ސޫރަތުއް ތަކްވީރު 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

 (إِذَا الشَّمْسُ كُوِّرَ‌تْ ﴿١﴾  )

“ކައްވަރަ” ގެ މާނައަކީ އޮޅާލުމެވެ. މާނައަކީ: އިރުގެ ދޯދިތައް އޮޅާލެވި އޭގެ އަލިކަން ފިލާދިޔުމެވެ. ޢަރަބިން ބުނެ އުޅެއެވެ. “ކުއްވިރަތިލް ޢިމާމާ ވަ ޞާރަތް ކަލްކުރަތި” މާނައަކީ “ފަގުޑި އޮޅާލެވި ބޯޅައެއްހެން ވެއްޖެއެވެ.”

އިޝްތިހާރު Below Header ad

މިކަމެއް ވާނީ ގިޔާމަތް ދުވަހުގައެވެ. ގިޔާމަތް ދުވަހުގައި ﷲ އިރުގެ ދޯދިތައް ފަގުޑި އެއް އޮޅާލެވޭ ގޮތަށް އޮޅުއްވާލައްވައެވެ. އަދި އިރުގެ އަލިކަން ގެންދަވައެވެ. އެއަށްފަހު އިރު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް އެއްލާލެވޭނެއެވެ. އެއީ އިރަށް އަޅުކަންކޮށް އުޅުނު މީހުންގެ ޢަމަލުތަކާއި މެދު އެކަލާންގެ ކޯފާވެގެންނެވެ.  ސޫރަތުލް އަންބިޔާގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّـهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِ‌دُونَ ﴿٩٨﴾  ) މާނައަކީ: “ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ.”  އޭގެ ތެރެއިން އިސްތިޘްނާ ވެގެންވަނީ ﷲ ފިޔަވާ އަޅުކަން ކުރަން ގެންގުޅުނު ފަރާތްތަކުގެ ތެރެއިން ﷲގެ ވަލީވެރިންނެވެ. އެބޭކަލުން ނަރަކަ އަށް އެއްލައި ނުލެވޭނެއެވެ. ސޫރަތުލް އަންބިޔާގެ 101 އަދި 102 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ سَبَقَتْ لَهُم مِّنَّا الْحُسْنَىٰ أُولَـٰئِكَ عَنْهَا مُبْعَدُونَ ﴿١٠١﴾ لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِي مَا اشْتَهَتْ أَنفُسُهُمْ خَالِدُونَ ﴿١٠٢﴾ ) މާނައަކީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ. އެއުރެންނަކަށް އެތާނގެ އަލިފާނުގެ އަޑެއްވެސް ނީވޭނެތެވެ. އަދި އެއުރެން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެއުރެން ދެމިތިބޭނެތެވެ.”

(وَإِذَا النُّجُومُ انكَدَرَ‌تْ ﴿٢﴾  ) ތަރިތައް އެހުރި ތަންތަނުން ނެއްޓިގެން ގޮސް އޭގެ އަލިކަން ކަނޑައިގެންދާނެއެވެ. މި އާޔަތުގެ ތަފްސީރަކީ ސޫރަތުލް އިންފިޠާރުގެ 2 ވަނަ އާޔަތެވެ. (وَإِذَا الْكَوَاكِبُ انتَثَرَ‌تْ ﴿٢﴾   ) މާނައަކީ: “އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ.”

(وَإِذَا الْجِبَالُ سُيِّرَ‌تْ ﴿٣﴾   ) ބޮޑެތި ބިޔަފަރުބަދަތައް އެހުރިތަނުން ލުހި ފުނޑުފުނޑުވެގެން ދެއެވެ. ސޫރަތުއް ނަބައުގެ 20 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَسُيِّرَ‌تِ الْجِبَالُ فَكَانَتْ سَرَ‌ابًا ﴿٢٠﴾  ) މާނައަކީ: “އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.”

(وَإِذَا الْعِشَارُ‌ عُطِّلَتْ ﴿٤﴾ ) “އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.”

(الْعِشَارُ‌ ) އަކީ “ޢަޝްރާއު” ގެ ޖަމްޢު އެވެ. އެއީ ބަނޑަށް ދިހަމަސް ހަމަވެފައިވާ މާބަނޑު ޖަމަލެވެ. އެއީ ޢަރަބިންގެ ތެރޭގައި އެންމެ އަގުބޮޑު މުދަލެވެ. އަދި ޖަމަލު ބަލިވެ އިނދެ އޭގެ ބަނޑަށް ދިހަމަސް ފުރިއްޖެނަމަ އެއާއި މެދުގައި ވަރަށް ބޮޑަށް ފާރަވެރިވެގެން އެބައިމީހުން ތިބެއެވެ. އަދި އެއާއި މެދުގައި ޚާއްޞަ ސަމާލުކަމެއް ދީގެން އުޅެތެވެ. ނަމަވެސް ގިޔާމަތް ދުވަހުގައި އެއާއި މެދުގައި އެމީހުން އެއްވެސް ސަމާލުކަމެއް ނުބަހައްޓާނެއެވެ. އެހެނީ އެދުވަހުން އެމީހުން ތިބޭނީ އެއަށްވުރެ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައެވެ. އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައެވެ.   އެދުވަހުން މީސްތަކުންގެ ޙާލަތަކީ ކޮބައިކަން ބަޔާން ކުރައްވާ ސޫރަތު ޢަބަސަގެ35 އިން 37 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ يَفِرُّ‌ الْمَرْ‌ءُ مِنْ أَخِيهِ ﴿٣٤﴾  ) އޭނާގެ އެއްބަނޑު އެއްބަފާ އަޚުންނާއި، އެއްބަފާ އަޚުންނާއި އެއްބަނޑު އަޚުންގެ ކިބައިން ފިލަން ދުވާ ދުވަހެވެ.

(وَأُمِّهِ وَأَبِيهِ ﴿٣٥﴾  ) މަންމަ އާއި ބައްޕަ އަދި މާމަ އާއި ކާފަ އަށްވެސް ފިލަން ދުވާ ދުވަހެވެ.

(وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾  ) އޭނާގެ އަނބިމީހާ އާއި ދަރިންގެ ކިބައިންވެސް ފިލަން ދުވާ ދުވަހެވެ.

މިއީ އޭނާގެ އެންމެ ގާތް އަދި އެންމެ ލޯބިވާ މީހުންނެވެ. ނަމަވެސް މިއެންމެންނަށް ފިލަން ދުވާނެއެވެ. އެގޮތަށް ފިލަން އުޅޭ ސަބަބަކީ އޭނާގެ ކިބައިން އެހެން މީހަކު ކަމަކަށް އެދި ބުނެފާނެތީވެއެވެ.

(لِكُلِّ امْرِ‌ئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾  ) އެދުވަހުން ކޮންމެ އިންސާނަކުވެސް ހުންނާނީ އޭނާގެ ކަންކަމާއި ގެން މަޝްޣޫލުވެފައެވެ.

(وَإِذَا الْوُحُوشُ حُشِرَ‌تْ ﴿٥﴾  )

(الْوُحُوشُ) އަކީ “ވަޙްޝް” ގެ ޖަމްޢު އެވެ.  އެއީ ޝިކާރަ ކުރަން ގެންގުޅޭ ޖަނަވާރުތަކެވެ.

މިތަނުގައި “އަލްވުޙޫޝް” އޭ އޮތް ބަހުގެ މުރާދަކީ ބިމުގައި އުޅޭ ހުރިހާ ޖަނަވާރުތަކެވެ. ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا مِن دَابَّةٍ فِي الْأَرْ‌ضِ وَلَا طَائِرٍ‌ يَطِيرُ‌ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم  ۚ مَّا فَرَّ‌طْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَ‌بِّهِمْ يُحْشَرُ‌ونَ ﴿٣٨﴾  ) މާނައަކީ: “ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ.”

އެހެންކަމުން، ބިންމަތީގައި ބަނޑުޖަހާ އުޅުނު ހުރިހާ ތަކެއްޗެއް ﷲ ގިޔާމަތް ދުވަހުގައި މަޙްޝަރު ކުރައްވާނެއެވެ. މީސްތަކުންނަށް އެމަންޡަރު ފެންނާނެއެވެ. އަދި އެޖަނަވާރުތައް އެކަތި އަނެކައްޗަށް ގިޞާޞް ހިފާ ހަދާނެއެވެ.

(وَإِذَا الْبِحَارُ‌ سُجِّرَ‌تْ ﴿٦﴾ )

(الْبِحَارُ  ) އަކީ “ބަޙްރު” ގެ ޖަމްޢު އެވެ. މާނައަކީ ކަނޑުތަކެވެ. މިތަނުގައި ކަނޑުތަކޭ ވަޙި ކުރައްވާފައި ވުމުގެ ބޭނުމަކީ އޭގެ މަތިވެރިކަމާއި ގިނަކަން އަންގަވައި ދެއްވުމެވެ. ދުނިޔޭގެ ބިމުގެ ހަތަރުބައިކުޅަ ތިންބަޔަކީ ނުވަތަ އެޔަށްވުރެވެސް ބޮޑުބަޔަކީ ކަނޑެވެ. ގިޔާމަތް ދުވަހުގައި މިކަނޑުތަކުގައި އަލިފާންރޯވެ، އަނދައިގެން ދާނެއެވެ. އެހިނދު ބިންގަނޑު ހިކި ފެން ހުސްވެގެންދާނެއެވެ. އެހެނީ ކަނޑުގެ ލޮނުގަނޑުގައި ރޯވެ އަލިފާނަށް ވެގެންދެއެވެ.

(وَإِذَا النُّفُوسُ زُوِّجَتْ ﴿٧﴾  )

(النُّفُوسُ  ) އަކީ “ނަފްސު” ގެ ޖަމްޢު އެވެ. މިތަނުގައި މުރާދަކީ އެންމެހައި މީސްތަކުންނެވެ.

(زُوِّجَتْ  ) ނެގިފައިވަނީ “ޒައުޖް” އިންނެވެ. މިތަނުގައި މުރާދަކީ “ވައްތަރެވެ.” ސޫރަތުލް ވާގިޢާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكُنتُمْ أَزْوَاجًا ثَلَاثَةً ﴿٧﴾  ) މާނައަކީ: ” އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.”   ސޫރަތު ޞާދުގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَآخَرُ‌ مِن شَكْلِهِ أَزْوَاجٌ ﴿٥٨﴾  ) މާނައަކީ: “އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ.”   ސޫރަތުއް ޞާއްފާތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (احْشُرُ‌وا الَّذِينَ ظَلَمُوا وَأَزْوَاجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾  ) މާނައަކީ: ” މިއީ ތިޔަބައިމީހުން އެދުވަހަކާމެދު ދޮގުކޮށް އުޅުނު ނިޔާކުރެއްވުމުގެ ދުވަހެވެ.”

ގިޔާމަތް ދުވަހުގައި ކޮންމެ ބާވަތެއްގެ ބަޔަކު އެބާވަތެއްގެ ބަޔަކާ ގުޅޭނެއެވެ. ހެޔޮޢަމަލު ކުރި މީހުން ހެޔޮ ޢަމަލު ކުރި މީހުންނާއެވެ. އަދި ނުބައި ޢަމަލު ކުރި މީހުން ނުބައި ޢަމަލު ކުރި މީހުންނާއެވެ. އަދި ކޮންމެ އުއްމަތެއްގެ ބަޔަކުވެސް އެބަޔެއްގެ އުއްމަތަކާ ގުޅިގެންދާނެއެވެ. (وَتَرَ‌ىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴿٢٨﴾  ) މާނައަކީ: ” އަދި ކޮންމެ أمّة އެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ أمة އެންމެ އެ أمّة އެއްގެ (عمل ގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.