
އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ 10 ކޯޗުންގެ ނަން ފީފާއިން އިއުލާންކޮށްފި
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ވާދަކުރާ 10 ކޯޗުންގެ ނަން އިއުލާންކޮށްފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ގައި ހޮވާ އަހަރުގެ އެންމެ މޮޅު ދިހަކޯޗުންގެ ތެރޭގައި ހިމެނެނީ ލެސްޓާސިޓީގެ އިޓަލީ ކޯޗު ކްލައުޑިއޯ ރަނިއޭރީ އާއި، އެންމެ ފަހުން ޕޯޗުގަލްއަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިން ކޯޗު ފެނާންޑޯ ސަންޓޯސް އާއި، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑަށް ހޯދައިދިން ޒައިނުއްދީން ޒިދާން، އަދި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ފައިނަލަށް ގެންގޮސްދިން ޑިޑިއޭ ޑެޝޯމްޕް ހިމެނެއެވެ.
މީގެއިތުރުން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގެ އިތުރުން
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ގަދަ 10 އެއްގައި ހިމެނިފައިވެއެވެ.
ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗު ހޮވުމުގައި ވޯޓްގައި ބައިވެރި ވާނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ ވޯޓުންނާއި، އާއްމުން އަދި މީޑިޔާތަކުގައި މަސައްކަތްކުރާ 200 އަށްވުރެ ގިނަ މީހުންދޭ ވޯޓުންނެވެ.
އެންމެ މޮޅު ކޯޗުކަމަށް ވާދަކުރާ 10 ކޯޗުން:
ފެނާންޑޯ ސަންޓޯސް (ޕޯޗުގަލް)
ޒައިނުއްދީން ޒިދާން (ރެއާލް މެޑްރިޑް)
ކްލައުޑިއޯ ރަނިއޭރީ (ލެސްޓަ ސިޓީ)
ޑިޑިއޭ ޑެޝޯމްޕް (ފްރާންސް)
ކްރިސް ކޯލްމަން (ވޭލްސް)
ޔާގަން ކްލޮޕް (ލިވަޕޫލް)
މައުރީސިއޯ ޕޮޗެޓީނޯ (ޓޮޓެންހަމް)
ޕެޕް ގާޑިޔޯލާ (މެންޗެސްޓަރ ސިޓީ)
ލުއިސް އެންރީކޭ (ބާސެލޯނާ)
ޑިއޭގޯ ސިމިއޯނީ (އެތްލެޓިކޯ މެޑްރިޑް)
އެންމެ ފަހުން ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅުގެ ކޯޗުގެ މަގާމު ހޯދާފައިވަނީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އެވެ. ދެވަ ހޯދާފައިވަނީ ޕެޕް ގާޑިއޯލާއެވެ.
2010 ވަނަ އަހަރު ދޭންފެށި މި އެވޯޑް މިހާތަނަށް 6 ކޯޗަކަށް ލިބިފައިވެއެވެ. އެންމެ ފުރަތަމަ މި އެވޯޑް ހާސިލްކުރި ކޯޗަކީ ހޯޒޭ މޮރީނިއޯއެވެ.