ޚަބަރު ފީތާ

ބޯޑަރު ހުރަސް ކުރި އަރްމޭނިއާ ސިފައިންތަކެއް އަނެއްކާވެސް އަޒަރްބައިޖާނު ޖަލަށްލާން ހުކުމް ކޮށްފި

އަރްމޭނިއާ އަސްކަރިއްޔާގެ 13 ސިފައިން އަޒަރްބައިޖާން ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އަޒަރްބައިޖާންގެ ކަމާ ބެހޭ ފަރާތްތަކުން އެ ސިފައިންނަށް ތުހުމަތު ކޮށްފައިވަނީ ގަވައިދާ ހިލާފަށް ދެ ގައުމުގެ ބޯޑަރު ގުޅޭ ސަރަހައްދުން އަޒަރްބައިޖާންގެ ސަރަހައްދަށް ވަތް ކަމަށްބުނެ އެވެ. އެމީހުން ބޯޑަރު ހުރަސްކުރި އިރު ތިބީ ހަތިޔާރު ހިފައިގެން ކަމަށްވެ އެވެ.

އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އަޒަރްބައިޖާންގެ ސީރިއަސް ކްރައިމް ކޯޓުން ހުކުމް ކޮށްފައިވަނީ އެ 13 މީހުން ހަ އަހަރަށް ޖަލަށް ލުމަށެވެ. އަދި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެމީހުންނަށް އެ ގައުމަށް އެތެރެ ނުވެވޭގޮތަށް ޑީޕޯޓުކޮށްލާށެވެ.

އެ ސިފައިންނަށް ހުކުމް ކުރުމުން މިހާތަނަށް އަރުމޭނިއާ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިމަހު ކުރީ ކޮޅު އަރުމޭނިއާގެ 14 ސިފައިންނާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 60 ސިފައިން ވަނީ އަޒަރްބައިޖާންގެ ޖަލަށްލާން ހުކުމްކޮށްފައި އެވެ. އެވެސް ބޯޑަރު ހުރަސްކުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި ބައެކެވެ.

އަޒަރްބައިޖާނުން ވަނީ އަރުމޭނިއާއިން އެ ގައުމުގެ ސިފައިންގެ މީހަކު ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ބަޑި ޖަހާ މަރާލާފައި ކަމަށް ބުނެފައި އެވެ.

ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރުން ފެށިގެން ބޯޑަރު ސަރަހައްދުގައި ދަނީ ހަމަލާ ބަދަލު ކުރަމުންނެވެ.

Like
Like Love Haha Wow Sad Angry