ރޯދައަށް ހުރެ ޙިޖާމާ ޖެހުމުން ރޯދަ ގެއްލޭނެތަ؟

މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.
ޖުމްހޫރު ޢިލްމުވެރިން ކަމުގައިވާ އިމާމް އަބޫޙަނީފާ، ޝާފިޢީ އަދި މާލިކްގެ ރައުޔަކީ ޙިޖާމާ ޖެހުމުގެ ސަބަބުން ރޯދަ ނުގެއްލުމެވެ. ދަލީލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ. (أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ ، وَاحْتَجَمَ وَهُوَ صَائِمٌ ) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޙްރާމް ބަންނަވައިގެން ހުންނެވި ޙާލުގައި ޙިޖާމާ ޖެއްސެވިއެވެ. އަދި ރޯދަ އަށް ހުންނަވައިގެން ވެސް ޙިޖާމާ ޖެއްސެވިއެވެ.”
އިބްނު ޢައްބާސް އާއި ޢިކްރިމާ ވިދާޅުވިއެވެ. “ރޯދަ ހިފަން ޖެހެނީ އެތެރެއަށް އެއްޗެއް ލިޔަ ނުދީއެވެ. އެއްޗެއް ބޭރުވުމަކުން ނޫނެވެ.”

އުއްމު ޢަލްގަމާ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” ރޯދަ އަށް ތިބޭ ޙާލު، ޢާއިޝަތުގެ ފާނުގެ އަރިހުގައި ތިމަންމެން ޙިޖާމާ ޖަހާ އުޅުނީމެވެ. އެކަމަނާ އެކަން މަނައެއް ނުކުރައްވައެވެ.”
އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ރައުޔަކީ ޙިޖާމާ ޖެހުމުން ރޯދަ ގެއްލުމެވެ. ދަލީލަކީ: ރާފިޢު ބިން ޚުދައިޖު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެވެ. (أَفْطَرَ الْحَاجِمُ وَالْمَحْجُومُ) މާނައަކީ: “ޙިޖާމާ ޖަހާ މީހާ އާއި ޖެހޭ މީހާގެ ރޯދަ ގެއްލިއްޖެ އެވެ.”

އިޝްތިހާރު Below Header ad

މި މައްސަލާގައި ރާޖިޙް ގޮތަކީ: ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- “ފަތްޙުލް ބާރީ” ގައި ޙަދީޘް (أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ ، وَاحْتَجَمَ وَهُوَ صَائِمٌ) ޝަރަޙަ ކުރައްވަމުން ލިޔުއްވާފައިވެއެވެ. މި ޙަދީޘުން ދޭހަވަނީ (أَفْطَرَ الْحَاجِمُ وَالْمَحْجُومُ ) މަންސޫޚު ވެފައިވާ ކަމެވެ.
ބައެއް ޢިލްމުވެރިން (أَفْطَرَ الْحَاجِمُ وَالْمَحْجُومُ ) ގެ މާނަ ކުރައްވަމުން ވިދާޅުވެއެވެ. މި ޙަދީޘްގެ މުރާދަކީ ޙިޖާމާ ޖެހުމަކީ ރޯދަ ވީއްލުމަށް ބާރުލިބޭ ކަމެކެވެ. ސަބަބަކީ ހަށިގަނޑުން ލޭ ދަމާލުމުގެ ސަބަބުން މީހާ ވަރުބަލިވެ، ރޯދަ ވީއްލާ ހިސާބަށް ދާތީވެއެވެ. އަދި ބައެއް ފަހަރު ލޭގެ އަޘަރު ކަރަށް ކުރާތީއެވެ.

މި މައްސަލާގައި އެންމެ ރަގަޅު ގޮތަކީ:

ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑު ވަރުބަލި ކޮށްލަފާނެ ކަމަށް ބިރު ހީވާ މީހުން ރޭގަނޑުގެ ވަގުތަކަށް ޙިޖާމާ ޖެހުމުގެ ކަންތައް ލަސްކޮށްލުމެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އަލްއިމާމް މާލިކް އެކަލޭގެފާނުގެ “އަލްމުވައްޠައު” އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. “އެކަލޭގެފާނު ރޯދަ އަށް ހުންނަވައިގެން ޙިޖާމާ ޖައްސަވާ އުޅުއްވިއެވެ. ނަމަވެސް ފަހުން އެކަން ދޫކޮށް ލެއްވިއެވެ. އަދި ރޯދަ އަށް ހުންނަވާ ނަމަ ރޯދަ ވިއްލައިގެން މެނުވީ ޙިޖާމާ ނުޖައްސަވައެވެ.”

އިމާމް ޒުހުރީ- ރަޙިމަހުﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. “ރަމަޟާން މަހުގައިވެސް، އަދި އެހެނިހެން މަސްތަކުގައި ވެސް ރޯދަ އަށް ހުންނަވައިގެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ޙިޖާމާ ޖެއްސެވިއެވެ. ނަމަވެސް، ހަށިގަނޑު ބަލިކަށިވާން ފެށީމާ ފަހުން ދޫކޮށްލެއްވީއެވެ.” والله أعلم.

މައިތިރި.ކޮމް އިން ނަގާފައި

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.