާމަޔަކީ މިއަދު ގިނަމީހުނަށް ތިމާގެ މައިންބަފައިން މުސްކުޅިވީދުވަހު އެމީހުން ބެލުންވަނީ ބޮޑުބުރަޔަކަށް ވެފައެވެ. މައިންބަފައިން ބެލުންފިޔަވައި އެމީހުންގެ ޙާލުބަލައި ނުލާދަރިންވެސް މިޒަމާނުގައި ވަރަށް ގިނައެވެ. މިއީ މުޖުތަމަޢުގައި ކަންހިނގާގޮތެވެ. ގިނަކުދިން ތިމާމެންގެ މައިންބަފައިން ކިޔަވައިދީ ބޮޑުކޮށް، މަތީވަޒީފާތައް ލިބުމުން، މައިންބަފައިން މުސްކުޅިވީދުވަހު އެމީހުންނާއެކު މަގުމަތީ ހިނގަން ލަދުގަނެއެވެ. އެމީހުނާ އެއްތަށިމަތި ކެއުމަށް ފަސްޖެހެއެވެ. މިހިރީ އިސްލާމީ މުޖުތަމަޢުގައި ކަންހިނގައިގެންވާނެ ގޮތެއް ނޫނެވެ. އެއްފަހަރަކު ކުއްޖެއްގެ މަންމަ އޭނާ ހޯދުމަށް އޭނާއުޅޭ އޮފީސްދޮށަށް ދިޔައެވެ. އެމަންމައަކީ ’އެއްލޯނެތް“ މަންމައެކެވެ. މިކަމާ އޭނާގެ ދަރިފުޅުވަރަށް ރުޅިއައިސް މަންމައަށް ވަރަށް އެއްޗެތި ގޮވިއެވެ. ތިމަންގެ މަންމަޔަކީ އެއްލޯނެތްމީހަކަށް ވުމުން މީހުން ކިހާ މަލާމާތެއްކުރާނެހެއްޔެވެ. މިފަދައިން މަންމަ ވަރަށް ހިތުގައި ޖެހޭއެތަކެއް އެއްޗެއްއޭނާކިއެވެ. މިކަމާއޭނާގެ މަންމަ ހިތުގައި ޖެހި ސިޓީއެއްލިޔުމަށް ފަހު އެގެއިން ނުކުމެގެން ދިޔައެވެ. މަންމަ ލިޔުނު ސިޓީގައި ވެއެވެ.
……….“ލޯބިވާ ދަރިފުޅާއެވެ. އަހަރެންގެ ދަރިފުޅު ޢުމުރުން އެންމެ ދެއަހަރުގައި އެއްލޮލަށް ލިބުނު ގެއްލުމަކުން އެލޮލަށް ނުފެންނާނެކަމުގައި ޑޮކްޓަރުން ބުންޏެވެ. ތިމަންގެ ލޯބިވާ ދަރިފުޅަކީ އެއްލޯ އަނދިރި ކުއްޖަކަށް ވާކަށް ތިމަންނާ ނުރުހުނެވެ. އެވަގުތު ތިމަންގެ އެއްލޯ އެދަރިފުޅަށް ހަދިޔާކުރީމެވެ. މިއަދު އެއްލޯނެތް މީހަކަށް ތިމަންމިވީ އެހެންވެއެވެ.“……..
އަދިވެސް އެހެންވާހަކައެކެވެ.
”މުސްކުޅި ފިރިހެނަކު އޭނާގެ ގޭގެ މެދުގޯތީގައި އިށީނދެ އިނެވެ. ކައިރީގައި ވަރަށް މޮޅަށް ކިޔަވައިގެން ހުރި ފިރިހެން ދަރިޔަކުވެސް ހުއްޓެވެ. ދެމީހުން މިހެން ތިއްބާ ކުއްލިއަކަށް ކާޅެއް އައިސް ގޭގެ ފާރު މަތީގައި އިށީނދެއްޖެވެ. މުސްކުޅި ފިރިހެން މީހާ އޭނާގެ ދަރިފުޅު ގާތުގައި އެހިއެވެ. ”އެއީ ކޯޗެއްތަ؟“ ދަރިފުޅު ޖަވާބުގައި ބުންޏެވެ. ”އެއީ ކާޅެކެވެ.“
އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އެ މުސްކުޅި ބައްޕަ އެ ކާޅު ދައްކާފައި އެހިއެވެ. ”ދަރިފުޅާ، އެއީ ކޯޗެއްތަ؟“ ފިރިހެން ކުއްޖާ އަނެއްކާވެސް ޖަވާބުގައި އެއީ ކާޅެއް ކަމަށް ބުންޏެވެ. އަނެއްކާވެސް ހަމަ އޭގެ އިރުކޮޅެއް ފަހުން އެމީހާ އެ ކާޅު ދައްކާފައި ސުވާލުކުރިއެވެ. މިފަހަރު އެ ފިރިހެން ކުއްޖާ ބުންޏެވެ. ”ކިތައް ފަހަރުތަ ބުނާނީ ތިޔައީ ކާޅެކޭ“. މުސްކުޅި މީހާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ދަރިފުޅު ގާތުން އެއީ ކޯޗެއްތޯ ސުވާލުކުރިއެވެ. މިފަހަރު އެ ކުއްޖާގެ މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ. އަދި ތަންކޮޅެއް ބާރަށް އެއީ ކާޅެކޭ ކާޅެކޭ ކިޔާފައި ޖަވާބުދިނެވެ.
އޭގެ ފަހުން އިރުކޮޅެއް ވީމާ އަނެއްކާވެސް އެ ކާޅު ދައްކާފައި އެ ބައްޕަ ބުންޏެވެ. ”ދަރިފުޅާ، އެއީ ފަހެ ކޯޗެއްތަ؟“ ބައްޕަގެ މިސުވާލާއި އެކީ އެ ކުއްޖާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ”ބައްޕަ އަބަދު އެކައްޗެއް ތިޔަ ކިޔަނީ.. މަ ކިތައް ފަހަރު ޖަވާބު ދީފިންތަ. އަދިވެސް މިކިޔާ އެއްޗެއް ނީވެނީތަ؟“ މިހެން ކިޔާފައި އޭނާގެ ބައްޕައާއި ދިމާލަށް އެއްޗެތި ލިޔައިފިއެވެ .
ދެން އެ މުސްކުޅި ބައްޕަ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ބާވެފައި އޮތް ޑައިރީއެއް ނެރެ ހިރަފުސް ފޮޅާލާފައި ދަރިފުޅުގެ އަތަށް ދިނެވެ. އަދި އެއިން ވަކި ސަފުހާއެއް ކިޔުމަށް ބުންޏެވެ.
ދަރިފުޅު އެ ސަފުހާ ކިޔާލިއެވެ. ”މިއަދު އަހަރެންގެ ލޯބިވާ ދަރިފުޅާ އެކީ މެދު ގޯތީގައި ހުއްޓާ އެތަނަށް ކާޅެއް އައެވެ. އަހަރެންގެ ދެ ލޮލުގެ ފިނިކަން ފަދަ ދަރިފުޅު، އެ ކާޅު ދައްކާފައި އެއީ ކޯޗެއްތޯ އަހަރެންގެ ގާތުން ފަންސަވީސް ފަހަރު އެހިއެވެ. އަހަރެން އެއްވެސް ފޫހިކަމެއް ނެތި ފަންސަވީސް ފަހަރު އޭނާއަށް ޖަވާބުގައި އެއީ ކާޅެއް ކަމަށް ބުނީމެވެ. އެ ސުވާލަށް ޖަވާބު ދިނުމުން އަހަރެން އެ މައުސޫމް ދަރިފުޅަށްޓަކައި ހިތުގައި އަށަގެންފައިވާ ލޯބި ވީ އިތުރެވޭ“
މިއީ މައިންބަފައިން ދަރިންދެކެ ވާ ލޯބީގެ މިސާލެވެ. ވުމާއެކު މައިންބައިންނާމެދު ހިތުހުރި ގޮތަކަށް ޢަމަލްކުރުމުގެ ނުބައިކަން ތިބާވިސްނާށެވެ. ތިބާ އެންމެ ނިކަމެތި ޙާލުގައި ވީދުވަހު ވޭނާ ބުރައުފުލައި، ތިބާއަށްޓަކައި ހިތަށް ނުގެނެވޭފަދަ މަތިވެރި އެތަކެއް ޤުރުބާނެއްވި މައިންބަފައިންނަށް ތިބާ ނުހިތި ހިތުމެއް، ނުބެހެއްޓި އޯގާތެރިކަމެއް ދެން ބަހައްޓާނީ ކާކާދޭތެރޭގައި ތޯއެވެ. ހަމަޖެހޭ ބާއްޖަވެރި މުޖުތަމަޢެއް ބިނާކުރުމަށް ބޭނުން އެންމެ ފުރިހަމަ އަސާސަކީ މައިންބަފައިންނަށް ކިޔަމަންގަތުމެވެ. އަދި އެދެމީހުން ނުވަތަ އެކަކުވިޔަސް މުސްކުޅިޙާލު ތިބާޔާ ބައްދަލުކޮށްފިނަމަ އެމީހުނަށް އަޅާލައި، އޯގާތެރިވުމެވެ. މައިންބަފައިންގެ ބަސްއަހާ، އެމީހުންނަށް ޙައްޤު ކިޔަމަންތެރިކަން އަދާކޮށް، އެމީހުނަށް އޯގާތެރިވާ މުޖުތަމަޢެއްގައި ހަމަޖެހުން އޮންނާނެކަމީ ޝައްކެއްހުރިކަމެއްނޫނެނެވެ.
1432 ވަނަ އަހަރު ރަމުޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ހ.ދ.ކުޅުދުއްފުށީގައި ބޭއްވުނު ޖަލްސާއެއްގައި ދީނީނަޞީޙަތް ދެއްވަމުން އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވިގޮތުއި މައިންބަފައިނަށް އުރެދުން ފިޔަވައި އެހެން ފާފަތަކުގެ އަޒާބު ﷲ ތަޢަލާ ޤިމާޔަތް ދުވަހަށް ފަސްކުރެއްވިނަމަވެސް މައިންބަފައިންނަށް އުރެދިއްޖެނަމަ އޭގެ ޢުޤުބާތް ދުނިޔޭގައި ކީރިތި ﷲ އެމީހަކަށް ދައްކަވާނެތެވެ.
ވުމާއެކު މިފަދަ އުޤޫބާތްތަކުން ސަލާމަތްވެ ކީރިތި ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި މައިންބަފައިންނަށް ކިޔަމަންވެ އެމީހުނަށް އިޙްސާންތެރިކޮށް ހިތަމާހިންގަވާށެވެ. އަޅުގަނޑުމެންނީ މައިންބަފައިންގެ ބަސްއަހާ، މައިންބަފައިންނަށް ކިޔަމަންވާ، އަދި އެ މައިންބަފައިން މުސްކުޅިވާ ދުވަހު، އެމީހުން ހިތުގައި ޖައްސައި، އެމީހުން ދެރަ ނިކަމެތިކޮށްލާ ބަޔަކު ކަމުގައި ނުވަމާތޯއެވެ.
”……… ލޯބިވާ ދަރިފުޅާ،
ދަރިފުޅުގެ ކިބައިން، މަންމައެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ، އެއީ……މަންމައާއި ބައްޕަ، މުސްކުޅިވި ދުވަހު، އަހަރެމެންނާމެދު ކެތްތެރިވާށެވެ، އަދި އަހަރެމެންގެ އިޙުސާސްތައް ދެނެގަންނާށެވެ. މަންމަމެން މި އުމުރުގައި، އެތަކެއް ސުވާލެއް ކޮށްފިނަމަ، ބޮލައް އުނދަގޫވެ، ރުޅިއިސް ނުކުރައްޗެވެ. ދަރިފުޅު ކުޑައިރު، މަންމައާއި ބައްޕަ، ދަރިފުޅު އެތަކެއް ސުވާލެއް ކުރުމުން، ފޫހިކަމެއްނެތި ޖަވާބު ދިން ފަދައިން، މަންމަމެނާ މެދު ވެސް ކެތްތެރިކަން ބަހައްޓާށެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަމެން މިއަދު މިތިބީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ، އެހެންކަމުން، ދަރިފުޅު ކުޑައިރު ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގިފަދައިން، މަންމަމެންގެ އަތުގައި ހިފައިގެން ހިންގަން ލަދު ނުގަންނާށެވެ. މަންމަމެނަށް މިއަދު މި ވަނީ، ދަރިފުޅުގެ އެހީތެރިކަމުގެ އަތަށް ބޭނުންވެފައެވެ. މަންމައަށް އެއްޗެހި ބެހެއްޓޭ ތަނެއް ހަނދާންނެތުމުން، އެ ހޯދައިދޭން އެދުމުން، ރުޅި ނާންނާށެވެ، ދަރިފުޅު ކުޑައިރު ދަރިފުޅުގެ ހުރިހާކަމެއް މަންމަމެން ބެލެހެއްޓީ ނުހަނު ލޯތްބާއި ފޫހިކަމެއް ނެތިއެވެ. މަންމަމެން ކަމަކަށް އެދުމުން، އެކަމާ ހިތްހަމަނުޖެހި، އެއީ ބޮޑުކަމެއްކަމުގައި ނުދެކޭށެވެ. ދަރިފުޅާއެވެ. ދަރިފުޅު މަންމަމެން ގާތު ބޭނުންވަނީ ކޯޗެއްތޯ އަހާލައިފިނަމަ، މަންމަ ހާދަ އުފާވާނެއެވެ. މަންމަމެން އަގުބޮޑު އެއްޗަކަށް ނުކިޔާނަމެވެ، އެހެންނަމަވެސް، އެހެން އަހައިލައިފި ނަމަ، ދަރިފުޅު މަންމަމެންދެކެ ލޯބިވާކަން، މަންމަމެނަށް އެނގޭނެއެވެ.
ލޯބިވާ ދަރިފުޅާއެވެ. މަންމަމެން މިއަދު މިވަނީ މުސްކުޅި ވެފައެވެ. ވަރުބަލި ވެފައެވެ. މަންމަމެނަށް އަޅާލައި އޯގާތެރި ވާށެވެ. މަންމަ ދުވަހަކުވެސް ދަރިފުޅު އެކަނި ދޫކޮށެއް ނުލަމުއެވެ. އަދި ދަރިފުޅުގެ އެއްވެސް ކަމެއް ކުރަން، އެހެން މީހަކާވެސް ހަވާލެއް ނުކުރަމެވެ، ވީއިރު މިއަދު މަންމަމެންގެ ހުރިހާކަމެއް އެހެންމީހަކައި ހަވާލު ތިކުރީ، ދަރިފުޅު މަންމަދެކެ ލޯބި ނުވަނީތޯއެވެ.
ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ މަންމަގެ ދެލޮލުގެ ފިނިކަމެވެ. މަންމައާއި ބައްޕަގެ ޒުވާންއުމުރު މި ހޭދަކޮށްލީ، ދަރިފުޅަށްޓަކައެވެ. ދަރިފުޅު މިއަދު ބޮޑުވެ، އަމިއްލަ އާއިލާއެއް ފަށައި، ޒިންމާދާރު މީހަކަށް ވުމުން، މަންމަ މިއަދު ހާދަ އުފާވެއެވެ. ތިއީ އަދިވެސް މަންމަގެ ކުޑަކުޑަ ލޯބި ދަރިފުޅެވެ. އޭ ދަރިފުޅާއެވެ. ދަރިފުޅުގެ ޒިންމާތައް މިއަދު އިތުރުވުމުން، މި މުސްކުޅި މަންމައާއި ބައްޕަގެ މަތިން ހަނދާންނައްތާ ނުލާށެވެ……“
[1] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ،ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2008
[2] ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، 2008



