
ފުލުހުންނާއި މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން: ރައީސް ސާލިހު
ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުން ކަމުގައެވެ.
2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފުލުހުންގެ އައު ޤާނޫނުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވިދާޅުވީ މި ޤާނޫނަށް ފުރިހަމަގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަން ކޮގެންކަމުގައެވެ.
“ ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ. ނަތީޖާ އެއްގެ ގޮތުން ވޭތުވެދިޔަ 5 އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ވަނީ ހޯދާފަ.“ ރައީސް ވިދާޅުވިއެވެ.
އެގޮތުން ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ޓޭޒާ ގަން ފާހަގަކުރެއްވެވިއެވެ. އަދި އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީ ވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ރާއްޖޭގެ ތާރީޚުގައިވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވާ، ވިދާޅުވީ މި ކޮންފަރެންސްގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން ކަމުގައެވެ.
މީގެ އިތުރުން ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި މިއަދު ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.