ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި މޮޅުވެ ވަރުގަދަ ބާސެލޯނާ ސިއްސުވާލުމަށްފަހު މެންޗެސްޓަރ ސިޓީން ކުރި ހޯދައިފިއެވެ.
ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ބާސެލޯނާ ލަނޑުޖަހާފައި ވަނިކޮށް ފަހަތުން އަރާ 1-3 ގެ ނަތީޖާއިންނެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ކުރީކޮޅު، ސިޓީން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ބާސާއިން ވަނީ ލަނޑުޖަހާ މެޗުގެ ލީޑުނަގާފައެވެ. ބާސާއަށް މި ގޯލް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.
މި މެޗުގައި ބާސެލޯނާއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު އެޓީމަށް ލަނޑުޖަހަންވެސް ލިބުނީ މަދު ފުރުސަތެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މަދު މިނެޓުކޮޅަކަށް ވެފައިވަނިކޮށް ސިޓީން ވަނީ ބާސާގެ ޑިފެންސް ފޫއަޅުވާލާ އޭރިއާތެރެއަށް ވަދެގެން އެޓީމުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ސްޓާލިން ދިން ރީތި ޕާހަކުން ގުންޑޮގާންއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ސިޓީގެ ފަރާތުން އަވަސް އަދި ހަލުވި ކުޅުމެއް ފެނިގެންދިޔައިރު ބާސާގެ ގޯލަށް ގާތްގާތުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ފޮނުވާލާފައެވެ.
އެގޮތުން މެޗުގެ 51 ވަނަ މިނެޓްގައި ކެވިން ޑިބްރޭނާ ވަނީ ސިޓީއަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާދީފައެވެ. ޑިބްރޭނާ މި ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ، އެޓީމަށް ލިބުނު ހިލޭޖެހުމަކުން ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 65 ވަނަ މިނެޓްގައި ބާސާގެ މިޑްފިލްޑަރު އަންދްރޭސް ގޮމޭސްއަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ، ގޮމޭސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިހަމަލާއަކީވެސް ކައުންޓަ އެޓޭކަކުން ބާސާ އުފެއްދި ހަމަލާއެކެވެ.
ސިޓީއަށް މެޗުގެ 3 ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ގުންޑޮގާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މޮޅާއެކީ ސިޓީ އޮތީ ހަތް ޕޮއިންޓާއެކީ ގްރޫޕް ސީގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާއެކީ އޮތީ ބާސެލޯނާއެވެ. ދެވަނަ ބުރަށް ދިޔުމަށް މި ދެ ޓީމަށްވެސް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ގްރޫޕް ސްޓޭޖުގައި ބާސާ ދެން ބައްދަލުކުރާނީ ސެލްޓިކްއާއެވެ. ސިޓީ ނިކުންނަނީ، ޖަރުމަނު ބްރޫޝިއާ މޮންގްލަޑްބެކްއާއެވެ.