ސޫރަތުލް އިންފިޠާރު 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 5 ނޮވެންބަރު 2016 އާގުޅޭ

(كِرَ‌امًا كَاتِبِينَ ﴿١١﴾) އިންސާނުންގެ ޢަމަލުތައް ލިޔުއްވުމާއި ޙަވާލުވެ ތިއްބަވާ މަލާއިކަތް ބޭކަލުންނަކީ ފުރިހަމަ އަޚްލާގްގެވެރި ބޭކަލުންތަކެކެވެ. އެއްވެސް އިންސާނަކަށް އަނިޔާވެރި އެއް ނުވާނެއެވެ. އިންސާނަކު ނުކުރާ ކަމެއް ކުރިކަމެއްގެ ގޮތުގައި ނުވަތަ ކުރި ކަމެއް ނުކުރާ ކަމެއްގެ ގޮތުގައި ނުލިޔުއްވާނެއެވެ.

(يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾  ) އިންސާނުން ކުރާ ކަންތައް މަލާއިކަތް ބޭކަލުން ދެނެވޮޑިގެންވެއެވެ. ކުރާކަމެއްނަމަ އެކަމެއް ބައްލަވައެވެ. އަދި ބުނާބަހެއް ނަމަ އެވާހަކަ އެއް އައްސަވައެވެ. އިންސާނާގެ ހިތުގައިވާ ކަންތައްތަކަކީ ﷲ ބައްލަވާވޮޑިގެންވާ ކަންތަކެވެ. އެއަށްފަހު މަލާއިކަތް ބޭކަލުންނަށް އެކަން އަންގެވުމުން އެބޭކަލުން އެކަން ލިޔުއްވައެވެ.  ގުދްސިއްޔަ ޙަދީޘެއްގައިވެއެވެ. (إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ، ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِالْحَسَنَةِ فَلَمْ يَعْمَلْهَا كَتَبَ اللَّهُ لَهُ حَسَنَةً ، وَمَنْ عَمِلَهَا كَتَبَ اللَّهُ لَهُ بِهَا عَشْرًا إِلَى سَبْعِمِائَةِ ضِعْفٍ وَأَضْعَافٍ كَثِيرَةٍ ، وَمَنْ هَمَّ بِسَيِّئَةٍ وَلَمْ يَعْمَلْهَا كَتَبَ اللَّهُ لَهُ بِهَا حَسَنَةً كَامِلَةً ، وَمَنْ هَمَّ بِهَا فَعَمِلَهَا كَتَبَ اللَّهُ عَلَيْهِ سَيِّئَةً وَاحِدَةً  ) މާނައަކީ: ”ހަމަކަށަވަރުން ހެޔޮކަންތަކާއި ނުބައިކަންތައް ﷲ ވަނީ ލިޔުއްވާފައެވެ. ދެން އެއަށްފަހު އެކަންތައް ބަޔާންކޮށްދެއްވިއެވެ. ހެޔޮކަމެއް ކުރުމަށް  ހިތަށް އަރުވާ އެކަމެއް ނުކުރިނަމަވެސް އެމީހަކަށް ހެޔޮކަމެއް ލިޔުއްވައެވެ. އަދި ހެޔޮކަމެއް ކޮށްފިނަމަ އެމީހަކަށް އޭގެ ދިހަގުނަ އާއި ހަތްސަތޭކަ ގުނަ އާއި ދެމެދަށް ދަރުމަ އާއި ޘަވާބު ދެއްވައެވެ. ނުބައިކަމެއް ކުރުމަށް ހިތަށް އަރުވާ، އެކަމެއް ނުކޮށްދޫކޮށްލައިފިނަމަ، އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. ނުބައިކަމެއް ކުރުމަށް ހިތަށް އަރުވާ އެކަމެއް ކޮށްފިނަމަ، އެންމެ ފާފައެއް ލިޔުއްވައެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

(إِنَّ الْأَبْرَ‌ارَ‌ لَفِي نَعِيمٍ ﴿١٣﴾  )

(الْأَبْرَ‌ارَ) އަކީ ”ބިއްރު“ ގެ ޖަމްޢު އެވެ. އެއީ ގިނަގިނައިން ހެޔޮޢަމަލުކޮށް ނުބައި ޢަމަލުތަކުން ދުރުހެލިވެގެން ތިބޭ މީހުންނެވެ.

(لَفِي نَعِيمٍ ) އެބައިމީހުން ވަނީ ބޮޑުވެގެންވާ ނިޢްމަތެއްގެ މަތީގައެވެ. އެނިޢްމަތަކީ ހިތުގެ ހަމަޖެހުމާއި ހަށިގަނޑުގެ ދުޅަހެޔޮކަމެވެ. އެންމެ ބޮޑު ނިޢްމަތަކީ ހިތްހަމަ ޖެހިގެންތިބޭ ބައެއް ކަމުގެ ނިޢްމަތެވެ. އެއަށްވުރެ ބޮޑު ނިޢްމަތެއް އިންސާނަކަށް ނުލިބޭނެއެވެ. އެހެންވެ ބައެއް ސަލަފުން ވިދާޅުވާ ބަސްފުޅެއްގައި ވެއެވެ. ”ދުނިޔޭގެ ރަސްރަސްކަލުންނާއި ރަސްރަސްކަލުންގެ ދަރިންނަށް ތިމަންމެން މިތިބީ ކިހާބޮޑު ނިޢްމަތެއްގައިކަން އެނގޭނަމަ ކަނޑިން ހަނގުރާމަވެސް ކުރީހެވެ.“  މި ނިޢްމަތަކީ ދުނިޔެ އާއި އާޚިރަތުގައިވެސް އެބައިމީހުންނަށްޓަކައިވާ ނިޢްމަތްތަކެކެވެ. ދުނިޔޭގައި ﷲ ގެ ގަޟާގަދަރަށް ރުހިގެންތިބޭ ބަޔެއްކަމުގައިވުމެވެ. އަދި އާޚިރަތުގައި ސުވަރުގޭގެ މަތިވެރި ނިޢްމަތްތަކަށް ވާޞިލުވުމުގެ ނިޢްމަތެވެ.

(وَإِنَّ الْفُجَّارَ‌ لَفِي جَحِيمٍ ﴿١٤﴾)

(الْفُجَّارَ‌  ) އެއީ ކާފިރުންނެވެ. ހެޔޮޢަމަލު ކުރި މީހުންގެ އިދިކޮޅު މީހުންނެވެ.

(لَفِي جَحِيمٍ  ) އެބައިމީހުން ވާނީ އަނދައަނދާ ހުންނަ ހޫނުކަންގަދަ އަލިފާންގަނޑެއްގެ ތެރޭގައެވެ.

(يَصْلَوْنَهَا يَوْمَ الدِّينِ ﴿١٥﴾  )

(يَصْلَوْنَهَا  ) އެއަލިފާންގަނޑުގެ ތެރޭގައި އެބައިމީހުން އަނދައަނދާ ހުންނާނެއެވެ.

(يَوْمَ الدِّينِ ) ޢަމަލުތަކަށް ޖަޒާ ދެއްވާ ދުވަހުގައި، އެބަހީ ގިޔާމަތް ދުވަހުގައި.

(وَمَا هُمْ عَنْهَا بِغَائِبِينَ ﴿١٦﴾  ) އެބައިމީހުންނަށް އެޢަޛާބުން ރެކެވޭނެ ގޮތެއް، ނުވަތަ ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެއެވެ.  ސޫރަތުލް މާއިދާގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يُرِ‌يدُونَ أَن يَخْرُ‌جُوا مِنَ النَّارِ‌ وَمَا هُم بِخَارِ‌جِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ ﴿٣٧﴾  ) މާނައަކީ: “ ނަރަކައިގެ އަލިފާނުގެ ތެރެއިން ނުކުތުމަށް އެއުރެން އެދޭނެތެވެ. (ނަމަވެސް) އެތަނުން ނުކުމެވޭނޭ ބަޔަކު ކަމުގައި، އެއުރެން ނުވެތެވެ. އަދި އެއުރެންނަށް ދެމިހުންނަނިވި عذاب ހުށްޓެވެ.“

(وَمَا أَدْرَ‌اكَ مَا يَوْمُ الدِّينِ ﴿١٧﴾  ) އަޅުތަކުންގެ ޙިސާބު ބައްލަވާ ދުވަހަކީ ކިހާވަރެއްގެ ބުރަބޮޑު އުނދަގޫ ދުވަހެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ.

(ثُمَّ مَا أَدْرَ‌اكَ مَا يَوْمُ الدِّينِ ﴿١٨﴾  ) ޙިސާބު ބައްލަވާ ދުވަހަކީ ކިހާވަރެއްގެ ބުރަބޮޑު އުނދަގޫ ދުވަހެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯ ކުރެއްވި ސުވާލު ތަކްރާރު ކުރެއްވުމުގެ ޙިކްމަތަކީ އެދުވަހުގެ ބޮޑުކަމާއި އުނދަގޫކަން އުއްމަތަށް ބަޔާންކޮށްދެއްވުމެވެ.

(يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ )ގިޔާމަތްދުވަހުގައި ﷲގެ އިޛްނަފުޅާއި އެކު މެނުވީ އެއްވެސް މީހަކަށް އަނެކާ އަށް ޓަކައި ކޮށްދެވޭނެ ހަމައެއްވެސް ކަމެއް ނޯންނާނެއެވެ.

(وَالْأَمْرُ‌ يَوْمَئِذٍ لِّلَّـهِ ﴿١٩﴾  ) ދުނިޔެމަތީގައި ކަންކަމަށް އަމުރު ކުރުމަށް އަމީރުންނާއި ވަޒީރުން، މައިންނާއި ބަފައިން ތިބެއެވެ. ނަމަވެސް އާޚިރަތް ދުވަހުގައި ހުރިހާ ކަމެއް މިލްކުވެގެންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. އެއްވެސް ނަފްސަކަށް އަނެއް ނަފްސަކަށް ޓަކައި ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ.  ސޫރަތު ލުގްމާންގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَ‌بَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِي وَالِدٌ عَن وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئًا ۚ إِنَّ وَعْدَ اللَّـهِ حَقٌّ ۖ فَلَا تَغُرَّ‌نَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّ‌نَّكُم بِاللَّـهِ الْغَرُ‌ورُ‌ ﴿٣٣﴾  ) މާނައަކީ: “ އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި شيطان އާ، ތިޔަބައިމީހުން اللَّه އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!“

ގިޔާމަތްދުވަހުގައި މީސްތަކުންނަށް ކެތްނުކުރެވޭ މިންވަރަށް ބިރުވެރިކަމާއި ހާސްކަން މެދުވެރިވުމުން އެބައިމީހުން އާދަމް ޢަލައިހިއްސަލާމްގެ އަރިހަށްގޮސް ޝަފާޢަތަށް އެދޭނެއެވެ. އެއަށް ފަހު ނޫޙު ޢަލައިހިއްސަލާމް އާއި އިބްރާހީމް ޢަލައިހިއްސަލާމް އާއި މޫސާ އަދި ޢީސާ ޢަލައިހިއްސަލާމްގެ އަރިހުން ޝަފާޢަތަށް އެދި އާދޭސް ކުރާނެއެވެ. ނަމަވެސް މިހުރިހާ ބޭކަލުންވެސް އެކަމަށް ޢުޛުރުވެރިވެވަޑައިގަންނަވާނެއެވެ. އެންމެ ފަހުން މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް ޝަފާޢަތަށް އެދި ދަންނެވުމުން އެކަލޭގެފާނު އެކަން ކޮށްދެއްވާނެއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަން ޖެހެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ صَلَّى عَلَيَّ حِينَ يُصْبِحُ عَشْرًا وَحِينَ يُمْسِي عَشْرًا أَدْرَكَتْهُ شَفَاعَتِي يَوْمَ الْقِيَامَةِ   ) މާނައަކީ: ”ކޮންމެ ދުވަހަކު ހެނދު ދިހަފަހަރު އަދި ހަވީރު ދިހަފަހަރު ތިމަންކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަވައިފި މީހަކަށް ގިޔާމަތް ދުވަހުގައި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެއެވެ.“

އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމުގެ މާތްކަން ބަޔާން ކުރައްވާ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ صَلَّى عَلَيَّ وَاحِدَةً ، صَلَّى اللَّهُ عَلَيْهِ عَشْرًا  ) މާނައަކީ: ”ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ ފަހަރަކު ޞަލަވާތް ކިޔަވައިފި މީހަކަށް މާތް ﷲ ދިހަފަހަރު ސަލަވާތް ލައްވަތެވެ.“

ފަހަރެއްގައި މީހަކު ކޮށްފާނު ސުވާލެކެވެ.  ގިޔާމަތް ދުވަހުގައިވެސް އަދި އޭގެ ކުރިންވެސް ހުރިހާ ކަމެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށް ނޫން ހެއްޔެވެ؟

ޖަވާބަކީ: އާދޭހެވެ. ދެދުނިޔޭގައިވެސް ހުރިހާ ކަމެއްވެސް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. ނަމަވެސް، އާޚިރަތްދުވަހުގައި ﷲ ގެ މަލަކޫތިއްޔަތުވަންތަކަން އިތުރަށް ފާޅުވެގެންދެއެވެ. ދުނިޔެމަތީގައި ބައެއް މީހުން ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ އޭނާގެ ހަވާނަފްސު އެދޭގޮތަށް ނުވަތަ ޞާހިބާބުނާ ގޮތަށް އުޅެއެވެ. ނަމަވެސް، އާޚިރަތް ދުވަހުގައި ﷲ ގެ އަމުރުފުޅާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.