ފާތިޙާ ސޫރަތް (سورة الفاتحة) 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

މިއީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި އެކުލެވިގެން ވަނީ ހަތް އާޔަތެވެ.

މި ސޫރަތުގެ މާތް ކަމާއި އަހައްމިއްޔަތު އަންގައިދޭ ބައެއް ކަންތައްތައް:

އިޝްތިހާރު Below Header ad
  1. ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމުގައި ވުން. އަދި މިސޫރަތް ކިޔެވުމާއި ނުލާ ނަމާދު ޞައްޙަ ނުވާނެކަން. عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) رواه البخاري ومسلم. މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން އައްޞާމިތްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ފާތިޙަތުލް ކިތާބި ނުކިޔަވައިފި މީހަކަށް ނަމާދެއް ނުވެއެވެ.”

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާލުވެފައިވެއެވެ. “މިއިން ދޭހަކޮށް ދެނީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ވާޖިބެއް ކަމެވެ. އަދި ސޫރަތުލް ފާތިޙާ ކިޔެވުމުގެ ކުޅަދާނަކަން ނެތް މީހާ ފިޔަވާ އެހެން މީހުން މި ސޫރަތް ނުކިޔަވާ ނަމާދު ޞައްޙަ ނުވާނެކަމެވެ. މިއީ އިމާމް މާލިކް، ޝާފިޢީ، އަދި ޞަޙާބީންނާއި ތާބިޢީންގެ ޖުމްހޫރުންގެ ރައުޔެވެ.

  1. މިއީ ގުރްއާނުގައިވާ އެންމެ މާތް ސޫރަތް ކަން. فروى الترمذي (2875) وصححه عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لأُبَيِّ بْنِ كَعْبٍ : أَتُحِبُّ أَنْ أُعَلِّمَكَ سُورَةً لَمْ يَنْزِلْ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ وَلَا فِي الْفُرْقَانِ مِثْلُهَا ؟ قَالَ : نَعَمْ ، يَا رَسُولَ اللَّهِ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : كَيْفَ تَقْرَأُ فِي الصَّلَاةِ ؟ قَالَ : فَقَرَأَ أُمَّ الْقُرْآنِ . فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (وَالَّذِي نَفْسِي بِيَدِهِ مَا أُنْزِلَتْ فِي التَّوْرَاةِ وَلَا فِي الْإِنْجِيلِ وَلَا فِي الزَّبُورِ وَلَا فِي الْفُرْقَانِ مِثْلُهَا)މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ.ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުބްއްޔު ބިން ކަޢްބުގެ ގާތުގައި ޙަދީޘް ކުރެއްވިއެވެ. “ތައުރާތާއި އިންޖީލު، ޒަބޫރާއި ފުރްގާނުގައިވެސް އެފަދަ އެއް ނުވާ ސޫރަތެއް ކަލޭގެފާނަށް ދަސްކޮށްދެއްވަމު ހެއްޔެވެ؟” އުބައްޔު ބިން ކަޢްބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އާދޭހެވެ. ﷲ ގެ ރަސޫލާ އެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  “ނަމާދުގައި ކިޔަވަނީ ކިހިނެއްތޯއެވެ؟” އުބައްޔު ވިދާޅުވިއެވެ. “ތިމަންނާ އުއްމުލް ކިތާބި (ސޫރަތުލް ފާތިޙާ) ކިޔަވަން ފެށީމެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. “ތައުރާތުގައި ވެސް އިންޖީލުގައިވެސް ޒަބޫރުގައިވެސް އަދި ފުރްގާން (ގުރްއާނު) ގައިވެސް އެފަދަ އެހެން ސޫރަތެއް ބާވާލެއްވިފައި ނުވެއެވެ.”
  2. ސޫރަތުލް ޙިޖްރިގެ 87 ވަނަ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވާ “ތަކުރާރު ކުރެވޭ ހަތް އާޔަތަކީ” އެއީ ސޫރަތުލް ފާތިޙާ އެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْ‌آنَ الْعَظِيمَ ﴿٨٧﴾  ) މާނައަކީ: “ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.”

روى البخاري (4474) عَنْ أَبِي سَعِيدِ بْنِ الْمُعَلَّى رضي الله عنه أن رَسُول اللَّهِ صَلَّى اللَّهُ قَالَ له : (لَأُعَلِّمَنَّكَ سُورَةً هِيَ أَعْظَمُ السُّوَرِ فِي الْقُرْآنِ قَبْلَ أَنْ تَخْرُجَ مِنْ الْمَسْجِدِ) ثُمَّ أَخَذَ بِيَدِي فَلَمَّا أَرَادَ أَنْ يَخْرُجَ قُلْتُ لَهُ : أَلَمْ تَقُلْ لَأُعَلِّمَنَّكَ سُورَةً هِيَ أَعْظَمُ سُورَةٍ فِي الْقُرْآنِ ؟ قَالَ : (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، هِيَ السَّبْعُ الْمَثَانِي ، وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ) . މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނުގެ އަރިހުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެންނެވުމުގެ ކުރިން ސޫރަތެއް ދަސްކޮށް ދެއްވާ ހުށީމެވެ. އެސޫރަތަކީ މުޅި ގުރްއާނުގައިވެސް ވާ އެންމެ މަތިވެރި ސޫރަތެވެ.” ދެން ތިމަންކަލޭގެފާނުގެ އަތުގައި ހިއްޕެވިއެވެ. އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގަތުމަށް އުޅުއްވުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. “ގުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތް ތިމަންކަލޭގެފާނަށް ދަސްކޮށްދެއްވާނެ ވާހަކަ ވިދާޅުވީމެއް ނޫންތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. ” الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އެއީ ތަކްރާރު ކުރެވޭ ހަތް އާޔަތެވެ. އަދި ތިމަންކަލޭގެފާނަށް ދެއްވުނު މާތްކަން ބޮޑުވެގެންވާ قرآن އަކީ އެއީ އެވެ.”

އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “މަޘާނީ” މިނަން ދެވިފައިވަނީ ކީއްވެގެންތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ: ކޮންމެ ރަކްޢަތެއްގައި ތަކްރާރު ކުރެވޭ ހަތް އާޔަތް ކަމަށް ވުމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ: އެސޫރަތުގައި ﷲ ސުބްޙަނަހޫ ވަތަޢާލަ އަށް ޘަނާ ކިޔޭ ލެއް ގިނަކަމުންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ: އެފަދަ އެއްވެސް ސޫރަތެއް މީގެ ކުރީ ބާވާލެއްވުނު ފޮތްތަކުގައި

ނުވާތީ އެއީ މިއުއްމަތަށް އޮތް އިސްތިޘްނާ އެއް ކަމަށް ވުމެވެ.

 

  1. މި ސޫރަތުގައި ވަނީ ﷲ މަތިވެރި ކުރުމުންނާއި، އެކަލާންގެ އަށް ޙަމްދާއި ޘަނާ ކިޔުމުން ތަވައްސުލް ކުރުމާއި، ﷲ އެއްކައުވަންތަ ކޮށް، އެކަލާންގެ އަށް އަޅުކަން ކުރުމުން ތަވައްސުލް (މެދުވެރި ކޮށް ދެންނެވުން) އެއް ކުރައްވާފައެވެ. އެއަށްފަހު، އިންސާނާ އަށް ބޭނުންވާ އެންމެ ބޮޑުކަންތަކުގެ ވާހަކަ ދަންނަވަނީ އެވެ. އެއީ އިންސާނާ އަށް ސީދާވެގެންވާ މަގާއި ދިމާލަށް ހިދާޔަތް ދެއްކެވުން އެދި ދެންނެވުމެވެ.” (މަދާރިޖުއްސާލިކީން 1/24.)
  2. މި ސޫރަތުގެ ކުރުކަމާއި އެކުގައިވެސް ތައުޙީދުގެ ތިންބައި ހިމެނިފައިވެއެވެ. އެއީ ތައުހީދުލް އުލޫހިއްޔާ، ތައުޙީދުއް ރުބޫބިއްޔާ، އަދި ތައުޙީދުލް އަސްމާއި ވައްޞިފާތް އެވެ. (މަދާރިޖުއްސާލިކީން 1/24-27).
  3. ހިތާއި ހަށިގަނޑުގެ ފަރުވާ އެސޫރަތުގައި ހިމެނިގެންވާކަން. އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ސޫރަތުލް ފާތިޙާ ގައި ހިތުގެ ޝިފާ ނުވަތަ ފަރުވާ ކިތަންމެ ރަގަޅަކަށްވެސް އެކުލެވިގެން ވެއެވެ. އެގޮތަކީ ހިތްތަކަށް ބަލި ޖެހުން ބިނާވެފައިވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ ޢިލްމު ފަސާދަ ވުމާއި ނިޔަތް ގޯސް ވުމެވެ. އޭގެ މައްޗަށް ނުބައިކަން ބޮޑުވެގެންވާ ދެބައްޔެއް ޖެހެއެވެ. އެއީ ސީދާވެގެންވާ މަގު އޮޅުމާއި ﷲގެ ކޯފާ އަށް މީހާ ހުށަހެޅިގަތުމެވެ. މަގުއޮޅިގެންދަނީ ޢިލްމު ފަސާދަ ވުމުންނެވެ. އަދި ﷲ ގެ ކޯފާ އަށް މީހާ ހުށަހެޅިގެންދަނީ ނިޔަތް ގޯސް ވުމުންނެވެ. މި ދެބައްޔަކީ ހިތުގެ ހުރިހާ ބަލިތަކެއްގެ އަޞްލެވެ. ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ލިބުމަކީ ގެއްލެނިވުމުގެ ކަންތަކުން މީހާ އަށް ޝިފާ ލިބުމެވެ.

އެހެންކަމުން، ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައިވެސް ސީދާވެގެންވާ ތެދުމަގު ދެއްކެވުން އެދީ ﷲ ގެ ޙަޟްރަތަށް ދުޢާ ކުރަން ޖެހެއެވެ. މީގެ ބަދަލުގައި އެހެން ކަމެއް ނުވެއެވެ.

(إياك نعبد وإياك نستعين   ) “އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަ ﷲ އަށެވެ. އަދި ވާގި އެދެނީވެސް ހަމައެކަނި އިބަ ﷲ ގެ ޙަޟްރަތުންނެވެ.” މި ކަން ޢިލްމީ ގޮތުންނާއި ޢަމަލީ ގޮތުން ފުރިހަމަ ކުރުމަކީ ހިތާއި ނިޔަތް ފަސާދަ ވުމުގެ ބައްޔަށް އޮތް ފަރުވާ އެވެ.

ސޫރަތުލް ފާތިޙާ ގައި ހަށިގަނޑުގެ ފަރުވާ ވާކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންނާއި މެޑިކަލް ހޯދުންތަކުންނާއި އަދި ތަޖްރިބާގެ އަލީގައި ޘާބިތުވެއެވެ.

ސުންނަތުން ލިބެން ހުރި ދަލީލުތައް:

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَاسًا مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرُّوا بِحَيٍّ مِنَ الْعَرَبِ ، فَلَمْ يُقْرُوهُمْ ، وَلِمَ يُضَيِّفُوهُمْ ، فَلُدِغَ سَيِّدُ الْحَيِّ ، فَأَتَوْهُمْ ، فَقَالُوا : هَلْ عِنْدَكُمْ مِنْ رُقْيَةٍ ، أَوَ هَلْ فِيكُمْ مِنْ رَاقٍ ؟ فَقَالُوا : نَعَمْ ، وَلَكِنَّكُمْ لَمْ تُقِرُّونَا ، فَلَا نَفْعَلُ حَتَّى تَجْعَلُوا لَنَا جُعْلًا ، فَجَعَلُوا لَهُمْ عَلَى ذَلِكَ قَطِيعًا مِنَ الْغَنَمِ ، فَجَعَلَ رَجُلٌ مِنَّا يَقْرَأُ عَلَيْهِ بِفَاتِحَةِ الْكِتَابِ ، فَقَامَ كَأَنْ لَمْ يَكُنْ بِهِ قَلْبَةٌ ، فَقُلْنَا : لَا تَعْجَلُوا حَتَّى نَأْتِيَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَتَيْنَاهُ ، فَذَكَرْنَا لَهُ ذَلِكَ ، فَقَالَ : مَا يُدْرِيكَ أَنَّهَا رُقْيَةٌ ؟ كُلُوا ، وَاضْرِبُوا لِي مَعَكُمْ بِسَهْمٍ .

އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންގެ ތެރެއިން ބަޔަކު ޢަރަބިންގެ އަވަށެއްގެ ކައިރިން ދަތުރު ކުރެއްވިއެވެ. އެރަށުގެ މީހުން އެބޭކަލުންނަށް މެހްމާންދާރީ އެއް ނުދިނެވެ. އަދި އެބޭކަލުންނާއި މެދުގައި ކަމޭވެސް ނުހިތިއެވެ. މިހެން މިކަންވެފައިވަނިކޮށް ރަށުގެ ވެރިޔާގެ ގަޔަށް ހަރުފަ އެއް ކަށި ޖަހައިފިއެވެ. އެހިނދު އެރަށުގެ މީހުން ޞަޙާބީންގެ ގާތަށް އައެވެ. އަދި ދެންނެވިއެވެ. “ތިޔަބަމީހުންގެ އަތުގައި ރުގްޔާ އެއް (ފަރުވާ އެއް) އެބަހުރި ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ ތެރޭގައި ރާގީ އަކު (ފަރުވާ ކުރާ މީހަކު) އެބަ ހުރި ހެއްޔެވެ؟ ޞަޙާބީން ދެންނެވިއެވެ. “އާއެކެވެ. ނަމަވެސް ތިޔަބައިމީހުން އަހަރުމެންނާއި މެދު ކަމޭ ހިތުމެއް ނުބަހައްޓަމުއެވެ. އަދި މެހްމާންދާރީ އެއްވެސް ނުދެމުއެވެ. ވީމާ، ބަދަލުގައި އެއްޗެއް ލިބޭ ގޮތަށް މެނުވީ ފަރުވާ އެއް ކޮށް ނުދެވޭނެއެވެ.” ދެން އެބައިމީހުން ބަދަލެއްގެ ގޮތުގައި ބަކައްޓެއްގެ ބަޔެއް ދޭން އެއްބަސް ވެއްޖެއެވެ. އެހިނދު ޞަޙާބީންގެ ތެރެއިން ބޭކަލަކު ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. އަދި އެއާއި އެކު ހަރުފަ ކަށިޖެހުމުގެ ސަބަބުން ވިހަވެފައިވާ ޞާޙިބާ އަށް ޝިފާ ލިބި އޭނާ ތެދުވެއްޖެއެވެ. ޞަޙާބީން ދެންނެވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް އަހާފައި މެނުވީ އުޖޫރަ އެއްގެ ގޮތުގައި ލިބުނު އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ.” ދެން ޞަޙާބީން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ އަރިހަށް ގޮސް އެވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. “އެއީ ރުގްޔާ އެއްކަން ތިޔަބޭކަލުންނަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ތިމަންކަލޭގެފާނަށްވެސް ބަޔެއް އެޅުމާއި އެކު އެއިން ކާށެވެ.”

މި ޙަދީޘުން ދޭހަވަނީ ސޫރަތުލް ފާތިޙާގައި ޝިފާ އެކުލެވިގެންވާ ކަމެވެ. އަދި ހަރުފަ ކަށިޖެހުމުގެ ސަބަބުން ވިހަވެފައިވާ މީހާ އަށް މިސޫރަތުގެ ބަރަކާތުން ޝިފާ ލިބުނު ކަމެވެ. (މަދާރިޖުއްސާލިކީން 1/52-55.)

އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

ތިމަންނާގެ ގާތަށް މީސްމީހުން ތަންތަނުގައި ރިއްސާތީ އައުމުން ސޫރަތުލް ފާތިޙާ ކިޔަވާލާފައި ތަދުވާ ތަނުގައި ފިރުމާލުމުން ކިތަންމެ ފަހަރަކު ފަސޭހަވެފައި އެބަހުއްޓެވެ. އަދި ބައެއް ފަހަރަށް ޒަމްޒަމް ފެން ފޮދަކަށް ތަކްރާރުކޮށް ސޫރަތުލް ފާތިޙާ ކިޔަވާފައި ބަލި މީހާ އަށް ބޯން ދިނުމުން ޝިފާ ލިބިފައި އެބަ ހުއްޓެވެ. މިވަރުގެ އެހެން ފަރުވާ އެއް ތިމަންކަލޭގެފާނަށް ދުވަހަކުވެސް ފެނިފައި ނުވެއެވެ.” (މަދާރިޖުއްސާލިކީން 1/58.)”

  1. އެންމެ ފައިދާ ކުރުވަނިވި ދުޢާ މިސޫރަތުގައި ހިމެނިގެންވާ ކަން. އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެންމެ ފައިދާ ކުރުވަނިވި ދުޢާ އަކީ ކޮބައިތޯ ތިމަން ކަލޭގެފާނު ވިސްނާލީމެވެ. އެހިނދު ތިމަންކަލޭގެފާނަށް ވިސްނި ވަޑައިގަތީ އެދުޢާ އަކީ ﷲ ގެ ރުއްސެވުން ހޯދުމަށް އެދި ދެންނެވުން ކަމަށެވެ. އެދުޢާ ސޫރަތުލް ފާތިޙާ ގައި އެކުލެވިގެން ވެއެވެ. (إياك نعبد وإياك نستعين ) (މަދާރިޖުއްސާލިކީން 1/78.)

ނުނިމޭ….. ދެން އަންނަ ބައިގައި … (ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުން:)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.