އަނިޔާގެ މައްސަލަ ކުރިމަތިވެ ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ޕޯޗުގަލްގެ އިތުބާރު ޑިފެންޑަރު ޕެޕޭއަށް ދުވަސްކޮޅަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި މިކަން ކަށަވަރުކޮށްދީފައިވާއިރު ޕެޕޭއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވަނީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
މި މެޗުގައި ޕެޕޭއަށް އަނިޔާގެ މައްސަލަ ކުރިމަތި ވެފައިވަނީ މެޗުގެ ފުރަތަމަ ހާފުފެ ވަރަށް ކުރީކޮޅުގައެވެ. އެހެންކަމުން އެ މެޗުގެ ފުރަތަމަ ހާފްގައި ޕެޕޭ ވަނީ ބަދަލުކޮށްފައެވެ. މި މެޗުގައި ޕެޕޭއަށް އަނިޔާވެފައިވަނީ އޭނާގެ ވާތު ފަޔަށެވެ.
ރެއާލްއިން ނެރުނު ބަޔާނުގައި ޕެޕޭ ކުޅުމާއި ދުރުގައި ހުންނަންޖެހޭ ވަކި މުއްދަތެއް އެނގެން ނެތަސް ސްޕެއިންގެ މީޑިޔާ ރިޕޯޓުތަށް ބުނާގޮތުން މި އަނިޔާ އާއި ގުޅިގެން ޕެޕޭ ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެއެވެ.
ޕެޕޭގެ ފަޔަށް ލިބިފައިވާ މި އަނިޔާ އާއި ގުޅިގެން އޭނާ ހަ ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވޭއިރު ޗެމްޕިއަންސް ލީގުގައި ބްރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން މި މަހުގެ 19 ވަނަ ދުވަހު އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލްއިން ކުޅޭ މެޗުގައި ވެސް ޕެޕޭއަށް ނުކުޅެވޭނެއެވެ.
ޕެޕޭގެ އިތުރުން ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލުކަ މޮޑްރިޗް އަދި ކަސެމެއިރޯ ވެސް މިވަގުތު ތިބީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ.