(مُّطَاعٍ ثَمَّ أَمِينٍ ﴿٢١﴾ ) “ އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ.“
(مُّطَاعٍ ) މަލާއިކަތް ބޭކަލުން ޖިބްރީލް ޢަލައިހިއްސަލާމް އަށް ކިޔަމަންތެރިވެ ވަޑައިގަންނަވައެވެ.
(أَمِينٍ ) ޖިބްރީލް ޢަލައިހިއްސަލާމް އަކީ އެކަލޭގެފާނާއި ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި މެދުގައި އަމާނާތްތެރިވެލައްވާ ބޭކަލެކެވެ.
މި އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިމިވަނީ ކީރިތި ގުރްއާނަކީ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމްގެ ވާހަކަ ތަކެއްގެ ގޮތުގައެވެ. ސޫރަތުލް ޙާއްގާގެ 38 އިން 41 އަށް ﷲ ގުރްއާން ޞިފަ ކުރައްވާފައިވަނީ ރަސޫލާގެ ބަސްފުޅުތަކެއްގެ ގޮތުގައެވެ. (فَلَا أُقْسِمُ بِمَا تُبْصِرُونَ ﴿٣٨﴾ وَمَا لَا تُبْصِرُونَ ﴿٣٩﴾ إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ﴿٤٠﴾ ) މާނައަކީ: “ ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ.“
ފަހަރުގައި މީހަކު ކޮށްފާނެ ސުވާލެކެވެ. ސޫރަތުލް ޙާއްގާތުގައި މާތް ﷲ ގުރްއާން ޞިފަކުރައްވާފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ ގޮތުގައެވެ. އަދި ސޫރަތުއް ތަކްވީރުގައި ޞިފަ ކުރައްވާފައިވަނީ ޖިބްރީލް ޢަލައިހިއްސަލާމްގެ ބަސްފުޅެއްގެ ގޮތުގައެވެ. މިއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟
ޖަވާބަކީ: މަލާއިކަތުންގެ ރަސޫލާ ޖިބްރީލް ޢަލައިހިއްސަލާމް އެގުރްއާން ކިޔަވައިދެއްވީ އިންސާނުންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އަދި އުއްމަތަށް އެގުރްއާން ފޯރުކޮށްދެއްވީ އުއްމަތުގެ ރަސޫލާ އެވެ. އެހެންކަމުން ޖިބްރީލް ޢަލައިހިއްސަލާމްގެ ބަސްފުޅޭ ނުވަތަ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅޭ އޮތް ބަސްފުޅުގެ މުރާދަކީ ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބަހުގެ ޙަގީގީވެރިޔަކީ ﷲ އެވެ. ގުރްއާނަކީ ﷲ ގެ ވަޙީގެ ބަސްފުޅެވެ. ޖިބްރީލް ޢަލައިހިއްސަލާމްގެ ބަހަކަށްވީ ރަސޫލާ އާއި ހަމައަށް ފޯރުކޮށްދެއްވި ހިސާބުންނެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކަށްވީ އުއްމަތާއި ހަމައަށް އެބަސްފުޅުތައް ފޯރުކޯށްދެއްވި ހިސާބުންނެވެ.
( وَمَا صَاحِبُكُم بِمَجْنُونٍ ﴿٢٢﴾ ) މާނައަކީ: “ އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ.“
މިތަނުގައި ”ތިޔަބައިމީހުންގެ އެކުވެރިޔާ“ އޭ ވިދާޅުވެ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެބައިމީހުންގެ އެކުވެރިޔާގެ ގޮތުގައި ބަޔާން ކުރައްވާފައިވުމުގެ ޙިކްމަތަކީ އެބައިމީހުން އެކަލޭގެފާނުގެ ދަޢްވަތު ރައްދުކުރި ކަމުގެ ސަބަބުން އެކަމުގެ މަލާމާތް އެބައިމީހުންނަށް ރައްދު ކުރެއްވުމެވެ. މާނައަކީ: ނަބީ ކަމާއިގެން ފޮނުއްވުމުގެ ކުރިން ތިޔަބައިމީހުންގެ ތެރޭގައި 40 އަހަރުވަންދެން ހޭދަކުރައްވާ އެކަލޭގެފާނުގެ ތެދުވެރި ކަމާއި އަމާނާތްތެރިކަމުގެ ސަބަބުން ތިޔަބައިމީހުން ”ތެދުވެރި އަމާނާތްތެރިޔާ“ ގެ ލަގަބުން ލަގަބު ދެއްވާފައިވާ ރަސޫލާ އަކީ މޮޔަބޭކަލެއް ނޫނެވެ. އަދިކިއެއްތަ، އެކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރޭގައި ހުންނެވި އެންމެ ބުއްދިވެރި، އެންމެ ވިސްނުންތޫނު އިންސާނާ އެވެ.
(وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ﴿٢٣﴾ ) މާނައަކީ: “ އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ.“
ކޮންމެއަކަސް އެތަނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޖިބްރީލް ޢލައިހިއްސަލާމް ފެނިވަޑައިގަތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ޖިބްރީލް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަޞްލު ޞިފައިގާ ދެފަހަރެއްގެ މަތިން ފެނިވަޑައިގަތެވެ. ފުރަތަމަ ފަހަރަށް ޙިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ހުންނަވަނިކޮށެވެ. އަނެއްފަހަރު މިޢްރާޖަށް އަރައިވަޑައިގެންނެވި ރޭގައެވެ.
( وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ ﴿٢٤﴾ )
وَمَا هُوَ) އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ.
(عَلَى الْغَيْبِ ) އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު ވަޙީ އާއި މެދުގައި،
(بِضَنِينٍ ) ދަހިވެތި ބޭފުޅެއް ނޫނެވެ. އެހެން ގިރާއަތެއްގައި ވެއެވެ. (بِظَنِينٍ) މާނައަކީ: ވަޙީ ފޮރުއްވައިގެން ހުންނަވާ ބޭކަލެއްކަމުގައި ނުވަތަ އިތުރުފުޅު ހައްދަވާ ބޭކަލެއްގެ ގޮތުގައި އެކަލޭގެފާނުގެ މައްޗަށް ތުހުމަތެއް ކުރެވިފައެއް ނުވެއެވެ. (بِظَنِينٍ) ނެގިފައި މިވަނީ ”ޡައްނު“ ނުވަތަ ”ތުހުމަތު“ ކުރުމުންނެވެ.( ضَنِ) އަކީ ދަހިވެތި ވުމެވެ.
މާނައަކީ: ”މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު އާޔަތްތައް މީސްތަކުންނާއި ހަމައަށް ފޯރުކޮށްދެއްވުމުގައި އެއްވެސް ވަރަކަށް ހިފެހެއްޓުމެއް ގެންގުޅުއްވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުވަނީ ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއި އެކުގައި އެމަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރައްވާފައެވެ.
(وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ ﴿٢٥﴾ ) ކީރިތި ގުރްއާނަކީ އެއްވެސް ޝައިޠާނެއްގެ ބަހެއް ނޫނެވެ، (ޝއިޠާނުންނޭ އޮތް ބަސްފުޅުގެ މުރާދަކީ މީސްތަކުންނަށް ކަންކަން އޮޅުވާލާ އުޅޭ ކާހިނުންގެ ވާހަކަ އެވެ. އެބައިމީހުން މީސްތަކުންނަށް އޮޅުވާލައިގެން ދޮގުހަދައެވެ. ނަމަވެސް އެބައިމީހުންނަކީ ތެދުވެރިން ކަމުގައި މީސްތަކުން ހީކުރެތެވެ.)
( فَأَيْنَ تَذْهَبُونَ ﴿٢٦﴾) މާނައަކީ: ”ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟“
(إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٢٧﴾ ) މި ގުރްއާނަކީ އެންމެހައި މީސްތަކުންނަށް އޮތް ހަނދާން ކޮށްދިނުމެކެވެ.
(لِّلْعَالَمِين ) މުރާދަކީ: އެބަޔެއްގެ ގާތަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނު އެންމެންނެވެ. ސޫރަތުލް އަންބިޔާގެ 107 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾ ) މާނައަކީ: “ އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.“ ސޫރަތުލް ފުރްގާންގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا ﴿١﴾ ) މާނައަކީ: “ عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.“
(لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾ ) މާނައަކީ: ”މި ގުރްއާނަކީ ތިޔަބައިމީހުންކުރެ ތެދުމަގަށް އެދޭމީހާ އަށް ހުރި ހަނދާންކޮށްދިނުމެކެވެ.“ ތެދުމަގު ހޯދަން ބޭނުން ނުވާ މީހަކަށް މިގުރްއާނުން ކުރާނެ ފައިދާ އެއް ނޯންނާނެއެވެ. ސޫރަތު ގާފުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ ﴿٣٧﴾ ) މާނައަކީ: “ ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ.“
(وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ ﴿٢٩﴾ ) މާނައަކީ: “ عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.“
ފަހަރުގައި މީހަކު ބުނެފާނެއެވެ. މި އާޔަތުން ދޭހަވާ ގޮތުން އަހަރުމެން އިންސާނުން ކުރާ ނުބައިކަންތަކަކީ ﷲ އިރާދަކުރެއްވީތީ ކުރެވުނު ކަންތަކެވެ. އެހެންކަމުން، އަހަރުމެންނަށް ކުރެވޭ ނުބައިކަންތަކުގެ ޛިންމާ އަހަރުމެން އުފުއްލާކަށް ނުޖެހޭނެއެވެ.
ޖަވާބަކީ: މި އާޔަތުގައި އެބައިމީހުންނަށް ޙުއްޖަތެއް ނެތެވެ. ސަބަބަކީ ﷲ އެގޮތަށް އިރާދަކުރެއްވިކަން އެބައިމީހުންނަށް އެނގުނީ އެގޮތަކަށް ކަންތައް ކުރުމަށްފަހުގައެވެ. އެކަމެއްކުރީ އިންސާނާގެ އަމިއްލަ އިޚްތިޔާރުގައެވެ. ވީމާ، ނުބައި ޢަމަލުތައް ކުރާ މީހުންނަށް މިއާޔަތުން ޙުއްޖަތެއް ނުނެގޭނެއެވެ. ސޫރަތުލް އަންޢާމްގެ 148 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّـهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِن شَيْءٍ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِن تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ ﴿١٤٨﴾ ) މާނައަކީ: ”شريك ކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريك އެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرام ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذاب ގެ ރަހަ ލިބިއްޖައުމަށްދާނދެން (رسول ން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبع ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ.“
ނިމުނީ.