އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ %80 މަސައްކަތް ނިމިއްޖެ: ފެން ކުންފުނި
އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މުޅި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމަޝްރޫޢު ކުރިއަށް ގެންދާ ފަރާތް ކަމުގައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިއު.އެސް.ސީ) އިން ބުނެފިއެވެ.
މި މަޝްރޫޢާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެކުންފުނިން މީޑިއާތަކަށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯމީޓަރު ދިގު ފެންހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތް، އަދި އާރް.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު މުޅިން ނިންމާލާފައިވާ ކަމަށެވެ.
އަދި ފެން ރައްކާކުރުމަށް ޓަކައި 3 ތާނގި ބެހެއްޓުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ ބޮޑު ބައެއް ވެސް މިހާރު ނިމިފައިވާ ކަމަށް ފެން ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ފެން އުފެއްދުމަށް ޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެގައި ފެން މީޓަރު ބަހައްޓައިދިނުމާއި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނެރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާނެ ސާމާނު ފޯރު ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް ޓަކައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެން ކުންފުންޏާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 21.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.