މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓުގެ ފަރާތުން މި އަހަރު ބާއްވާ އިންވެސްޓްމެންޓު ފޯރަމް 2016 މި ނޮވެމްބަރ މަހު އިންޑީއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށް ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ މި ފޯރަމް އޮންނާނީ މިމަހުގެ 21 އަދި 22 ގައި ނިއުދިއްލީގައި ހުންނަ ތާޖު ޕެލަސް ހޮޓެލްގައި ކަމަށެވެ. އިންޑިއާގެ ފަރާތުން މި ފޯރަމް ކުރިއަށް ގެންދިއުމުގައި ޙަރަކާތްތެރިވަނީ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ (ފިކީ) އެވެ.
މިފޯރަމުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިކުރާ އެންމެހާ ފަރާތްތަކަށާއި ވިޔަފާރި އާގުޅުންހުރި ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ފޯރަމްގައި ބައިވެރިވުމުގެ ސުންގަޑި 10 ނޮވެމްބަރއަށް ހަމަވާ އިރު، މިފޯރަމްގައި ދުނިޔޭގެ ނަން މަޝްހޫރު ވިޔަފާރިވެރިން އެފަރާތްތަކުގެ ވިޔަފާރި އާބެހޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ވަނީ ނިންމާފައެވެ.
މިފޯރަމްގެ މަޤުޞަދަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ބޭރުގެ ބިޔަ ވިޔަފާރި ކުންފުނިތަކަށް ހާމަކޮށްދިނުމާއި ކުރިއަށް ރޭވިފައިހުރި ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި ދިވެހިރާއްޖެއަކީ ވިޔަފާރިއަށް ފަހި މާޙައުލަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ވިޔަފާރީގެ ޤާނޫނީ އޮނިގަނޑާއިބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މިފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ނޮވެމްބަރ 21 އަދި 22 އަށް ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިންވަނީ ދެކޮޅު ދަތުރުގެ އަގު 250 ޑޮލަރަށް އަގުހެޔޮ ކުރުމަށް ނިންމާފައެވެ.