ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު ރޭ ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ބޭއްވި ޚާއްސަ ހަފްލާއަކަށް ފަހު މުބާރާތް ފަށާފައިވަނީ ހާއްސަ އެކްޒިބިޝަން މެޗަކުންނެވެ.
ބިދޭސީ ފިރިހެން ކުޅޫންތެރިންގެ ޓީމަކާއި ދިވެހި ޓީމާއި ދެމެދު ކުޅެވުނު މި ހާއްސަ އެކްޒިބިޝަން މެޗު ކާމިޔާބުކުރީ ބިދޭސީ ޓީމުންނެވެ.
ބިދޭސީ ޓީމުން މެޗު 3-1 ސެޓުން މެޗު ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ސެޓް 25-20 އިން ގެންދިޔައީ ދިވެހި ޓީމުންނެވެ. އެހެން ނަމަވެސް ޖެހިގެން އައި ތިން ސެޓް ކާމިޔާބު ކުރީ ބިދޭސީ ޓީމުންނެވެ. އެއީ 23-25، 18-25 އަދި 21-25 އިންނެވެ.
ގައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ އަންހެން ޑިވިޝަން މެޗުތައް ކުޅޭއިރު އެދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުމެއެވެ.
ދެ ވަަނަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ކްލަބް ޕޯލް ސްޓާ އާއި ޕޮލިސް ކްލަބެވެ. އަންހެން ޑިވިޝަންގައި މި ހަތަރު ކްލަބްގެ އިތުރުން ދެން ވާދަކުރަނީ ފިސްޑާ އެވެ.
ފިރިހެން ޑިވިޝަންގައި ޖުމްލަ 6 ކްލަބަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރާއިރު އެ 6 ކުަލބުގެ ތެރޭގައި ހިމެނެނީ ސްޕޯޓްސް ކްލަބް ސިޓީ، ޕޮލިސް ކްލަބް، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ގުޑީސް ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް އަދި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.
ފިރިހެން ޑިވިޝަންގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގައެވެ. އެ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ކްލަބެވެ.
އެދުވަހުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ސްޓެލްކޯ އަދި ގުޑީސް އެވެ. 5 ވަނަ ދުވަހުގެ ރޭގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިފައިން އަދި މޯލްޑިވިއަން އެވެ.