އެންމެފަހުން ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގައި އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ މެޗުގެ ރެފްރީ، މާޓިން ކްލެޓެންބާގްއަށް ބަހުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އޭނާ އެއް މެޗަށް ސަސްޕެންޑްކުރަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކުރަން ނިންމުގެ އިތުރުން 8000 ހާސް ޕައުންޑުން މޮރީނިއޯ ޖޫރިމަނާކުރަން ވެސް އިނގިރޭސި އެފްއޭއިން ވަނީ ނިންމާފައެވެ.
ބާލިންއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި މޮރީނިއޯ މެޗުގެ ރެފްރީއަށް ބަހުގެ ހަމަލާތަކެއް ދިނީ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ނުދިނުމާ ގުޅިގެންނެވެ. މޮރީނިއޯގެ އަމަލުތަށް ހުރިގޮތުން، ރެފްރީ ވަނީ ދެވަނަ ހާފްގައި ޔުނައިޓެޑްގެ ބެންޗުން މޮރީނިއޯ ފޮނުވާވެސް ލާފައެވެ.
މީގެއިތުރުން އިނިގިރޭސި އެފްއޭއިން ވަނީ ލިވަޕޫލް އާއި ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގެކުރިން، އެ މެޗުގެ ރެފްރީ އާއި ގުޅޭގޮތުން މޮރީނިއޯ ދެއްކި ވާހަކަތަކުގެ ސަބަބުން، އޭނާ 50،000 ހާސް ޕައުންޑުން ޖޫރިމަނާކޮށް، މޮރީނިއޯއަށް ނަސޭހަތްތެރިވެފައެވެ.
މޮރީނިއޯއަށް އެފްއޭއިން ދިން މި ސަސްޕެންޝަނުގެ ސަބަބުން ލީގުގައި ޔުނައިޓެޑުން ދެން ކުޅޭ މެޗެއްގައި އެޓީމުގެ ބެންޗުގައި މޮރީނިއޯއަށް ނުހުރެވޭނެއެވެ.
ލީގުގައި ދެން ޔުނައިޓެޑް ބައްދަލުކުރާނީ ސްވެންސީ ސިޓީއާއެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް 10 މެޗު ކުޅެފައިވާއިރު، ޔުނައިޓެޑް އޮތީ 15 ޕޮއިންޓާއެކީ ލީގުގެ އަށްވަނައިގައެވެ.