ކުރު ވާހަކަ “ޔަލީނާ” (11)

އެއްފަހަރަކު ދެފަހަރަކު ނޫން ހާސްފަހަރު އަޅުގަނޑަށް އާދޭސްކުރަން ފެށުނެވެ. ހިތުގައި އެޅި ވޭނަކުން ގިސްލާފައި އަޅުގަނޑަށް ރޮވުނެވެ. އިސްއޮބާލައިގެން އިން އިރު އޭނާގެ ފައިގެ ހަރަކާތް އަޅުގަނޑަށް ފެނުނެވެ. އަޅުގަނޑާ ގާތަށް އަންނަ ކަން އެނގުމުން ކުއްލިއަކަށް ތެދުވީމެވެ.

“ވަޓް ޑޫ ޔޫ ވޯޓް” ވަރަށް ހިތްވަރު ކޮށްފައި ޖެހިލުންވުން ކަނޑާލަން މަސައްކަތް ކުރަމުން އޭނާ ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ އެހީމެވެ.

އިޝްތިހާރު Below Header ad

“އައިވޯޓް ޔޫ…ޔޫއާރ ބިއުޓިފުލް” އޭނާގެ ގަސްތަކީ އަޅުގަނޑުކަމުގައި ބުނި ހިނދު ދައްތަ ވަރަށް ބާރަށް ތެޅިގަނެފައި ހަޅޭއްލަވައިގަތެވެ. އަޅުގަނޑު ދައްތައަށް ބަލާލާފައި ލޮލުންނާއި ބޮލުން ހަމަ ޖެހެން އިޝާރާތް ކުރީމެވެ. އަދި އޭނާއާއި ކުރިމަތިލުން ނޫން ގޮތެއްނެތުމުން އެކަންވެސް ކުރީމެވެ.

” ފަސްޓް ލެޓްހަރ ގޯ” ކަރުބުޑުން ނެރުނު ބާރު އަޑަކާއެކު އަޅުގަނޑަށް އޭނާއާ ދިމާލަށް ބުނެލެވުނެވެ. އެއީ ކިހިނެތް ކޮންތާކުން އައި ހިތްވަރެއް ކަމެއްނޭގެއެވެ. އަޅުގަނޑަށް ހުރީ ދަތްކުނޑި ވިކިފައި ޒާތެއްގެ ރުޅިގަނޑެއް މުޅިމީހާއަށް ވެރި ވެފައެވެ. އޭނާއާއި އަޅުގަނޑާ އަޅާ ބަލާލިޔަސް އަޅުގަނޑުގެ ހުރި ބަލިކަށި ކަމާއި ނިކަމެތިކަން ފެންނާނެއެވެ. އެކަމަކު ވެސް ދެއަތް މުއްކަވާލައިގެން ހުރީ އޭނާ އަޅުގަނޑާ ހިސާބަށް އަންނާނޭ ވަގުތަކަށް އިންތިޒާރު ކޮށްގެންނެވެ. ހަމަލާއަކަށް ތައްޔާރުވެގެން ހުންނަ މީހެއް ފަދައިންނެވެ. އޭނާ އަޅުގަނޑާ ދިމާލަށް ދެފިޔަވަޅެއް ނެގުނުތަނާ ފޯނެއް ރިންގުވާއަޑު އިވުނެވެ. ރިންގް ވަނީ އަޅުގަނޑާ ވަރަށް ގާތުން ކަމުން އަވަސް އަވަހަށް ފޯނުގެ އަޑުއަންނަ ދިމާލަށް ބަލާލީމެވެ. ދެމީހުން އެކު އެކީ ކަހަލަ ގޮތަކަށް ފޯން ނަގަން ދުއްވައިގަނެވެނެވެ. އޭނާ ނެގި އެންމެ ފިޔަވަޅަކާއެކު ލުއްކެއްޖަހާފައި އެއްއަތުން އަޅުގަނޑުގެ އަތުމުލައްދަނޑީގައި ހިފިގޮތަށް ގުދުވެލާފައި އަނެއް އަތުން ފޯނުން ނެގިއެވެ. ފޯން ސްކްރީނަށް އިގިރޭސިބަހުން “ޑޭވިޑް” އަރާފައިއޮތެވެ.

އާހް! ޑޭވިޑް މަތިން ހަދާންވީ ދެނެވެ. ބީރައްޓެހި ޤައުމެއްގައި އެހީއަކަށް އެދިވެސް ދެވޭނީ ކިރިޔާވެސް ދަންނަ މީހެއްގާތަށް ނޫން ހެއްޔެވެ. އެކަމަކު އެވަގުތު އެމީހާ ޔޭސް ސަރ ކިޔާފައި އެވާހަކަ ދައްކަނީ އަޅުގަނޑުމެން ދަންނަ ޑޭވިޑްއާ ނޫން ބާއެވެ. އަވަސް ނަޒަރަކުން ދައްތައާއި ދިމާއަށް ބަލާލެވުނެވެ. ދައްތަގެ ދެލޯ ފެންކަޅިވެގެން ދިޔަތަންފެނުނެވެ. ހިތައް ވެރިވި ޚިޔާލަކުން ކުއްލިއަކަށް އަނެއް ފަހަރު ދައްތައަށް ބަލާލެވުނެވެ. އޭރުވެސް އަޅުގަނޑު ގެ އަތުގައި ހިފިގޮތަށް އެމީހާދޫނުކުރެއެވެ. އަތްހީވަނީ ލޭނުހިނގާ އޮވެ އައްސިވެފައި އޮތް ހެނެވެ. ހީވާގޮތުން އޭނާ އެވާހަކަ ދައްކަނީ ތައި-ބަހުން ނެވެ. ޔަގީނުންވެސް ދައްތައަށް މިވާނުވާ އެނގޭނެއެވެ. ސުވާލުއުފެދިފައި އަނެއްފަހަރު ދައްތައަށް ބަލާލެވުނެވެ. އަޅުގަނޑުގެ މޫނުމަތިންވެސް ނުރުހުންވެފަ ހުރިކަން ދައްތައަށް އެނގޭނެއެވެ. ބަހެއްނުބުންޏެއް ކަމަކު އަޅުގަނޑު އެ އެހީ ޑޭވިޑްގެ ވާހަކަ ކަން ދައްތައަށް ނަގައި ގަނެވުނެވެ. ދައްތަ އާނއެކޭ ބުނެލިހެން ބޯޖަހާލާފައި އިސްއޮބާލީއެވެ.

“އެހެންވީމާ އެއީ އެ ޑޭވިޑް” ހިތާހިތާ ބުނެވުނެވެ. ޑޭވިޑް ދައްތަގާތަށް މީހަކު ފޮނުވަން ޖެހުނީ ކީއްކުރަންބާއެވެ. އެމީހުން އުޅުނީ ރައްޓެހިވެގެންނުން ހެއްޔެވެ. އެކުގައި ބޭރަށް ދާންވެސް ރާވާފައި އޮތް ދުވަހެކެވެ. މިމީހަކު ދައްތަ އައްސާފައި ބެއިންދީ ކީއްވެބާއެވެ. ބޭނުންވެގެން އެއުޅެނީ ކޯޗެއްބާއެވެ. ފަހަރަކު ސުވާލެއް އަމިއްލަ ނަފްސާ ކުރަމުން ދިޔައިރު ރުޅިވެސް ގަދަވަމުން ދިޔައެވެ. ހަމަ ވަގުތުން ކުއްލި ހަރަކާތަކާއެކު  އޭނާގެ އަތުގެ ތެރޭން އަޅުގަނޑުގެ އަތްދަމައި ގަތީމެވެ. އޭނާވެސް ފޯނަށް ޖަވާބުދޭތީ އަޅުގަނޑަށް ދިން ސަމާލުކަށް ކުޑަވެފައިވީ ވަގުތެއްކަމުން އެފުރުސަތުގެ ބޭނުން ހިފުނެވެ. އޭނާއަތް މަޅާލީ އަނެއްކާވެސް އަޅުގަނޑު އަތުޖެހޭނެ ކަމަށެެވެ. އެކަމަކު އޭގެ ކުރިން ދެފަޔަށް ބާރުލާފައި ގޮސް ދައްތަ އިންގޮޑީގެ ފަހަތަށް ވަދެ،ދައްތަ އައްސަން ބޭނުންކޮށްފައި އޮތް ޓީޝަރޓް މޮހާލެވޭތޯ ބެލީމެވެ. އެއިން ފަށަކަށް ރަގަޅަށް ދަމާނުލެވިގެން އުޅެނިކޮށް އަނެއްފަހަރު އެމީހާއައިގޮތަށް އައިސް އަޅުގަނޑުގައިގައި ކޮޅުފައިން ޖަހާ ވައްޓާލީއެވެ. ވީތަދުން ވަރަށް ބާރަށް މަންމައަށްގޮވާލެވުނެވެ. ބައްޕާއެވެ!. އެވަގުތު  މަންމަމަތިން ވަރަށް ހަދާންވިއެވެ. މަންމަ ގެ ފަހު ދުވަސްތަކުގައި އެހަށިގަނޑުގައި އެޅިވޭނަށް ކެތް ކުރަން މަސައްކަތް ކުރިގޮތް ހީވީ ލޮލަށް ފެނިގެން ދިޔަހެނެވެ. މަންމަގެ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ނެރެން ދަސްކުރަންވާނުން ހެއްޔެވެ.

ކޮޓަރިތެރެއަށް ބަލާލެވުނީ އެވަގުތުއެވެ. އަޅުގަނޑުގެ ފޮށިނޫން ހުރިހާ ފޮއްޓެއް ހުރީ ހުޅުވާލާފައެވެ. ހެދުންތައް ވެސް އެކި ދިމަދިމާއަށް އުކާފައި އޮތެވެ. އަޅުގަނޑާ ވަރަށް ގާތުގައި، ފެންއަޅާ ބިއްލޫރި ފުޅި ވެއްޓި ތަޅައިގެން ގޮސްފައި އޮތްވާ ފެނުނެވެ. ހަމަ ވަގުތުން އެ ނެގީމެވެ. އެމީހާއާއި ދިމާއަށް ދިއްކޮށްލެވުނީ ހަތިޔާރެއްގެ ގޮތުގައެވެ.

“ހޫ އާ ޔޫ… އެންޑް ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް އަސް” އަޅުގަނޑު އަޑުގައި ތުރުތުރު ލުމެއް ހުއްޓެވެ. އެކަމަކު ވަރަށް ސާބިތު ކަމާއެކު ކުރިމަތިލީމެވެ.

“މަނީ.. އައި ވޯންޓް ޔޯ މަނީ” އޭރުވެސް ދައްތަގޮޑީގައި އިދެގެން ސަލާމަތް ވާން މަސައްކަތް ކުރަމުން ދެއެވެ. އެމީހާ ހުރީ އަޅުގަނޑުގެ ކުރިމަތީގައި ދައްތައަށް ފުރަގަސްދީގެންނެއެވެ. ދައްތައަށް އެއްފަހަރު އެމީހާއަށް އެއްފަހަރު އަޅުގަނޑު ބަލަމުން ދިޔައީމެވެ. ކުއްލިއަކަށް ފެނުނީ ދައްތަ އިންގޮޑިން ތެދުވިގޮތަށް ތެދުވެ އެމީހާގެ ބޮލުގައި ގޮޑިން ޖެހިތަނެވެ. އެޔާއެކު އޭނާ ކުޑަކަކޫ މައްޗައް ތިރިވިތަން ފެނުނެވެ. ތަންވަޅުބަލާފައި ދުވެފައި ގޮސް ދައްތަ އަނގަމަތީ ގައި ހުރި ފޮތިގަނޑު ފުރަގަހުން އައްސާފައި ހުރިތަން މޮހާލަދިނީމެވެ. ކުރިން ގޮޑީގައި އައްސާފައި އިން އިރު އެޓީޝާރޓްގެ އެއްފަށަށް ވިޔަސް ދަމާލެވުނީ ނަސީބަކުން ނެވެ. ދައްތަ އަތަށް ވާފަށް ދޫވެ އަނެއް އަތުގެ އިނިގިލަކުން މޮހާލަން ދައްތަ އަށް ފަސޭއަކަށް އެކަންވީމައެވެ.

“ޔުޝް.ޔުޝް…” ދައްތަ ޔުޝްކޮއްކޮއަށް ގޮވަމުން ދުއްވައިގަތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.