ޚަބަރު ފީތާ

ހެއިޓީގެ ރައީސް އަވަހާރަކޮށްލި މީހުން އަމަލު ކުރީ އެކަމަށް ފަންޑު ކުރި މީހުން އެންގި ގޮތަކަށް ނޫން!

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަ ކޮށްލި މައްސަލައިގަ ހައްޔަރު ކޮށްފައި ތިބި މީހުން އަމަލު ކޮށްފައިވަނީ އެކަމަށް ފަންޑު ކުރި މީހުން އެންގި ގޮތަށް ނޫން ކަން އެނގިއްޖެ އެވެ.

އެ ގައުމުގެ ރައީސް އަވަހާރަ ކޮށްލަން ބަޑި ޖެހީ ވެރިރަށް ޕޯޓައު ޕްރިންސްގައި ގޭގައި ދިރިއުޅުއްވަނިކޮށެވެ. މި ހަމާގައި އަނބިކަނބަލުންނަށް އަނިޔާވެފައިވެ އެވެ.

މި މައްސަލައިގަ 28 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކެމްބޯޑިއާގެ 26 މީހުންނާއި އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ ހެއިޓީގެ ދެ މީހުންނެވެ

އޭގެ ތެރެއިން ކެންބޯޑިއާ މީހެއްގެ ފަރާތުުން ލިބުނު މައުލޫމާތާއި ގުޅޭގޮތުން ފުލުހުންގެ އޮފިސަރަކު މީޑިއާަގައި ބުނީ އެމީހުންނަށް އިރުޝާދު ދީފައި އޮތީ ރައީސް ޖޮވެނެލް އަވަހާރަ ކޮށްލަން ނޫން ކަމަށެވެ. އެމީހުން އެ އޮޕަރޭޝަންގައި ކުރަން ޖެހޭ ކަމަކީ ޖޮވެނެލް ހައްޔަރު ކުރުން ކަމަށް އެމީހާ ބުނި ކަމަށެވެ.

އެކަމަކު އެމީހުން ހެއިޓީ ރައީސް މަރާލަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ. ހައްޔަރުކޮށްފައި ތިބި ހެއިޓީއަށް ނިސްބަތްވާ އެމެރިކާ ދެ މީހުން ތަހުގީގުގައި ބުނީ އެމީހުންނަކީ ރައީސް ޖޮވެނެލް އަވަހާރަކޮށްލުމުގައި ބައިވެރިވި ބައެއް ނޫން ކަމަށެވެ.

އެމީހުންގެ ޒިންމާއަކީ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށާއި ރައީސް އަވަހާރަ ކޮށްލިކަން އެނގުނީ އެ ދުވަހު އެތަނަށް ދިއުމުން ކަމަށެވެ.

މިހާރު ތުހުމަތު ކުރެވިފައިވާ ގޮތުގައި ރައީސް އަވަހާރަކޮށްލުމުގެ އަޑީގައި ވަނީ ސިޔާސީ އިސް ފަރާތްތަކެއްގެ އަތެވެ. އެކަމަކު އެކަމުގެ އަޑިއަށް އަދި ދެވޭވަރު ނުވާކަމަށްވެ އެވެ.

އެވަރު ތަހުގީގަށް އެނގުނީ މި މައްސަލައިގަ ހައްޔަރު ކުރި މީހުން މަސައްކަތް ކޮށްދެނީ ކެމްބޯޑިއާގެ ސެކިއުރިޓީ ކުންފުންޏަކަށް ކަމަށް ބުނެފައިވާތީ އެވެ. އަދި މީގެ ކުރިންވެސް މީހުން ހައްޔަރު ކުރުމާއި، ވަގަށް ނެގުމާއި މެރުމުގެ މަސައްކަތް ފައިސާއަށް އެމީހުން ކޮށްދީފައިވާ ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާތީ އެވެ.

މި މައްސަލަ ތަހުގީގުކޮށް ގައުމު ހަމަމަގަށް އެޅުމުގައި އެމެރިކާ އަސްކަރީއާގެ އެހީތެރިކަމަށް ހެއިޓީން ވަނީ އެދިފައި އެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން އެމެރިކާއިން ރަސްމީކޮށް އަދި ގޮތެއް ނިންމާ ހާމަ ކޮށްފައެއް ނުވެ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ހެއިޓީގެ ރައީސް އަވަހާރަކޮށްލި މީހުން އަމަލު ކުރީ އެކަމަށް ފަންޑު ކުރި މީހުން އެންގި ގޮތަކަށް ނޫން!"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.