ސްރީލަންކަން އެއަރލައިންސްގެ އޮފީހެއް އައްޑޫސިޓީ ފޭދޫގައި މިއަދު ހުޅުވައިފިއެވެ.
އޭސް އޭވިއޭޝަން ސަރވިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޝަރަފުވެރި ކޮށްދެއްވީ ސ. މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއްލަޠީފް ޢަލީ އާއި ހައުސިންގ މިނިސްޓްރީން އައްޑޫސިޓީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެ މިނިސްޓްރީގެ ނާއިބު ޢަބްދުﷲ ޒިޔާދު އާއި އޭސް އޭވިއޭޝަން ސަރވިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤުއެވެ.
ސްރީލަންކަން އެއަރލައިންސްގެ އައްޑޫސިޓީގެ މި އޮފީހުން ޓިކެޓް ވިއްކުމާއި އެ އެއަރލައިން އާބެހޭ އެހެނިހެން ޚިދުމަތްދޭނެ ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
އެ އެއަރލައިންގެ ފުރަތަމަ ފްލައިޓް UL119 އައްޑޫސިޓީ ގަމަށް ޖެއްސުމަށް ޝެޑިއުލްކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުއެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ދަތުރުތައް ކުރަނީ، ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ޑިސްކައުންޓާއެކު ގަމުން ލަންކާއަށް ދިއުމުގެ ރިޓަރން ޓިކެޓުގެ މިވަގުތު ވިއްކަނީ 342 ޑޮލަރަށެވެ. ގަމާއި ކޮލަމްބޯ އާ ދެމެދު ސީދާ ދަތުރުތައް ފެށުމުން ޓޫރިސްޓުން އިތުރުވުމާއި އާ ވަޒީފާގެ ފުރުބަތުތައް އުފެދިގެންދާނެއެވެ.